ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީޢަތައް މިއަދު ވެސް އެމަނިކުފާނުގެ ސިއްހީ ހާލަތު ހުރިގޮތުން ހާޒިރު ކުރެވެން ނެތް ކަމަށް ފުލުހުން ވިދާޅުވުމުން ޝަރީޢަތް ކެންސަލް ކޮށްފިއެވެ.
މިއަދު ކޯޓުގައި ތާވަލުކޮށްފައި އޮތީ މައުމޫންގެ މައްޗަށް އުފުލާފައިވާ ނިރުބަރުވެރިކަމުގެ (ޓެރަރިޒމްގެ) ޢަމަލެއް ކުރަން އުޅުމުގެ ދައުވާގެ އަޑު އެހުމެކެވެ.
މިއީ މި މައްސަލައިގެ އަޑުއެހުން ޖެހިޖެހިގެން ކެންސަލްކުރި ދެވަނަ ފަހަރެވެ.
މި މައްސަލައިގައި ބާއްވާފައިވާ ހަމައެކަނި އަޑުއެހުން ބާއްވާފައިވަނީ 2018 އެޕްރީލް 29 ވީ އާދީއްތަ ދުވަހުއެވެ. އެ ދުވަހު ބޭއްވި ފުރަތަމަ އިބްތިދާއީ އަޑުއެހުމުގައި މައުމޫނުގެ މައްޗަށް ނިރުބަވެރިކަމުގެ ދައުވާ އިއްވާފައިވާއިރު، މައުމޫން ވިދާޅުވީ މައްސަލައާއިގެން ކުރިއަށް ދާނެ ބޭނުންފުޅުވެލައްވަނީ ޤާނޫނީ ވަކީލަކާ އެކު ކަމަށެވެ. އެދުވަހުގެ ޝަރީއަތް ގާޒީ ހައިލަމް ނިންމަވާލެއްވީ ވަކީލަކު އައްޔަން ކުރަން 2 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.
މައުމޫނުގެ މައްޗަށް ކުރާ އެއްވެސް ދައުވާއެއްގެ އަޑު އެހުމެއް ކުރިއަށް ނުގޮސް މަޑުޖެހިފައިވާއިރު، އެމަނިކުފާނުގެ ޞިއްޙީ ހާލުކޮޅު ރަނގަޅު ނޫންކަމަށް އާއިލައިން ދަނީ ބުނަމުންނެވެ. އެކަމުގެ ސަބަބުން އެހީތެރިވުމަށް އަނބިކަނބަލުން ޖަލަށް ވަޑައިގަންނަވަން ފައްޓަވާފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.
2018 ފެބުރުވަރީ 1 ވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން މައުމޫންގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫނާއި، ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އަދި ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަޙްމަދުގެ އިތުރުން ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު އަރީފު އަދި އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުއާއި، ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދާއި، މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްއާއި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޙްލޫފްގެ މައްޗަށްވެސް ނިރުބަވެރިކަމުގެ އަމަލެއް ހިންގުމުގެ ދައުވާ ކޮށްފައިވާއިރު، މި ކުށް ސާބިތު ވެއްޖެނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.
މީގެ އިތުރުން މައުމޫންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ހެކިތަކެއް ހުރި ކަމަށް ބެލެވޭތީ އެމަނިކުފާނުގެ ފޯނު ދޭން އެންގުމުން ފޯނު ދީފައި ނުވާތީ، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ ޝަރީއަތްވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް ދާކަން ފާހަގަކޮށްލެވެއެވެ.
ސިއްހީ ހާލަތު ހުރިގޮތުން މައުމޫން ކޯޓަށް ހާޒިރެއް ނުކުރެވުނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ