ދެ ރަށެެއްގެ ބިން ހިއްކަން ބޮސްކާލިސް ގެންނަނީ

ސ. ފޭދު އާއި މަރަދޫގެ ބިން ހިއްކުމަށް ބޮސްކާލިސް ގެންނަން ނިންމާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސްގެ ހައިސިއްޔަތުން އައްޑޫ ސިޓީ ކައުންސިލާއި ބައްދަލު ކުރައްވައި ނާޒިމް ވިދާޅުވީ ފޭދޫ އަދި މަރަދޫގެ ބިން ދަތިވުމުގެ ހައްލު ސަރުކާރުން ހޯއްދަވައި ދެއްވާނެކަމަށެވެ. އެގޮތުން ބޮސްކާލިސްގެ ކޮންނަ ބޯޓުން އެ ދެ ރަށަށް ބޭނުންވާ ބިން ހިއްކުމަށް ހަމަޖެހިފައިވާކަމަށެވެ.
ނަމަވެސް މަސައްކަތް ފެށުމަށް ނިންމާފައިވާ ތާރީހެއް ނާޒިމް ވިދާޅެއް ނުވެއެވެ.
ގަމުގެ ވައިގެ ބަނދަރުގެ ރަންވޭ ދިގު ކުރުމަށާއި، ކަނޑަށް ޖައްސާ ބޯޓު ފަހަރަށް ރަންވޭ ކުރެވޭ ގޮތަށް ފޭދޫ އާއި ގަމާއި ދިމާލުން ކޮނެ ހިއްކުމުގެ ސަބަބުން ފޭދޫއަށް ރަށް ގިރުމުގެ މައްސަލަ ވަރަށް އަވަހަށް ކުރިމަތިވާނެކަމަށް ކަމާއި ބެހޭ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ފޭދޫ އާއި ދިގިހެރަ އެއްކޮށް އެސަރަހައްދު ހިއްކުމަށް ވަހީދުގެ ސަރުކާރުން ވަނީ މަޝްވަރާ ކޮށްފައެވެ. ނަމަވެސް މިހާރު އޭގެ އަޑެއް ނީވެއެވެ. ކުރިން ހަމަޖައްސާފައި އޮތީ އެއާޕޯޓް ބިން ހިއްކި ގަލްފް ކޮބްލާއިން ފޭދޫ އާއި މަރަދޫގެ ބިން ހިއްކުމަށެވެ. ނަމަވެސް ގަލްފް ކޮބްލާގެ ސާމާންތައް މިހާރުވަނީ އައްޑޫން ފުރާފައެވެ.
ނާޒިމް ވިދާޅުވީ އައްޑޫ އާއި ފުވައްމުލަކުގެ ބޮޑެތި ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދާނީ އެމަނިކުފާންގެ މަޝްވަރާ މަތިން ކަމަށެވެ.
އައްޑޫގެ މޭޔަރ އަބްދުﷲ ސާދިގް (ސޯބެ) ވިދާޅުވީ ބިން ހިއްކުމުގެ މަޝްރުއުގައި ހިތަދޫ ނުހިމެނޭކަމަށެވެ. ނަމަވެސް ގޯތިއަށް އެދި 2000އެއްހާ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު އެފަރާތްތަކަށް ދޭނެ ބިމެއް ނެތްކަމަށެވެ.
ސޯބެ ވިދާޅުވީ ބޮސްކާލިސް ގެނެސް ފޭދޫ އާއި މަރަދޫގެ ބިން ހިއްކާއިރު ހިތަދޫގެ ބިން ހިއްކައި ދިނުމަށް ނާޒިމް ގާތު ދަންނަވާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ