މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ނިލަންދޫ ދާއިރާގެ ވޯޓު އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
ކޮމިޝަނުން ބުނީ ހޮނިހިރު ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގެ ނިލަންދޫ ދާއިރާގެ ވޯޓް ކަރުދާސް ފޮނުވާފައިވާ ވޯޓްފޮށިތަކުގެ ސެކިއުރިޓީއުރަތައް ކަނޑައި، އެދާއިރާގެ ވޯޓް އަލުން ގުނުމަށް ނިންމާފައިވާ ކަމަށެވެ.
އަދި އެގޮތަށް ނިންމީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގަވައިދުގެ 43 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ވޯޓު ގުނުމުގައި ހިނގާފައިވާކަން ނުވަތަ ނޫންކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށެވެ. ކޮމިޝަނުން ބުނީ ވޯޓް އަލުން ގުނުމަށް ހަމަޖެހިފައިވަނީ ފެކަލްޓީ އޮފް ހެލްތް ސައިންސަސްގެ ހޯލްގައި މިއަދު 14:00 ގައި ކަމަށެވެ.
ވަގުތީ ނަތީޖާ އިއުލާން ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ވަގުތީ ރައީސް މެންބަރު މުހައްމަދު ފާރޫގު ވިދާޅުވީ ނިލަންދޫ ދާއިރާގެ ވަގުތީ ނަތީޖާ އިއުލާން ނުކުރެވުނީ އެ ދާއިރާއިން އެއްވަނަ ލިބުނު ކެންޑިޑޭޓާއި ދެވަނަ ލިބުނު ކެންޑިޑޭޓާއި ދެމެދު ހުރީ އެންމެ ވޯޓެއްގެ ތަފާތު ކަމުން އިތުރަށް ބެލުމަށް ކޮމިޝަނުން ބޭނުންވާތީ ކަމަށެވެ.
ފާރޫގު ވިދާޅުވީ ނިލަންދޫ ދާއިރާގެ ވޯޓާއި ގުޅޭގޮތުން ކޮމިޝަނަށް ގިނަ ޝަކުވާތަކެއް ވެސް ހުށަހެޅިފައިވާ ކަމަށާއި ބާތިލް ވޯޓުވެސް އެދާއިރާގައި ވަރަށް ގިނަ ކަމަށެވެ. ކޮމިޝަނުން ނިންމާފައިވަނީ ނިލަންދޫ ދާއިރާގެ ވޯޓު އަލުން ގުނުމަށް ކަމަށާއި އެ ދާއިރާގެ ވޯޓު 50 ފޮއްޓަކަށް ލާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ބެހެއްޓި ތިން ފޮއްޓާއި ރިސޯޓުތަކާއި އުތުރާއި ދެކުނުގެ ރަށްތަކުގައި ބެހެއްޓި ފޮށިތަކަށްވެސް ނިލަންދޫ ދާއިރާގެ ވޯޓު ލާފައިވާ ކަމަށް ފާރޫގު ވިދާޅުވި އެވެ.
ނިލަންދޫ ދާއިރާގެ ވޯޓުގައި އެއް ވޯޓު ތަފާތު އުޅޭއިރު އެ ދެ ކެންޑިޑޭޓުންގެ ތެރެއިން އެއްވޯޓުގެ ތަފާތުން ކުރީގައި އުޅުއްވަނީ އަމިއްލަ ގޮތުން ކުރިމަތިލެއްވި ކެންޑިޑޭޓް އަބްދުﷲ ޚަލީލް އެވެ. ދެވަނަ ލިބިވަޑައިގެންނެވީ ޕީޕީއެމްގެ ކެންޑިޑޭޓު އަބްދުލް މުހުސިން ހަމީދު އެވެ. ނިލަންދޫ ދާއިރާގެ މިހާރުގެ މެންބަރަކީ ވެސް މުހުސިން އެވެ.
ނިލަންދޫ ދާއިރާގެ ވޯޓް އަލުން ގުނަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ