ފުނައްޑޫ ލޯނުގެ ބަދަލުގައި ރަހުނުތައް ވިއްކާލަން ކޯޓުން ހުއްދަދީފި

ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ 117 މިލިއަން ރުފިޔާގެ ލޯނުތަކަށް ހައި ކޯޓުން ވެސް ތާއީދުކޮށްފައި ވާއިރު އެ ފައިސާ ހުކުމާ އެއްގޮތަށް ދައްކާފައި ނުވާތީ ރަހުނުގެ ގޮތުގައި ދީފައި ހުރި ތަކެތި ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން ބީއެމްއެލް އަށް ދީފި އެވެ.
ސިވިލް ކޯޓުން މިއަދު އެ ހުކުމް ކޮށްފައިވަނީ އެ ފައިސާ ދައްކާފައި ނުވާތީ ހުކުމް ތަންފީޒު ކުރުމަށް ބީއެމްއެލް އިން ސިވިލް ކޯޓަށް ވައްދާފައިވާ މައްސަލައާ ގުޅިގެންނެވެ. އެ ހުކުމް ރައްދުވާ މީހުންގެ ތެރޭގައި މ. ރަފީގުގޭ އަހްމަދު ރަޝީދާއި ރީތި ބީޗް ޕްރައިވެޓް ލިމިޓާއި ކަނބާލިފަރު އިންވެސްޓްމަންޓް ހިމެނެ އެވެ. ކޯޓުން ކުރި ހުކުމުގައި ބުނެފައިވާގޮތުން 15 ދުވަހުގެ ތެރޭގައި އެތަންތަން ބޭންކާ ހަވާލުކުރަން ޖެހޭނެއެވެ.
ފުނައްޑޫގެ ނަމުގައި ނަގާފައިވާ ފަސްލޯނުގެ އަދަދު އިންޓަރެސްޓާ އެކު 206 މިލިއަން ރުފިޔާއަށް އަރާއިރު މި ފައިސާ އެކީގައި ދެއްކުމަށް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.މި ހުކުމް ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ މައްޗަށް ވެސް ރައްދުވެ އެވެ.
ދެ ބޭފުޅުންގެ ފަރާތުން ވަޑައިގެންނެވި ފަރާތުން ޝަރީއަތުގައި އެދިވަޑައިގެންނެވީ ފައިސާ ދެއްކުމަށް އިތުރު ފުރުސަތު ދެއްވުމަށެވެ. ނަމަވެސް ގާޒީ ވިދާޅުވީ މިހާރު ވެސް އެކަށީގެންވާ ފުރުސަތު ދެވިއްޖެކަމަށެވެ.
ފުނައްޑޫ އަށް ބީއެމްއެލް އިން ފަސް ލޯނެއް ދޫކޮށްފައިވެ އެވެ. އެއީ 35،980،000ރ. ގެ ޑިމާންޑް ލޯނަކާއި 3،500،000 ޑޮލަރުގެ ޑިމާންޑް ލޯނަކާއި 10،280،000ރ. ގެ އޯވަޑްރާފްޓް ފެސިލިޓީއަކާއި 12،000،000ރ. ގެ އޯވަޑްރާފްޓް ފެސިލިޓީއަކާއި 1،200،000 ޑޮލަރުގެ އޯވަޑްރާފްޓް ފެސިލިޓީއެކެވެ.
ނާޝިޒާއި އާޒިމް ސިވިލްކޯޓަށް ހާޒިރުކުރީ ބޭންކް އޮފް މޯލްޑިވްސްއިން ނަގާފައިވާ ލޯން ތަކެއް ދެއްކުމަށް ސިވިލްކޯޓުން ކޮށްފައިވާ ހުކުމާއި އެއްގޮތަށް ނާޝިޒާއި އަލީ އާޒިމް އެލޯންތައް ދައްކަމުން ނުދާތީ، އެހުކުމް ތަންފީޒް ކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން ސިވިލްކޯޓަށް މައްސަލަ ހުށައެޅުމާއި ގުޅިގެންނެވެ.
ސިވިލް ކޯޓުން ފެބްރުއަރީ 7، 2010 ގައި ކުރި ހުކުމުގައި ވަނީ އެ ދުވަހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި، އެ މަހަކު ދައްކަން ޖެހޭ މިންވަރެއް ކޮންމެ މަހަކު ބީއެމްއެލް އަށް ދައްކަމުން ގޮސް ހަލާސްކުރުމަށް، ދައުވާ ލިބޭ ފަރާތްތަކުގެ މައްޗަށް ހުކުމްކުރާ ކަމަށެވެ. މި ހުކުމާ މެދު ހިތްހަމަނުޖެހިގެން ހައި ކޯޓުގައި އިސްތިއުނާފުކުރުމާ ގުޅިގެން މިދިޔަ ފެބްރުއަރީ 27 ގައި ކުރި ހުކުމުގައި ވަނީ ދަށު ކޯޓުން ކުރި ހުކުމަށް ތާއީދުކޮށްފަ އެވެ.
ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބުނާ ގޮތުން އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު އެ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ ނަމަ އެ މީހެއްގެ މެންބަރުކަން ގެއްލޭނެ އެވެ. އެގޮތުން ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާގެ ގޮނޑި ވެސް ވަނީ ގެއްލިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ