ބަންޑާރަ ނައިބަށް ފިޔަވަޅު އެޅުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފި

ބަންޑާރަ ނައިބު، މުހައްމަދު އަނިލްއައާއި މެދު ފިޔަވަޅު އެޅުމަށް، ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ. މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ޖުމްހޫރީ ޕާޓީންނެވެ.
އެ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހެޅު މައްސަލައިގައި ވަނީ، ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރަށް ބަންޑާރަ ނައިބު ނުކިޔަމަންތެރި ވެފައިވާ ކަމަށެވެ. އަދި ވަކި ކަމެއް ކުރަން އެ އަމުރުގައި އަންގަވާފައި ވަނިކޮށް އެކަން ދިރާސާ ކުރުމަށްފަހުގައި ނޫނީ ތަންފީޒު ނުކުރާނެ ކަމަށް ވިދާޅުވެ، އަމުރު ތަންފީޒު ކުރުން ލަސްކޮށް އެކަމަށް ހުރަސް އަޅާފައިވާތީ އަނިލްގެ މައްޗަށް ފިޔަވަޅު އެޅުމަށް އެދިފައި ވެއެވެ.
މިރޭ ސުޕްރިމް ކޯޓުން ނެރުނު އަމުރުގައި ޖަލަށް ލާފައިވާ ބައެއް ޤައިދީން މިނިވަންކޮށް އެނޫންވެސް ގިނަ ޢަމުރުތައް ކޮށްފައިވާއިރު، އަނިލް ވިދާޅުވެފައި ވަނީ އެ އަމުރުތައް ކޯޓުން ނެރެފައި ވަނީ، ދައުލަތުގެ ފަރާތުން އެޓާނީ ޖެނެރަލް އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ ވެސް ބައިވެރިވުމެއް ނެތި ކަމަށެވެ.
އެހެން ކަމުން އެކަން ސާފުކުރުމަށް ސުޕްރީމް ކޯޓާ ވާހަކަ ދައްކަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި، އެ އަމުރުގެ ސައްހަކަން ބަލަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ