މައްސަލަތައް ކޯޓުން ބޭރުކޮށްލުމަކީ އެމެރިކާއަށް ލިބުނު ލަދުވެތިކަމެއް: ޓްރަމްޕް

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވޯޓުލީ ވާދަވެރި ހަތަރު ސްޓޭޓެއްގެ ވޯޓު ސައްހަ ނޫން ކަމަށް ކަނޑައެޅުމަށް ރައީސް ޑޮނަލްޑް ޓްރަމްޕުގެ ފަރާތުން އެމެރިކާގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަތައް ބޭރުކޮށްލުމަކީ މުޅި އެމެރިކާއަށް ލިބުނު ލަދުވެތިކަމެއްކަމަށް އެމެރިކާގެ ރައީސް ޑޮނަލް ޓްރަންޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް ކުރި ޓްވީޓެެއްގައި ބުނެފައި ވަނީ، އިންތިހާބުގެ ސައްހަކަމާއި މެދު ހިތް ހަމަ ނުޖެހި ޓްރަމްޕުގެ ފަރާތުން އެގައުމުގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ނުބެލުމަކީ މުޅި ގައުމަށް ލިބުނު ލަދެއް ކަމަށެވެ. ޓްރަންޕް އިތުރަށް ވިދާޅުވީ އެމެރިކާގެ ރައްޔިތުންނަށް އިންތިޚާބުގެ ނަތީޖާ ކަށަވަރުކޮށްދޭނެ ޝަރުއީ އެއްވެސް ކޯޓެއް އެ ޤައުމުގައި މިއަދު ނެތްކަމަށެވެ. ޓެކްސަސް ސްޓޭޓުގެ ފަރާތުން މިދިޔަ ހަފުތާގައި ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ ޖޯޖިއާ، މިޝިގަން، ޕެންސިލްވޭނިއާ އަދި ވިސްކޮންސިންގެ ވޯޓު ބާތިލް ކުރުމަށެވެ. އަދި އެ ސްޓޭޓްތަކުގެ އިލެކްޓޯރަލް ކޮލެޖް ވޯޓުލާނެ މީހުން ކަނޑައެޅުމަކީ ސްޓޭޓްތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުން ކުރާ ކަމެއްގެ ގޮތުގައި ސުޕްރީމް ކޯޓުން ކަނޑައެޅުމަށް ވެސް އެދިފައިވެ އެވެ. ހަތަރު ސްޓޭޓުގެ ވެސް ގާނޫނު ހަދާ މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީންނެވެ. އިންތިޚާބީ ރައީސް ޖޯ ބައިޑަން ވަނީ އެ ހަތަރު ސްޓޭޓް ވެސް ކާމިޔާބު ކުރައްވައިފަ އެވެ.ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަށް ވަނީ 18 ސްޓޭޓް އެޓާނީ ޖެނެރަލުންނާއި ކޮންގްރެސްގެ 106 ރިޕަބްލިކަން މެންބަރުން ތާއީދުކޮށްފަ އެވެ. ޓެކްސަސްގެ ރިޕަބްލިކަން އެޓާނީ ޖެނެރަލް ކެން ޕެކްސްޓަން މައްސަލަ ހުށަހެޅީ އަންގާރަ ދުވަހު އެވެ.ސުޕްރީމް ކޯޓުގެ ނިންމުމުގައި ބުނެފައި ވަނީ އެ މައްސަލަ ހުށަހެޅުމުގެ ހައިސިއްޔަތު ޓެކްސަސް އަށް ލިބިގެން ނުވާ ކަމަށެވެ.ސުޕްރީމް ކޯޓުގެ ނިންމުމަކީ އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ޓްރަމްޕް ކުރައްވާ ތުހުމަތަށް ކުރިމަތިވި އިތުރު ގޮންޖެހުމެކެވެ. ތަކުރާރުކޮށް ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނަށް ދެ ވަނަ ދައުރު ގެއްލުނީ ގާނޫނާ ޚިލާފަށް ލާފައިވާ ވޯޓުގެ ސަބަބުން ކަމަށެވެ.ނޮވެމްބަރު 3 ވަނަ ދުވަހު ބޭއްވި އިންތިޚާބަށް ފަހު ޓްރަމްޕުގެ ފަރާތުން ވަނީ ގާނޫނީ އެކި މައްސަލަތައް ކޯޓުތަކަށް ހުށަހަޅައިފަ އެވެ. އެއިން އެއްވެސް މައްސަލައެއް ޓްރަމްޕުގެ ކޮޅަށް ނިމިފައެއް ނުވެ އެވެ.ބައިޑަން އަކީ އެމެރިކާގެ ތާރީޚުގައި ވެސް 80 މިލިއަން ވޯޓު ހޯއްދެވި ފުރަތަމަ ރިޔާސީ ކެންޑިޑޭޓެވެ. އެމެރިކާގައި މިހާތަނަށް ދެ ވަނަ އަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ޓްރަމްޕް މި ފަހަރު ވަނީ 73 މިލިއަން ވޯޓު ހޯއްދަވައިފަ އެވެ. މި ފަހަރުގެ އިންތިޚާބުގެ ކުރިން އެންމެ ގިނަ ވޯޓު ހޯއްދެވީ 2008 ވަނަ އަހަރު ބަރަކް އޮބާމާ އެވެ. އެ މަނިކުފާން އެ ފަހަރު އިންތިޚާބުވެވަޑައިގެންނެވީ 69.5 މިލިއަން ވޯޓު ހޯއްދަވައިގެންނެވެ. އެމެރިކާގެ 46 ވަނަ ރައީސްގެ ގޮތުގައި ޖޯ ބައިޑަން ރަސްމީކޮށް ކަނޑައެޅުމަށް އިލެކްޓޯރަލް ކޮލެޖުން މާދަމާ ބައްދަލު ކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ