ހައުސިން އެއްބަސްވުމެއް އުވާލާ ބަދަލުގެ ގޮތުގައި 185 މިލިއަން ރުފިޔާ ސަރުކާރުން ދެނީ

ރާއްޖޭގައި 80 ހައުސިން ޔުނިޓު އެޅުމަށް 2011 އަހަރު ވެފައިވާ ކަމަށް ބުނާ އެއްބަސްވުމެއް އުވާލާ އެ މަސައްކަތް ކުރުމަށް ހަވާލު ކުރި ކުންފުންޏަށް ބަދަލުގެ ގޮތުގައި 185 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭން ސަރުކާރުން ނިންމައިފިއެވެ.
ވީއެފްޕީއަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި މިދިޔަ ފެބުރުއަރީ މަހުގެ 26 ވަނަ ދުވަހު ހައުސިން މިނިސްޓްރީއާއި އެ ހައުސިން ޔުނިޓުތައް އެޅުމަށް އެއްބަސްވި ކުންފުނި ސީލައިފް މޯލްޑިވްސްއާއި ދެމެދުވަނީ ސެޓެލްމެންޓު އެގްރިމެންޓެއް ހަދާފައެވެ. އެ އެގްރިމެންޓުގެ ދަށުން އެ އެގްރިމެންޓުގައި ބުނެފައިވާ ގޮތުގައި އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ސީލައިފް މޯލްޑިވްސްއިން 3،484،926.72 ޑޮލަރު ހަރަދުކޮށްފައިވެއެވެ. ނަމަވެސް ކުރީ ކޮންކޮން މަސައްކަތްތަކެއް ކަން ހާމަކޮށްފައެއް ނުވެއެވެ.
މަޝްރޫއު ކުރިއަށް ނުގެންދަން ނިންމާ އެ އެގްރިމެންޓު ބާތިލު ކުރާތީ ސީލައިފްއިން ކުރި މަސައްކަތުގެ އަގާއި އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ 12 މިލިއަން ޑޮލަރު(185،040،000 ރުފިޔާ) ދޭން އެއްބަސްވެފައިވެއެވެ.
އެފައިސާ ސީލައިފް މޯލްޑިވްސްއަށް ދޭން އެއްބަސްވެފައިވަނީ 12 އިންސްޓޯލްމެންޓަށް ބަހައިގެންނެވެ. ފުރަތަމަ އިންސްޓޯލްމެންޓުގެ ގޮތުގައި 15،420،000 މިލިއަން ދެވަނަ ޕޭމަންޓުގެ ގޮތުގައި 30،840،000 މިލިއަން އޭގެފަހުން ބާކީ 10 އިންސްޓޯލްމެންޓުގެ ގޮތުގައި ކޮންމެ ފަހަރަކު 13،878،000 މިލިއަން ރުފިޔާ ދިނުމަށް އެއްބަސްވެފައިވެއެވެ.
އެ ސެޓެލްމެންޓު އެގްރިމެންޓުގައި ބުނެފައިވާ ގޮތުގައި 17 ޖެނުއަރީ 2011 ވަނަ އަހަރު 80 ހައުސިން ޔުނިޓު ހަދަން ވެފައިވާ އެ އެއްބަސްވުން އުވާލަނީ އެއްބަސްވީ ގޮތަށް ލަގްޒަރީ ވިލާ އެޅުމަށް ވ.ތިނަދޫއިން ބިމެއް ދޭން އެއްބަސްވި ނަމަވެސް ރަށު ކައުންސިލުން އެކަމާ ދެކޮޅު ހަދައި ބިން ނުދިނުމުން ސީލައިފް މޯލްޑިވްސްއާއި އެ ބިން ހަވާލު ކުރެވިފައި ނުވާތީ ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކުން އެ މަޝްރޫއު ކުރިއަށް ގެންދިއުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަން ދެފަރާތަށް ވެސް ފެނިގެންނެވެ.
އެނގިފައިވާ ގޮތުގައި އެ ސެޓެލްމެންޓު އެގްރިމެންޓުގައި ސީލައިފް މޯލްޑިވްސްގެ ފަރާތުން ސޮއިކޮށްފައިވަނީ މެނޭޖިން ޑައިރެކްޓަރު އަހުމަދު މޫސާ މުހައްމަދެވެ. ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހީމް ނަޒީމެވެ.
ވީއެފްޕީއަށް އެނގިފައިވާ ގޮތުގައި ސީލައިފް މޯލްޑިވްސްގެ މެނޭޖިން ޑައިރެކްޓަރަކީ 2014 ވަނަ އަހަރު ހުޅުމާލޭގައި ރައީސް އަބްދުﷲ ޔާމީން ބިންގާ އެޅުއްވި 3000 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ސީލައިފް ގްލޯބަލްގެ ވެސް މެނޭޖިން ޑައިރެކްޓަރެވެ. ހުޅުމާލޭގައި އަލަށް މީހުން އާބާދުވި ސަރަހައްދުގައި އެ މަޝްރޫއުގެ ބިންގާ އެޅި ނަމަވެސް އެ މަޝްރޫއު ވެސް އަދިވަނީ ކުރިއަށް ގެންދެވޭ ގޮތް ނުވެފައެވެ.
ވ.ތިނަދޫ ކައުންސިލުގެ މެންބަރަކު ވީއެފްޕީއަށް ވިދާޅުވި ގޮތުގައި ތިނަދުއިން ބިން ދިނުމަށް އެރަށުން ދެކޮޅު ހެދީ ދޭން ޖެހޭ ބިން ބޮޑުވުމާއި އެ މަޝްރޫއުގެ ދަށުން ހައުސިން އަޅަން ނިންމާފައި އޮތީ ވެސް ތިނަދޫގައި ކަމަށް ނުވާތީ ކަމަށެވެ. މިހަބަރާއި ގުޅޭ ގޮތުން ހައުސިން މިނިސްޓްރީއާއި ސީލައިފް މޯލްޑިވްސްގެ އެމްޑީ އަހުމަދު މޫސާ މުހައްމަދުގެ ބަހެއް ވެސް ވަނީ ލިބޭ ގޮތް ނުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ