ހުޅުމާލޭ ޕްރީ ސްކޫލް ދަރިވަރުންގެ ކިޔެވުން ލާލޭ އަށް

ހުޅުމާލޭ ޕްރީ ސްކޫލްގެ ބޮޑު ބައެއް އަނދައިހުލިވެފައިވާތީ އެ ސްކޫލްގެ ދަރިވަރުންގެ ކިޔެވުން ލާލޭ އިންޓަނޭޝަނަލް ސްކޫލަށް ބަދަލުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ހުޅުމާލެ ޕްރީސްކޫލުގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި ސްކޫލުގެ ޢިމާރާތަށާއި ތަކެއްޗަށް ގެއްލުން ވެފައިވާ ކަމަށާއި ނަމަވެސް މިފަދަ ވަގުތެއްގައި އިސްކަން ދޭން ޖެހެނީ ސްކޫލްގައި ކިޔަވުން މެދުކެނޑިގެން ދިޔަ ނުދިނުމަށް ކަމަށެވެ.
އެގޮތުން ލާލޭ ޔޫތް އިންޓަނޭޝަނަލް ސްކޫލްގައި ވަގުތީ އިންތިޒާމެއްގެ ދަށުން ހުޅުމާލޭ ޕްރީސްކޫލުގެ ދަރިވަރުންނަށް ކިޔެވުން ކުރިއަށް ގެންދެވޭނެ އިންތިޒާމު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ހަމަޖައްސައި، އެ ހާދިސާގައި ހަލާކުވެގެންދިޔަ ކިޔަވައިދިނުމަށް ކޮންމެހެން ބޭނުންވާ ތަކެތި ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.
ހުޅުމާލެ ޕްރީސްކޫލުގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި ސްކޫލުގެ ޢިމާރާތަށާއި ތަކެއްޗަށް ގެއްލުން ވެފައިވާތީ، ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި ސްކޫލްގެ ޢިމާރާތަށް ލިބިފައިވާ ގެއްލުމަށް ބަލާއިރު އެ އިމާރާތުގައި އަލުން ދަރިވަރުންނަށް ކިޔަވައިދޭނަމަ އެޢިމާރާތް ވަރަށް ބޮޑަށް މަރާމާތުތަކެއް ކުރަން ޖެހޭ ކަމަށް އެމިނިސްޓްރީން ބުނެ އެވެ.
ހުޅުމާލޭ ޕްރީ ސުކޫލުގައި އިއްޔެ ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާގައި އެތަން ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައިވާތީ ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި އެތަން ބޭނުން ކުރެވޭ ވަރަށް ހަދައި ދިނުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ