މާޒިޔާއާ އެއްވަރުކޮށް އަލިފުށިން ސެމީފައިނަލާ ގާތަށް

ނޫނު ކެނދިކުޅުދޫގައި ކުރިއަށްދާ "ވިންޑް ވޯރިއާސް ދަ މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް 2026" ގައި އިއްޔެ ކުޅެވުނު ގްރޫޕް އޭގެ ފޯރިގަދަ މެޗު، އަލިފުށި ރިކްރިއޭޝަން ކްލަބާއި މާޒިޔާ ޖޫނިއާސް ބައްދަލުކުރި ކުރިމަތިލުން 3-3 ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމިއްޖެއެވެ. މި ނަތީޖާއާއެކު އަލިފުށި ރިކްރިއޭޝަން ކްލަބުން ވަނީ ތާވަލުގެ އެއްވަނަ މަގާމަށް ޖެހިލާ، ސެމީ ފައިނަލުގެ އުންމީދު ބޮޑުކޮށްފައެވެ. މެޗު ފެށިގެން ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ވަރަށް ހަލުވި އަދި އެޓޭކިންގް ކުޅުމެކެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ މާޒިޔާ ޖޫނިއާސް އިންނެވެ. މެޗުގެ 5 ވަނަ މިނެޓުގައި އެ ޓީމުގެ ނައްސާހް އިބްރާހިމް ނާސިރު ވަނީ ހިތްގައިމު ގޯލެއް ޖަހައި މާޒިޔާއަށް ކުރިހޯދައިދީފައެވެ. މެޗުގައި މާޒިޔާއިން ލަނޑު ޖެހުމަށްފަހު-- ފޮޓޯ: ސިޑިބަރި އޭގެ ފަހުން މެޗުގެ 31 ވަނަ މިނެޓުގައި މާޒިޔާއިން ދެވަނަ ލަނޑެއް ޖަހައި ލީޑު ފުޅާކުރިއެވެ. މި ލަނޑުވެސް ކާމިޔާބުކުރީ ފުރަތަމަ ލަނޑުވެސް ޖެހި ނައްސާހުއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލިފުށިން ވަނީ ފުރަތަމަ ލަނޑު ޖަހާފައެވެ. މިއީ ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި އަޙްމަދު ހުސާމް ކާމިޔާބުކުރި ލަނޑެކެވެ. މެޗުގެ ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި އާދަމް އިމްރާން ވަނީ އަލިފުށީގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އެއަށްފަހު އަބްދުﷲ ޔާމީން ވަނީ މެޗުގެ 55 ވަނަ މިނެޓުގައި އަލިފުއްޓަށް ލީޑު ނަގައިދީފައެވެ. ނަމަވެސް މާޒިޔާގެ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ) ވަނީ 82 ވަނަ މިނެޓުގައި މާޒިޔާއިން ނަތީޖާ ހަމަހަމަކުރި ލަނޑު ކާމިޔާބުކޮށްދީފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލްކުރީ އަލިފުށި ޓީމުގެ އަހުމަދު ހުސާމް އެވެ. މި ނަތީޖާއާއެކު އަލިފުށި ވަނީ ތާވަލުގެ އެއްވަނަ މަގާމަށް ޖެހިލާފައެވެ. އެއީ ކުޅުނު ދެ މެޗުން ހޯދި ހަތަރު ޕޮއިންޓާއެކު އެވެ. އަލިފުށިން ވަނީ ކުޅުނު ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ ކެނދިކުޅުދޫގެ މައްޗަށް 3-0 އިން ކުރިހޯދާފައެވެ. މީގެއިތުރުން މިއީ މާާޒިޔާއިން މި މުބާރާތުގައި ނަތީޖާ ހަމަހަމަވި ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި އެއްވަރުވީ ޖިބިއްލީއާ ވާދަކޮށް 2-2 އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ