މިއީ ސަރުކާރާ ދެކޮޅަށް ނުކުންނަންވީ ވަގުތު: ގާސިމް އިބްރާހީމް

މިއީ ސަރުކާރާ ދެކޮޅަށް ނުކުންނަންވީ ވަގުތު ކަމަށާއި މުޒާހަރާ ކުރުމަށް ރަށްރަށުގައި ތިބި ރައްޔިތުން މާލެ އައުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ގޮވާލައްވައިފިއެވެ.
ޖަރުމަނުވިލާތުގައި ހުންނަވައިގެން މިއަދު މެންދުރު ފަހު ރާއްޖެޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ގާސިމް ވިދާޅުވީ މިއީ ސަރުކާރާ ދެކޮޅަށް ނުކުންނަންވީ ވަގުތު ކަމަަށާއި މިއީ ވަކި ބައެއްގެ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑު އާދޭހާއެކު މިދަންނަވަނީ ދިވެހި ރައްޔިތުންނޭ ނުކުމެވަޑައިގަންނަވާށޭ. މިހާރުން މިހާރަށް މާލެ ވަޑައިގަންނަވާށޭ. އަދި މާލޭގައި އުޅުއްވާ ބޭފުޅުން ވެސް ނުކުމެ ވަޑައިގަންނަވާށޭ މިއީ ވަކި ބައެއްގެ ކަމެއް ނޫނޭ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވަނީ ސަރުކާރާ ދެކޮޅަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮންމެ ރައްޔިތަކު ވެސް ކުރުމަށް ގޮވާލާފައެވެ. އެގޮތުން ސިވިލް ސާވިސްގެ މުވައްޒަފުން ވެސް "ސިވިލް ޑިސްއޮބީޑިއެންޓަކަށް" ދިއުމަށް ގާސިމް ގޮވާލެއްވިއެވެ.
ސަރުކާރުން ކުރަމުންދާ ކަންތައްތަކަށް މުއައްސަސާތަކުން ތާއީދުކޮށްގެން ތިބޭ އިރު އެކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ގެއްލުންތަކުގެ ޒިންމާ އެ މުއައްސަސާތަކުން ވެސް އުފުލަން ޖެހޭނެ ކަމަށް ގާސިމްގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެެފައެވެ. އަދި މުއައްސަސާތަކުން ވެސް އަނގަ މަޑުން ލައިގެން ނުތިބުމަށްވެސް ގާސިމް ވަނީ ގޮވާލައްވާފައެވެ.
މީގެ އިތުރުން ގާސިމް ވަނީ ގާސިމް ވަނީ ސިފައިންނާއި ފުލުހުން ނުކުމެ ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރުމަށް ވެސް ގޮވާލައްވާފައެވެ.
ސިފައިންނާއި ފުލުހުންގެ މުއަސަސާއަށް ރައީސް ޔާމީން ހައްޔަރު ކުރުމަށް މިއަދު ގޮވާލެއްވި އިރު މީގެ ކުރިންވެސް ގާސިމް ގެންދަވަނީ ސަރުކާރާ ދެކޮޅަށް މީހުން ނުކުތުމަށް ތަކުރާރުކޮށް ގޮވާލަމުންނެވެ. ގާސިމްގެ ޖުމްހޫރީ ޕާޓީން ވެސް ބައިވެރިވާ ގޮތަށް ކޮންމެ ރެއަކުހެން މާލެ ތެރޭގައި ދަނީ މުޒާހަރާކޮށް އެކެއް ފެބްރުއަރީގައި ސްޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލަމުންނެވެ.
މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅި މައްސަލާގައި ތިން އަހަރުގެ ޖަލު ހުކުމެއް ގާސިމަށް އިއްވާފައިވާ އިރު ގާސިމްގެ ދަރިކަލުން ސިޔާދު އިބްރާހިމް ގާސިމް ވެސް ވަނީ ހައްޔަރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ