އަބްދުﷲ ގާޒީއާ ރައީސް ޔާމީން ބައްދަލުކުރެއްވި ސަބަބު ބުނެދޭން ޖެހޭނެ: ރޮޒައިނާ
ރޭ ވަގުތެއްގައި ރައީސް އަބްދުﷲ ޔާމީން، ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދާ ބައްދަލު ކުރައްވަން ޖެހިވަޑައިގަތް ސަބަބެއް ރައްޔިތުންނަށް ސާފުކޮށް ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އަބްދުﷲ ގާޒީ ބަންދުކުރި މައްސަލާގައި، ޓެރަރިޒަމްގެ ކުށް ސާބިތުވެގެން 13 އަހަރުގެ ޖަލު ހުކުމެއް ނަޝީދު މިހާރު ތަންފީޒު ކުރައްވަމުން ގެންދަވާއިރު، އެމަނިކުފާނު ދޫކޮށްލުމަށް ގޮވާލައި މާލޭގައި ބޭއްވި މުޒާހަރާގައި ރޮޒައިނާ ވިދާޅުވީ "ދަންވަރު ބޮނދަބޮނދައިގެން ކޯޓެއްގެ ގާޒީއަކާ ރައީީސް ޔާމީން ބައްދަލު ކުރެއްވުމަކީ ރާއްޖޭގެ ޝަރުއީ ދާއިރާގައި މިނިވަން ކަމެއް އިންސާފެއް ނެތްކަން ހާމަކޮށް ދޭ" ކަމެއް ކަމަށެވެ. "އަޅުގަނޑުމެންނަށް ރޭގަ ވެސް ފެނިގެން މި ދިޔައީ މަނިކުފާނު އެއްކަލަ އަތެއް ނުބާނާނަމޭ ބުނާ ފަނޑިޔާރު ގޭތެރެ އަށް އަތް ބާނައިގެން ހާވަން އޮއްވައި. ކޮން ކަމެއްތޯ އަބްދުﷲ ގާޒީ ކުރަން އޮންނާނީ ދަންވަރު ދަޅައިގައި ޔާމީނުގެ ގޭގައި. އަޅުގަނޑަކަށް ހަމަ އެެއްގޮތަކަށް ވެސް ނުފެނޭ ކްރިމިނަލް ކޯޓްގެ ފަނޑިޔާރަކު ރައީސް ޔާމީންގެ ގެއަށް ދަންވަރު ވަދެގެން ކުރަން ޖެހޭނެ ކަމެއް،" ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ރޮޒައިނާ ވިދާޅުވި އެވެ. މިއަދު ހަވީރު އެމްޑީޕީން މާލޭގައި މުޒާހަރާ ކުރަނީ:---ހަވީރު ފޮޓޯ: މުހައްމަދު ޝަރްހާން ރައީސް ޔާމީންގެ ގެކޮޅުގައި އެމަނިކުފާނު ރޭ ވަނީ ދެ ގަޑިއެއްހާއިރު ވަންދެން އަބްދުﷲ ގާޒީއާ ބައްދަލު ކުރައްވައިފަ އެވެ. އަދި އެކަމާ ގުޅޭ ގޮތުން ސަރުކާރުން އެއްވެސް ވާހަކައެއް މިހާތަނަކަށް ނުދައްކަ އެވެ. ރޮޒެއިނާ ވިދާޅުވީ ގާނޫނުއަސާސީގެ ދަށުން ވެސް ރައީސުލްޖުމްހޫރިއްޔާ ފަނޑިޔާރަކާ ބައްދަލު ކުރައްވާ ނަމަ އެއީ ކޮން ކަމަކާ ގުޅިގެންތޯ ރައްޔިތުންނަށް ސާފުވާން ލާޒިމް ކަމަށެވެ. "ރައްޔިތު އެންމެންނަށް އެނގިގެން، އެންމެންގެ ކުރިމަތީގައި ރައީސް އޮފީހުގަ ރަސްމީ ގަޑީގައި ރީތިކޮށް ބައްދަލުކުރަން ވެއްޖިއްޔާ ކުރާނީ،" ރޮޒައިނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ސިއްރިއްޔާތުގައި ދަންވަރު ރައީސް ޔާމީން ފަނޑިޔާރުންނާ ބައްދަލުކުރައްވާ ނަމަ، މި ގައުމުގެ އިންސާފުގެ ދާއިރާ ރަނގަޅު ވާނެ ގޮތެއް ވިސްނިވަޑައެއް ނުގަންނަވަ އެވެ. ރޮޒައިނާ މިއަދު ވަނީ ނަޝީދުގެ އިސްތިއުނާފްގެ މައްސަލާފައި ޕްރޮސެކިއުޓ ޖެނެރަލް މުހުތާޒް މުހުސިނަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ