ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި މަޑަވެއްޔާ ހޯނޑެއްދޫ ގުޅާލާނެކަމަށާއި އެކަމުގެ ސަބަބުން އެ ދެރަށުގެ ރައްޔިތުންނަށް ބޮޑެތި ކުރިއެރުން ތަކެއް ލިބިގެންދާނެކަމަށް ރިޔާސީ އިންތިޚާބަށް ކެމްޕެއިންކުރައްވަމުންގެންދަވާ އެޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. މިއަހަރުގެ ރިޔާސީ އިންތިހާބަށް އެޕާޓިން އެކުލަވާލާ މެނިފެސްޓޯއަށް ރައްޔިތުންގެ ޚިޔާލުހޯދުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ގދ މަޑަވެލީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، ދެރަށެއް ގުޅާލުންފަދަ މަޝްރޫއެއް ކުރިއަށް ގެންދެވޭނީ އެދެރަށެއްގެ ރައްޔިތުން އެކަމަށް އެއްބަސް ވާނަމަ ކަމަށެވެ. މީގެކުރިންވެސް މަޑަވެއްޔާއި ހޯނޑެއްދޫ ގުޅުވާލުމުގެ މަސައްކަތެއް ކުރެއްވިކަމަށާއި އެހެންނަމަވެސް އެކަމުގައި ހުރި ޚިޔާލު ތަފާތުވުންތަކެއް ހުރެގެން ނުވީކަމަށް ވިދާޅުވިއެވެ. އަދި އެ ޕާޓީގެ ވެރިކަމެއްގެ ފުރަތަމަ އަހަރު މަޑަވެލީގެ ބަނދަރު ހައްދަވައި ދެއްވާނެކަމަށްވެސް ގާސިމް ވަނީ ވިދާޅުވެފައެވެ. އަދި ރަށު ސްކޫލަށް ކްލާސް ރޫމް އިތުރު ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ހޯނޑެއްދޫގައި ހަދަން ފަށާފައިވާ މަސް ފެކްޓްރީގެ މަސައްކަތް ނިމުމުން އެ ދެރަށުގެ ރައްޔިތުންނަށް ވެސް އެކަމުގެ ސަބަބުން ބޮޑެތި ފައިދާތައް ލިބިގެން ދާނެކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އެފަދަ މަސައްކަތްތަކަށް ހުރސް އެޅުމުން އެކަމުގެ ދެރައާއި ނިކަމެތިކަން ލިބިގެންދާނީ ހަމަ އެރަށެއްގެ ރައްޔިތުންނަށް ކަމުން އެފަދަ އަމަލުތަށް ނުކުރުމަށް ރޭގެ ޖަލްސާގައި ގާސިމް ވަނީ އެދިވަޑައިގެންފައެވެ.
މަޑަވެއްޔާ ހޯނޑެއްދޫ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ގުޅާލާނެކަމަށް ގާސިމް ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ