ސަރުކާރު ބޭނުން ބަޔަކު ރަށްތަކަށް ދެވޭ، އިނދިކޮޅުން ވެސް ކެމްޕެއިނަށް ދާން ބޭނުން: ޝުޖާއު

ސަރުކާރުން ބޭނުންވާ ބަޔަކު ކަރަންޓީނު ނުވެ މާލެ އިން ރަށް ރަށަށް ދެވޭ ކަމަށާއި ހަމަ އެގޮތަށް އިދިކޮޅު ފަރާތްތަކުން ވެސް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބްގެ ކެމްޕެއިނަށް އަތޮޅުތެރެއަށް ދާން ބޭނުންވާ ކަމަށް ޕީޕީއެމް ކޯލިޝަނުން ބުނެފި އެވެ. ގައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިިދިކޮޅު ކޯލިޝަނުން މިރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ޕީއެންސީގެ ނައިބް ރައީސް އަދި ކުރީގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، ރައްޔިތުން މާލޭ ބަންދުގައި ބައިތިއްބާފައި ސަރުކާރުން 'ނާޗަރަންގީ' ކުޅެނީ ކަމަށެވެ. "މި ސަރުކާރުގެ ބޭނުންބަޔަކު އަތޮޅުތެރޭގެ އެކި ރަށް ރަށަށް އެއޮއްގެން ދަތުރު ކުރަނީ،" "ކުރިއަށް އޮތީ ލޯކަލް ކައުންސިލް އިންތިހާބް. އަޅުގަނޑުމެން ވެސް ބޭނުން އަޅުގަނޑުމެންގެ ކެނޑިޑޭޓުންނަށް ތާއިދު ހޯދަން ދާން ބޭނުން. މިއީ ކޮންކަހަލަ މިނިވަން ގައުމެއް. މިމީހުން ބޭނުން އެއްޗެއް ހަދައި އަޅުގަނޑުމެން ރަށު ބަންދުގައި މުޅި މޫނުގައި ފޮތިއަޅުވާފައި ގޭގައި އަތް ދޮންނަން ބައިންދާފައި،" ޝުޖާއު ވިދާޅުވި އެވެ. އާންމު އުސޫލު އޮންނަ ގޮތުން ނަމަ މާލެ އިން އަތޮޅު ތެރޭގެ ރަށަކަށް ދާ ފަރާތްތަކުން 14 ދުވަހު ކަރަންޓީނުގައި ހުންނަން ޖެހޭ ކަން ފާހަގަކޮށް ޝުޖާއު ވިދާޅުވީ، އެގޮތަށް ހަމަޖައްސާފައި އޮންނަނީ އިދިކޮޅު ކޯލިޝަނުގެ ބޭފުޅުން ރަށްތަކަށް ގޮސްދާނެތީ ކަމަށެވެ. "އަޅުގަނޑު މިރޭ މި އިއުލާނު ކުރަނީ ހުރިހާ ރައްޔިތުން އެ މީހުން ބޭނުން ރަށަކަަށް ދާންވީ. ކަރަންޓީނު ވާކަށް ނުޖެހޭނެ،" ޝުޖާއު ވިދާޅުވި އެވެ. މިރޭގެ ޖަލްސާގައި ޝުޖާއު ވަނީ ސަރުކާރަށާއި އެޗްޕީއޭގެ އިސް ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި އެ ކޯލިޝަނުން ވާނީ ޑިރެކްޓަރު ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުއާ ބައްދަލު ކުރުމަށް ހުށަހަޅައިފަ އެވެ. ކޮވިޑް-19ގެ ކޮމިޔުނިޓީ ސްޕްރެޑެއް މާލޭގައި އޮތްއިރު މާލެއިން ރަށްރަށަށް ދެވެނީ އެޗްޕީއެގެ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އަދި ރަށަށް ގޮސް ކަރަންޓީނު ފުރިހަމަ ކުރަންޖެހެ އެވެ. ނަމަވެސް ހާއްސަަ ހާލަތުގައި ޒަރޫރީ ހިދުމަތް ފޯރުކޮށްދިނުމަށް އެޗްޕީއޭގެ އުސޫލުގެ ދަށުން މާލެއިން ރަށްރަށަށް ދެވޭނެ އުސޫލެއް ވަނީ އާންމުކޮށްފަ އެވެ. އެ އުސޫލު ބުނާ ގޮތުން އަސާސީ ހިދުމަތެއް ފޯރުކޮށްދިނުމަށް ކަރަންޓީނު ނުވެ މާލެއިން ރަށްރަށަށް ދެވޭނީ ފަސް ދުވަހަށް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ