ވޯލްޑް ކަޕުން ކެޓުމާ އެކު މާޓިނޭޒް، ޕޯޗުގަލްގެ ކޯޗުކަމުން އިސްތިއުފާދީފި

ޓެކްސަސް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 7) - ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި ސްޕެއިން އަތުން ބަލިވެ، މުބާރާތުން ކެޓި މެޗަށް ފަހު ޕޯޗުގަލްގެ ކޯޗުކަމުން ރޮބާޓޯ މާޓިނޭޒް އިސްތިއުފާދީފި އެވެ. 
ރޭގެ މެޗުގައި ސްޕެއިނުން ޕޯޗުގަލް ބަލިކުރީ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި މިކޭލް މެރީނޯ ޖެހި ގޯލުން 1-0 އިންނެވެ.
މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، މާޓީނޭޒް ބުނީ، އޭނާ ޕޯޗުގަލް އަށް އައީ ވޯލްޑް ކަޕް ކާމިޔާބުކުރުުމުގެ ޓާގެޓާ އެކު ކަމަށާއި އެ އަށް ވާސިލްނުވެވުމުން އެ މަގާމުގައި ދެމިހުރުމުގެ މަގާމެއް ނެތް ކަމަށެވެ.
"ޕޯޗުގަލްގެ ފުޓްބޯޅަ ބޯޑާއި ރައީސަށް މިހާރު އެ އޮތީ ފުރުސަތު އާ ކޯޗެއް ކަނޑައެޅުމަށް. އަހަރެންގެ ކޮންޓްރެކްޓް މި ހިސާބުން މި ނިމުނީ. އިތުރަށް މިއަކު ދައްކާނެ ވާހަކައެއް ނެތް،" މާޓީނޭޒް ބުންޏެވެ. 
ޕޯޗުގަލްގެ ކޯޗުކަން 2023 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ މާޓީނޭޒް ވަނީ މިދިޔަ އަހަރު ސްޕެއިން ބަލިކޮށް ޔުއެފާ ނޭޝަންސް ލީގުގެ ތަށި ޕޯޗުގަލް އަށް ހޯދައިދީފަ އެވެ. މާޓީނޭޒް ބުނީ މި ފަހަރުގެ ވޯލްޑް ކަޕަށް އައުމުގެ ކުރިން މިއީ ފަހު މުބާރާތް ކަމަށް ނިންމާފައިނުވާނެ. ކަމަށާއި އެހެން ނަމަވެސް ކަންކަން ދިމާވި ގޮތުން މަގާމުގައި ކުރިއަށްދިއުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. 
މާޓީނޭޒްގެ ކޯޗުކަމުގައި ޕޯޗުގަލް އިން 2024 ވަނަ އަހަރުގެ ޔޫރޯގެ ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު، ވޯލްޑް ކަޕްގައި ކެޓީ ގަދަ 16 އާ ހަަމަައިންނެވެ. މާޓީނޭޒްގެ ކޯޗުކަމުގައި ޕޯޗުގަލް އިން ކުޅުނު 45 މެޗުގެ ތެރެއިން 32 މެޗުން މޮޅުވި އެވެ. އަދި، ހަ މެޗުން އެއްވަރުވިއިރު، ބަލިވީ ހަތް މެޗުންނެވެ. 
މީގެ ކުރިން، މާޓީނޭޒް ވަނީ ބެލްޖިއަމްގެ ގައުމީ ޓީމަށް ވެސް ކޯޗުކޮށްދީފަ އެވެ. 
މި ފަހަރުގެ ވޯލްޑް ކަޕަށް ފަަހު ގިނަ ކޯޗުންތަކެއްގެ ވަޒީފާ އަށް ދަނީ އަސަރުކުރަމުންނެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި ވަޒީފާ ގެއްލުނު ކޯޗުންނަށް ބަލާއިރު، އެއް މެޗަށް ފަހު ޓިއުނީޝިއާ ކޯޗުކަމުން ވަކިކުރި ފްރާންސްގެ ސަބްރީ ލަމޫޗީ، ނެދަލެންޑްސް ކޯޗުކަމުން އިސްތިއުފާދިން، ރޮނާލްޑް ކޫމަން، ދެކުނު ކޮރެއާ އިން ވަަކިކުރި ހޮންގް މިޔުން ބޯ، ސްކޮޓްލެންޑުން އިސްތިއުފާދިން ސްޓީވް ކްލާކް، ޗެކް ރިޕަބްލިކުން އިސްތިއުފާދިން މިރޮސްލާވް ކޫބެކް، އެކުއެޑޯ ދޫކޮށްލަން ނިންމި ސަބެސްޓިއަން ބަކަސޭސޭ އަދި އުރުގުއޭ ދޫކޮށްލި މާސެލޯ ބިއެލްސާ އެވެ.
މީގެ އިތުރުން ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން އާއި ގާނާގެ ކޯޗު ކާލޯސް ކުއެރޯޒް އަދި މެކްސިކޯގެ ކޯޗު ހަވިއޭ އަގީރޭ ވެސް ވަނީ މަގާމުން އަމިއްލަ އަށް ވަކިވެފަ އެވެ. 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ