ކަރަންޓުގެ ބޮޑު ބިލާ އެކު ޝަކުވާ އިތުރުވެއްޖެ

ބައެއް ތަންތަނަށް ގާތްގަނޑަކަށް ދެ މަސް ދުވަހުގެ ރީޑިންއާ އެކު ބިލް ފޮނުވުމުން ކަރަންޓު ބިލް ބޮޑުވެ، ޝަކުވާ ކުރަން ފަށައިފި އެވެ.
"މިހާރު" އަށް ކޮޕީއެއް ލިބިފައިވާ އެއް ބިލުގައި ވަނީ 59 ދުވަހުގެ ރީޑިން އަށް ބިލްކޮށްފަ އެވެ. މިދިޔަ ފެބްރުއަރީ 15ން އޭޕްރިލް 15އަށް ނެގި ރީޑިންއާއެކު ހެދި ބިލަށް 38،498ރ. އަރާފައިވެ އެވެ. އަދި އޭގެ އިތުރުން އެހެން ގެއަކުން ވެސް މަހަކަށް ވުރެ ގިނަ ދުވަހުގެ ރީޑިންއާ އެކު ބިލް ހަދާފައިވާތީ ބިލް ބޮޑުވި ކަމުގެ ޝަކުވާކޮށްފައިވެ އެވެ. އެ ގޭގެ ކަރަންޓު މީޓަރު ކައިރީގައި ހަރުކޮށްފައިވާ ނޯޓިސްއެއް ވެސް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ނޯޓިސްގައި ބުނެފައި ވަނީ "30 ދުވަސް ހަމަކޮށްފައި ރީޑިން ނެންގެވުން އެދެން، އަގުހެޔޮ ކަރަންޓުގެ ފޮނި މީރުކަން އަހަރެމެން ބޭނުން" ކަމަށެވެ.
ސްޓެލްކޯގެ ޓެރިފް ރޭޓް ހަދާފައިވާ ގޮތުން ކަރަންޓް ބޭނުންވާ މިންވަރު އިތުރުވާ ވަރަކަށް ބިލްކުރާ ބޭންޑް ތަފާތުވެ އެވެ. އެގޮތުން މަތީ ބޭންޑުތަކުން ޗާޖުކުރާ މިންވަރު ބޮޑުވެ އެވެ. އެހެންވެ ގިނަ ދުވަސްތަކެއްގެ ރީޑިން ނަގައިގެން ބިލް ހަދައިފި ނަމަ ކަރަންޓް ބިލް އިތުރަށް ބޮޑުވެގެން ދެ އެވެ.
ސްޓެލްކޯއިން 59 ދުވަހު ރީޑިން ނެގުމަށްފަހު ފޮނުވި ބިލެއްގެ ކޮޕީއެއް. ކޮންމެ 30 ދުވަހުން އެއްފަހަރު މީޓަރުގެ ރީޑިން ނަގަން ޖެހޭ.
"މިހާރު"އަށް ކޮޕީ ލިބިފައިވާ އެ ބިލު އެހާ ބޮޑުވި ސަބަބަކީ 601 ޔުނިޓުން ފެށިގެން 3،000 ޔުނިޓާ ދެމެދު ޔުނިޓަކަށް 4.35ރ. ގެ ރޭޓުން ޗާޖުކުރުމަށްފަހު، 3001 ޔުނިޓާ 10،000 ޔުނިޓާ ދެމެދުގެ ކޮންމެ ޔުނިޓަކަށް 5.75ރ.ގެ ރޭޓުން ވެސް ޗާޖުކުރުމުންނެވެ. އެގޮތުން ކުރިން 31 ދުވަހު 4،122 ކިލޯވޮޓްގެ ކަރަންޓް ބޭނުންކުރިއިރު ފަހުން ފޮނުވި ބިލުގެ 59 ދުވަހު 8،296 ކިލޯވޮޓްގެ ކަރަންޓް ބޭނުންކުރި ކަމަށް އެ ބިލުގައިވެ އެވެ.
އެ މައްސަލައާ ގުޅިގެން ސުވާލުކުރުމުން ސްޓެލްކޯގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ މަހުން މަހަކަށް ރީޑިން ނަގައި ބިލް ނުފޮނުވާކަމުގެ ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ބައެއް ތަންތަނަށް ނުވަދެވިގެން ކަމަށް ބުނެ ތިން މަސްވަންދެން ވެސް ބިލްނުފޮނުވާ ހުރިކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބިފައިވޭ ބައެއް ތަންތަނަށް ރީޑީން ނަގަން ނުވަދެވިގެން ބިލް ނުކުރެވި ހުރިކަމަށް، އެކަމަކު އެއީ ހަގީގަތަކަށް ވެސް ނުވެދާނެ. މުވައްޒަފުންގެ ފަރުވާކުޑަވުމުން ވެސް އެބަހުރި ރީޑިން ނުނެގި. އެކަންތައް ތަކުރާރުވާ ސްޓާފުންގެ ބަޔާން ނަގަމުން މިދަނީ،" އެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބިލް ނުކުރެވި އޮތީ މުވައްޒަފެއްގެ އިހުމާލުން ނަމަ އެ މީހަކާ މެދު ފިޔަވަޅު އަޅާ ކަމަށެވެ. އެގޮތުން މިހާތަނަށް ދެ މުވައްޒަފަކާ މެދު ވެސް ފިޔަވަޅު އަޅާފައިވާނެ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.
"ރީޑިން ނުނަގައި ތިރީސް ދުވަހަށް ވުރެ އިތުރުވެގެން ނުވާނެ. އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ