ޒަމާނުންސުރެ ރާއްޖޭގައި އިސްލާމްދީން ހިމާޔާތްކޮށް ރައްކާތެރި ކުރުމުގެ ބެލެނިވެރިޔަކީ ދައުލަތް ކަމަށާއި އިސްލާމް ދީން ފިޔަވައި އެހެން އެއްވެސް ދީނެއް ރާއްޖެއަށް އަޔަ ނުދީ މި ސަރުކާރުން ހިފަހައްޓައިދޭނެ ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އުމަރު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް އިސްލާމީ މަރުކަޒުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރަކީ ދީނީ އެއްބައިވަންތަކަން ގެއްލޭ ގޮތަށް ކުރާ ކަންކަން ހުއްޓުވާނެ ސަރުކާރެއް ކަމަށާއި ދައުލަތުގެ ފަރާތުން އިސްލާމްދީން ރާއްޖޭގައި ފަތުރާ ހިންގާ ބަލަހައްޓައި ހިމާޔާތް ކުރުމުގެ މައިގަނޑު ޒިންމާ ހަވާލުކޮށްފައިވާ ފަރާތަކީ ސަރުކާރު ކަމަށެވެ.
އެހެންކަމުން މި ސަރުކާރުން އެ ޒިންމާ ފުރިހަމައަށް އަދާކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ބައެއް ފަހަރު ހަރަދު ކުޑަކުރުމުގައި ނަމުގައި އާއި ޑިމޮކްރްސީގެ ނަމުގައި އިސްލާމް ދީނާއި ދައުލަތް ވަކި ކުރަން ބަޔަކު ވަކާލަތު ކޮށްފާނެ ކަމަށާއި މަވެސް މި ސަރުކާރުން އެފަދަ އެއްވެސް ކަމަކަށް ޖާގައެއް ނުދޭނެ ކަމަށެވެ.
"ބައެއް ފަހަރު ހަރަދު ކުޑަކުރުމުގައި ނަމުގަ އާއި ޑިމކްރްސީގެ ނަމުގައި އިސްލާމް ދީނާއި ދައުލަތް ވަކި ކުރަން ބަޔަކު ވަކާލަތު ކޮށްފާނެ. ނަމަވެސް މި ސަރުކާރުން އެފަދަ އެއްވެސް ކަމަކަށް ޖާގައެއް ނުދޭނެ،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އިސްލާމީ ބައެއް ޤައުމުތަކުގައި ދީނީ ބައިބައިވުން އޮތް މިންވަރަށް ރާއްޖޭގައި އެ ބައިބައިބުން ނެތްނަމަވެސް ރާއްޖޭގައިވެސް ދީދީ ބައިބައިވުންތައް އޮތްކަމީ ގަބޫލުކުރަންޖެހޭ ކަމެއް ކަމަށާއި ދީނީ ބައިބައިވުމުގެ ސަބަބުން އިސްލާމީ އެތައް ގައުމެއްގައި ފިތުނަ އާއި ލޭއޮހޮރުވުންތައް ވެސް ހިނގަމުންދާ ކަމަށެވެ.
ޑިމޮކްރަސީގެ ނަމުގައި މިސްރާއި ތޫނިސް އާއި ލީބިޔާ އާއި ޔަމަނަށް ގެނައި އަރަބް ސްޕްރިންގް އިންގާލާބުތަކަށްފަހު އެ ގައުމުތަކަށް ވަމުންދާ ގޮތް ދިރާސާކޮށްލަންޖެހޭ ކަމަށާއި ސޫދާނާއި މާލީ އާއި ސެންޓްރަލް އެފްރިކަން ރިޕްލިކްގައި ހިނމުންދާ ކަންކަމުގެ މައްޗަށް ލޯ ހުޅުވައިލައި އެކަން ކަމާމެދު ނުވިސްނާ ނަމަ އެއީ ރާއްޖެއަށް ވެސް އަތުވެދާނެ ކަންކަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ނަމަވެސް ރާއްޖޭގެ ރައްޔިތުންގެ އަޒުމަކަށް ވާންވާނީ އެފަދަ އެއްވެސް ހަމަނުޖެހުމެއް އަޔަ ނުދިނުމަށް އިސްލާމީ ވަހުދަތު ވަރުގަދަކޮށް ބަދަހިކޮށް ބާއްވަން ކަމަށް އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ އާއި ފާހިޝް އަމަލުތައް ހިންގާ މައްސަލައަކީ ރާއްޖޭގައި ވަރަށް ބޮޑުވެފައިވާ މައްސަލަތައް ކަމަށައި އޭގެ ސަބަބުން މަދުން ނަމަވެސް ބައެއް ދިވެހިންގެ އިސްލާމީ އަގީދާ ބަލިކަށިވަމުންދިއުމުގެ ހިތާމަ އޮތް އިރު އެކަންކަން އިސްލާހު ކުރަން ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށެވެ.
އިސްލާމް ދީން ފިޔަވައި އެހެން ދީނެއް އަޔަ ނުދީ ހިފަހައްޓަދޭނަން - މިނިސްޓަރު އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ