ތިން ދާއިރާގެ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ މައްސަލަތަކާއި ގުޅިގެން ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ތިން ދާއިރާއެއްގެ އިންތިހާބު ބާތިލްކުރުމަށް ހުށަހެޅި މައްސަލަތައް ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި އެވެ.
އެގޮތުން ބަލައި ނުގަތުމަށް ނިންމާފައިވާ ތިން ދާއިރާއަކީ ދ. މީދޫ ދާއިރާއާއި، ފޭދޫ ދާއިރާއާއި އަދި މަހިބަދޫ ދާއިރާ އެވެ. މީދޫ ދާއިރާގެ އިންތިހާބު ބާތިލްކުރުމަށް ހުށަހެޅީ އެ ދާއިރާގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންނެވި އިބްރާހީމް ޖިހާދު އެވެ. ފޭދޫ ދާއިރާގެ އިންތިހާބު ބާތިލްކުރުމަށް ހުށަހެޅީ އެމްޑީޕީގެ ފަރާތުން އެ ދާއިރާގެ އިންތިހާބުގައި ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންނެވި މުހައްމަދު ނިހާދު އެވެ. އަދި މަހިބަދޫ ދާއިރާގެ އިންތިހާބު ބާތިލްކުރުމަށް ހުށަހެޅީ ސަރުކާރު ކޯލީޝަންގެ ފަރާތުން އެ ދާއިރާގެ އިންތިހާބުގައި ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންނެވި ކެންޑިޑޭޓް ނިސްބަތްވާ ޖުމްހޫރީ ޕާޓީންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދިމާވި މައްސަލަތަކާއި ގުޅިގެން ހައިކޯޓަށް ޖުމްލަ 15 މައްސަލައެއް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން ގިނަ މައްސަލަތަކެއް މިހާރު ހުރީ ހުކުމް އިއްވުމާއި ހަމައަށް ގޮސްފަ އެވެ.
އިންތިހާބީ މައްސަލަތަށް ހައިކޯޓަށް ހުށަހެޅުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަކީ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރާ ދުވަހުން ފެށިގެން 14 ދުވަހެވެ. އެމުއްދަތު މިދިޔަ ހުކުރު ދުވަހުގެ ރެއަށް ވަނީ ހަމަވެފަ އެވެ. އަދި އިންތިހާބުގެ މައްސަލަތަކާއި މެދު ކޯޓުން ގޮތެއް ނިންމުމަށް ގާނޫނުން ކަނޑައަޅާފައިވާ މުއްދަތަކީ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރާ ދުވަހުން ފެށިގެން 30 ދުވަހެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ