އިންޑިއާގައި 100،000 ވަޒީފާ އަށް 20 މިލިއަން މީހުން

ނިއު ދިއްލީ (މާޗް 28) - އިންޑިއާ ސަރުކާރުން ހިންގާ ރޭލްވޭގެ 100،000 ވަޒީފާ އަށް 20 މިލިއަން މީހުން ހުށަހަޅައިފައިވާ ކަމަށް ރޭލްވޭ މިނިސްޓްރީން ބުނެފި އެވެ.
ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ވަޒީފާ އަށް ހުށަހެޅުމުގެ މުއްދަތު ހަމަވާ ތާރީޚަކީ އަންނަ ހޮނިހިރު ދުވަސް ކަމަށާއި އެހެންވެ އެޕްލިކޭޝަންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށެވެ. މެދު ފަންތި އާއި ދަށް ލެވެލްގެ ވަޒީފާތަކަށް ލިބުނު ތަރުހީބު ބޮޑުވުމުން ހައިރާންވި ކަމަށް އޮފިޝަލުން ބުނެފައިވެ އެވެ.
"ވަޒީފާތަކަށް އެބަހުރި ޝަރުތައް ވުރެ މާ މަތިން ވެސް ކުރިމަތިލާފައި. މިސާލަކަށް ޓެކްނީޝަނެއްގެ ވަޒީފާ އަށް އެބަތިބި ޕީއެޗްޑީ ނަގައިފައި ތިބި މީހުން ވެސް ހުށަހަޅާފައި،" އިކޮނޮމިކް ޓައިމްސް އަށް ރޭލްވޭ އޮފިޝަލަކު ވިދާޅުވި އެވެ.
ޕީޓީއައި އިން ބުނީ ޑްރައިވަރުންނާއި ޓެކްނީޝަނުންގެ ވަޒީފާ އަށް އޮންލައިންކޮށް އެކަނި ވެސް ފަސް މިލިއަނަށް ވުރެ ގިނަ މީހުން ހުށަހަޅާފައިވާ ކަމަށެވެ.
ދުނިޔޭގެ އެންމެ ބޮޑު ރޭލްވޭ ނެޓްވޯކް އޮންނަނީ އިންޑިއާގައި. --ފޮޓޯ:ގެޓީ އިމޭޖަސް
ދުނިޔޭގެ އެންމެ ބޮޑު ރޭލްވޭ ނެޓްވޯކް އޮންނަނީ އިންޑިއާގަ އެވެ. އިންޑިއާގެ ރޭލްވޭ ނެޓްވޯކް ދުވާލަކު 23 މިލިއަން މީހުން ބޭނުން ކުރެ އެވެ. އިނގިރޭސިންގެ އިސްތިއުމާރުގެ ދުވަސްވަރު ގާއިމްކުރި ރޭލްވޭ އަކީ އިންޑިއާގެ ދަތުރުފަތުރުގެ މައިބަދަ އެވެ. ދުނިޔޭގައި އެންމެ ގިނަ މީހުން ވަޒީފާ އަދާކުރާ ތަނަކީ ވެސް އިންޑިއާގެ ރޭލްވޭ އެވެ. މިލިއަނަކަށް ވުރެ ގިނަ މީހުން އިންޑިއާގެ ރޭލްވޭ ނެޓްވޯކުގައި މަސައްކަތް ކުރެ އެވެ.
އިންޑިއާ އަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ވަޒީފާ ނެތް މީހުންގެ އަދަދު އިތުރުވުމެވެ. އިންޑިއާގެ އެންމެ ބައިބޯ އުއްތަރަ ޕްރަދޭޝް ސްޓޭޓުން 2015 ވަނަ އަހަރު ހުޅުވާލި އާދައިގެ ލެވެލްގެ 368 ވަޒީފާ އަށް 2.3 މިލިއަން މީހުން ކުރިމަތިލި އެވެ. ހަމަ އެ އަހަރު ވަނީ ދެކުނުގެ ވިސަކަޕަޓްނަމްގައި ސިފައިންގެ ވަޒީފާ އަށް ހުޅުވާލުމުން އެތައް ހާސް ބަޔަކު އެއް ފަހަރާ އެޕްލިކޭޝަން ހުށަހަޅަން އުޅުމުގެ ތެރޭގައި ފިތިގެން އެތައް ބަޔަކު ޒަޚަމްވެފަ އެވެ.
މުމްބާއީގެ ފުލުހުންގެ ވަޒީފާއާ ގުޅެން 10،000 މީހުން ފޯމް ހުށަހެޅުމުގެ ތެރޭގައި 2010 ވަނަ އަހަރު ވަނީ އެކަކު މަރުވެ 11 މީހުން ޒަޚަމްވެފަ އެވެ. އިންޑިއާގެ ވެސްޓް ބެންގާލް ސްޓޭޓުން 281 ވަޒީފާ އަށް އިއުލާން ކުރުމުން ގާތްގަނޑަކަށް އެއް މިލިއަން މީހުން ކުރިމަތިލި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ