ރައީސް ވަޙީދަށްވެސް ރިޔާސީ ޓިކެޓް ލިބޭނީ ޕްރައިމެރީގައި ވާދަކުރައްވައިގެން: އުމަރު ނަސީރު

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ހަސަން މަނިކަށްވެސް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޕްރައިމަރީއަކުން ނޫނީ ލިބިވަޑައި ނުގަންނަވާނެ ކަމަށް އެޕާޓީގެ އިންތިޤާލީ ނާއިބް ރައީސް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ އަސާސީ ޤަވާއިދު އޮތްގޮތުން ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ޕާޓީގެ ރިޔާސީ ޓިކެޓް ޕްރައިމަރީއަކާއި ނުލައިވެސް ލިބޭނެގޮތް ހަމަޖެހިފައިވާ ކަމަށް ބުނެ، ބައެއް ފަރާތްތަކުން ދައްކަމުންގެންދާ ވާހަކަތަކާއި ގުޅިގެން އުމަރު ވިދާޅުވީ އެއީ އެޕާޓީގެ އަސާސީ ޤަވާއިދުން އެކަން ހަމަޖެހިފައި އޮތްގޮތް ނޫން ކަމަށެވެ.
އަސާސީ ޤަވާއިދުގައި އޮންނަނީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސްކަމުގައި ހުރެ އެހެން ދައުރަކަށް ކުރިމަތިލާން ބޭނުންވެއްޖެނަމަ އެފުރުސަތު ޕްރައިމަރީއަކާއި ނުލައި ހަމަޖެއްސިދާނެ ވާހަކަ ކަމުގައި އުމަރު ވިދާޅުވިއެވެ.
އެކަމަކު މިހާރުގެ ރައީސް ޑރ.ވަހީދަށް އެފުރުސަތު އެގޮތަށް ލިބިވަޑައި ނުގަންނަވާނެ ކަމަށާއި، އެމަނިކުފާނަށްވެސް އޮތް ފުރުސަތަކީ ޕާޓީގެ މެންބަރަކަށް ވެވަޑައިގެން، ކުރިއަށްއޮތް ރިޔާސީ ޕްރަމަރީގައި ވާދަކޮށް ކާމިޔާބު ހޯއްދެވުން ކަމަށް އުމަރު ވިދާޅުވިއެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް ޑރ.ވަހީދު ވެވަޑައިގެންފާނެ ކަމުގެ އަޑުތައް ގަދަވެފައިވާއިރު، ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީއަކީ ވަރަށް ވާދަވެރި ޕްރައިމަރީއަކަށް ވާނެކަމަށް ވަނީ ބެލެވިފައެވެ.
ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް އުމަރު ޝައުޤުވެރިކަން ފާޅުކުރައްވާފައިވާއިރު، ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަދި ރައީސް މައުމޫންގެ ކޮއްކޯފުޅު އަބުދުﷲ ޔާމީންވެސް ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ޕީޕީއެމްގެ ފުރަތަމަ ކޮންގްރެސް މިއަހަރުގެ ޑިސެމްބަރުމަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެޕާޓީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށް އެޕާޓީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ