ކުރީގެ ސީޕީ އަބްދުﷲ ރިޔާޒް ޝަރަފްވެރިކަމާއެކު މަގާމުން ރިޓަޔަރކުރައްވައިފި


ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ޝަރަފްވެރި ކަމާއެކު މަގާމުން ރިޓަޔަރކުރައްވައިފިއެވެ.
 
މިކަމަށްޓަކައި އިސްކަންދަރު ކޮށީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރިޓަޔާޑް އަބްދުﷲ ރިޔާޒަށް ޝަރަފްގެ ލިޔުމާއި، ހަދާނީ ފިލާ ހަވާލު ކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ޑރ.މުހައްމަދު ޖަމީލު އަހްމަދެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވަނީ، ރިޓަޔާޑް އަބްދުﷲ ރިޔާޒް ފުލުހުންގެ ޚިދުމަތުގައި ކޮށްދެއްވި މަސައްކަތްޕުޅުތައް ފާހަގަކޮށް އެމަނިކުފާނަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ރިޔާޒަކީ ފަހުގެ ތާރީހުގައި، ގައުމަށް ކުރިމަތިވި އެންމެ ނުރައްކާތެރި ދަނޑިވަޅުގައިއާއި ރައްޔިތުން އެންމެ ބޭނުންވި ވަގުތުގައި، ގައުމުގެ މަސްލަހަތުގައި މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށް ވިދާޅުވިއެވެ.
 
މިރެއަކީ ވަދާއީ، ރެއެއްގެ ގޮތުގައި ނުބަލައި، ގައުމާއި ރައްޔިތުންގެ ހައްގުގައި، ހިދުމަތް ކުރުމަށްވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ. އަދި މިސަރުކާރުގެ ހޯމް މިނިސްޓަރ އުމަރު ނަސީރަކީ، ވަރަށް ގާބިލް، ކެރޭ، ބޭފުޅެއް ކަމުގައި ވިދާޅުވެ، ފުލުހުންގެ މުއައްސަސާ ހަރުދާނާ ކުރެއްވުމަށް ފަށާފައިވާ މަސައްކަތްތައް ފާހަގަކޮށް އެމަނިކުފާނަށްވެސް ނައިބު ރައީސް ޝުކުރުއަދާ ކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ފުލުހުންގެ އިދާރާ ހަރުދަނާ ކުރެއްވުމަށް، ސަރުކާރުން ދެއްވަން ޖެހޭ އެއްބާރުލުން ވަރަށް ފުރިހަމައަށް ދެއްވާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
 
ރިޓަޔާޑް އަބްދުﷲ ރިޔާޒް ދެއްކެވި ވާހަކަ ފުޅުގައި މިފަދަ ޝަރަފެއް އެމަނިކުފާނަށް ދެއްވީތީ ހޯމް މިނިސްޓަރަށާއި، ފުލުހުންގެ އިދާރާއަށް ޝުކުރު އަދާ ކުރެއްވިއެވެ. އަދި ކޮމިޝަނާރ އޮފް ޕޮލިސްގެ މަގާމާއި ހަވާލުވެ ވަޑައިގަތް ދަނޑިވަޅަކީ ވަރަށް ގިނަ ގޮންޖެހުން ތަކާއި ކުރިމަތިވި ދަނޑިވަޅެއް ކަމަށް ވިދާޅުވިއެވެ. ސީ.ޕީގެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ގިނަ ފަރާތް ތަކަކުން އެކަމާ ސުވާލު ކުރިމަތި ކުރުވި ކަމަށާއި، އެމަނިކުފާނު އިސްތިއުފާ ދެއްވީ، ސިޔާސީ ދާއިރާއިން، ކުރިއަށް ދިއުމަށް ކަމަށް އަބްދުﷲ ރިޔާޒް ވިދާޅުވިއެވެ. އަދި ފެބްރުއަރީ އަށާރައިގައި،ޕޮލިސް ލީޑާރ ޝިޕްވެސް ފެއިލްވެފައިވާ ދަނޑިވަޅެއްގައި، އެގޮންޖެހުމާއި ކުރިމަތިލީ އެމަނިކުފާނުގެ ހިދުމަތް ގައުމަށް ބޭނުން ވެފައިވާކަން އެނގޭތީ ކަމަށްވެސް ވިދާޅުވިއެވެ.
 
މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އުމަރު ނަސީރު ދެއްކެވި ވާހަކަ ފުޅުގައި، ރިޓަޔާޑް އަބްދުﷲ ރިޔާޒްގެ ވެރިކަމުގެ ދަށުން، ފުލުހުންގެ މުއައްސަސާއަށް ހައިރާންވާ ވަރުގެ ކުރިއެރުން ތަކެއް ހޯދައިދީފައިވާ ކަން ފާހަގަކުރެއްވިއެވެ. އަދި ސިޔާސީ މައިދާނުގައި ވެސް އަބްދުﷲ ރިޔާޒް އަށް އެއްބާރުލުން ދެއްވާނެ ކަމަށާއި، ފުލުހުންގެ އަގު ވެއްޓޭ ގޮތަށް މަސައްކަތް ކުރުމަށް ފުރުސަތު ނުދެއްވާނެ ކަމަށް ހޯމް މިނިސްޓަރ ވަނީ ވިދާޅުވެފައިވެއެވެ. އަދި މިހާރުގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދަކީވެސް ވަރަށް ގާބިލް ބޭފުޅެއް ކަމަށާއި، އެމަނިކުފާނަށްވެސް، އެއްބާރުލުން ދެއްވާނެ ކަމަށް އުމަރު ނަސީރު ވިދާޅުވިއެވެ.
 
 
ރޭގެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދުވެސް ވަހަކަފުޅު ދައްކާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ