އިންތިހާބުގައި ނަޝީދަށް ވާދަކުރެވޭނެ ކަމަށް އދ. އިން ކަނޑައަޅާނެ: ޑރ. ޝަހީދު

މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަކުރެއްވޭނެ ކަމަށް، އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުން ކަނޑައަޅާނެ ކަމަށް، އދ. އިން އީރާނަށް ކަނޑައަޅާފައި ހުންނެވި ދީނީ އަދި ފިކުރީ މިނިވަންކަމާ ބެހޭ ޚާއްސަ މަންދޫބު ޑރ. އަހްމަދު ޝަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޝަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންތިހާބުގައި ނަޝީދަށް ވާދަކުރެއްވެން ޖެހޭނެ ކަމަށް މި އަހަރު ކަނޑައަޅާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ. އދ.ގެ އެ ނިންމުމާ އެކު ރައީސް އަބްދުﷲ ޔާމީނަށް ޖެހިވަޑައިގަންނަވާނީ ރިޔާސީ އިންތިހާބު ނުބާއްވާނެ ކަމަށް ކަނޑައަޅުއްވަން ކަމަށް ވެސް ޝަހީދު ވިދާޅުވި އެވެ.
ނަޝީދުގެ ބައިނަލްއަގުވާމީ ގާނޫނީ ވަކީލުން ވަނީ، އެ މަނިކުފާނުގެ މަދަނީ އަދި އިންސާނީ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ބުނެ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީ އަށް މައްސަލަ ހުށަހަޅައިފަ އެވެ. ނަޝީދަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ހޯދައިދޭން ވެސް އެ މައްސަލައިގައި ވަކީލުން އެދިފައިވެ އެވެ.
HRC Ruling aumah fahu @PresidentYAG ah jeheynee inthikhaab eh nubaavvane kamah kada alhan! @KerafaNaseem @MohamedNasheed @Ch13official https://t.co/rIkB8ib4d6— Ahmed Shaheed (@ahmedshaheed) January 2, 2018
މި މައްސަލަ އަށް އިޝާރާތް ކުރައްވައި ޝަހީދު ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވި ގޮތުގައި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީގެ ނިންމުންތަކަށް ތަބާވާނެ ކަމަށް ސެޕްޓެމްބަރު، 19، 2009ގައި ދިވެހި ސަރުކާރުން ވަނީ ސޮއިކޮށް، އިގުރާރުވެފަ އެވެ. އެހެންކަމުން، 2008 ގައި ހެދި ގޮތަށް، މި އަހަރުގެ އިންތިހާބުން ނަޝީދު ބޭރުކުރަން ޖާގަ ދީގެން ނުވާނެ ކަމަށް ޝަހީދު ވިދާޅުވި އެވެ.
ޑރ. އަހްމަދު ޝަހީދު: އޭނާ މިހާރު ހުންނެވީ އދ. އިން އީރާނަށް ކަނޑައަޅާފައިވާ ހާއްސަ މަންދޫބުގެ މަގާމުގައި.
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީ އަށް ނަޝީދުގެ ވަކީލުން މައްސަލަ ހުށަހެޅީ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު އެ މަނިކުފާނު މިނިވަންކުރަން ދިވެހި ސަރުކާރަށް ގޮވައިލި ގޮވައިލުމަށް އަމަލު ނުކުރުމުންނެވެ. އެ ގްރޫޕުން ނިންމާފައި ވަނީ، ނަޝީދަށް ހުކުމް އިއްވާފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށާއި ވަގުތުން އެ މަނިކުފާނު މިނިވަންކުރަން ޖެހޭ ކަމަށެވެ.
ނަމަވެސް އެ ނިންމުމަކީ ދިވެހި ސަރުކާރުން މައުލޫމާތު ނުހޯދައި ނަޝީދުގެ ކޮޅަށް ބުރަވެފައި އޮތް ނިންމުމެއް ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ނަޝީދަށް ގެއްލުނީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގިރިފުށީގައި ހައްޔަރު ކުރި މައްސަލައިގައި އިއްވި 13 އަހަރުގެ ޖަލު ހުކުމާ ގުޅިގެންނެވެ. މި ހުކުމުގައި ނަޝީދު ހުންނެވިހާ ހިނދަކު، ބައިނަލްއަގުވާމީ ޕްރެޝަރާ އެކު ރާއްޖެ ވަޑައިގެންނެވިއަސް އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ނުދޭނެ ކަަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ހުރިހާ ފުރުސަތުތަކެއް ނަޝީދަށް ބަންދުވެފައިވީ ނަމަވެސް އެމްޑީޕީން ބޭނުން ވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނަޝީދު ނެރޭށެވެ. އިންތިހާބު ބާއްވަން ވާ އިރަށް ނަޝީދުގެ ކެންޑިޑެސީ ޔަގީންވާނެ ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ