ވާދޫ ސިއްހީ މަރުކަޒުގެ ތިޖޫރީ ހޯދާ މީހަކު ހައްޔަރުކޮށްފި

ގދ. ވާދޫ ޞިއްޙީ މަރުކަޒުގެ ތިޖޫރީ ވަގަށް ނެގުމުން ވާދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނާ ރައްޔިތުންނާ ޞިއްހީ މަރުކަޒުގެ މުވައްޒަފުން ނިކުމެ ތިޖޫރީ ހޯދަން ކުރި މަސައްކަތުން އެތިޖޫރީ ހޯދާ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ވާދޫ ޞިއްހީ މަރުކަޒުގެ ތިޖޫރީ ވަގަށް ނަގާފައިވާތީ ތިޖޫރީ ހޯދުމަށް ފުލުހުންނާ ރައްޔިތުންނާ ޞިއްޙީ މަރުކަޒުގެ މުވައްޒަފުން ގުޅިގެން ކުރިމަސައްކަތުން ތިޖޫރީ ފެނިފައިވަނީ އެރަށު ވަލު ތެރޭގައި އޮއްވާކަމަށާ ތިޖޫރީ ފެނިފައިވަނީ ފުލުހުންނަށްކަމަށެވެ.
އަދި ތިޖޫރީ ފެނުނުއިރު ތިޖޫރީއަށް އެއްވެސް ގެއްލުމެއް ދީފައެއް ނުވާއިރު ތިޖޫރީ ހުޅުވަން މަސައްކަތް ކޮށްފައިވީނަމަވެސް ތިޖޫރީ ހުޅުވިފައިނުވާކަމަށެވެ.
މިހާތަނަށް ބެލި ބެލުމުން އެތިޖޫރީގައި ފައިސާވެސް ހުރިކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުން ތަޙުޤީޤު ފަށައި ކުރި މަސައްކަތުން މިމައްސަލައިގެ ތުހުމަތުގައި 26 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓުއަމުރެއްގެ ދަށުން އިއްޔެ ހަވީރުގެ ވަގުތެއްގައި ވަނީ ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން މައްސަލަ ތަޙުޤީޤު ކުރުމަށް 15 ދުވަހުގެ މުއްދަތު ވަނީ ދީފައެވެ.
މިމައްސަލަ ގދ. ވާދޫ ޕޮލިސް ސްޓޭޝަނާ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ