ރެކޯޑު އަދަދަކަށް ޓޫރިސްޓުން، އެކަމަކު މޫސުން ގޯސްވެ ދަތުރުފަތުރަށް ހުރަސް

ކޮވިޑާ ގުޅިގެން ހުއްޓިފައި އޮތް ޓޫރިޒަމް ހުޅުވާލި ފަހުން އިއްޔެ 5،500 އަށް ވުރެ ގިނަ ޓޫރިސްޓުން އައި ނަމަވެސް، އެއާޕޯޓް ބިޒީވުމާއި މޫސުން ގޯސްވެ އެތެރޭގެ ދަތުރުފަތުރަށް ބުރޫއެރުން ފަދަ ޝަކުވާތަކާ ކުރިމަތިވެއްޖެ އެވެ.
ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އިއްޔެ 5،555 ޓޫރިސްޓުން އަ އެވެ. އެކަމަކު ޖައްސާ އަދި ފުރާ ފްލައިޓްތައް ގިނަކަމުން، ބޯޓުތައް ޕާކްކުރާނެ ޖާގަ ވެސް ނެތުމުން، ބައެއް ފްލައިޓްތައް ނުޖެއްސި، މަތީގައި ގިނަ އިރުތަކެއް ވަންދެން ހޭދަކުރަން ޖެހުނެވެ.
އެއާޕޯޓްގެ ބައެއް ރެޕުން ބުނާ ގޮތުގައި އިއްޔެއަކީ ކޮވިޑްގެ ކުރިން ވެސް ޕީކް ސީޒަންގައި އެއާޕޯޓްގެ ހަރަކާތްތައް ގިނަ ދުވަސްތަކާ އެއްވަރުގެ ދުވަހެކެވެ. އެހެންކަމުން އެއާޕޯޓްގައި ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހެމުން ޓޫރިސްޓުންގެ ޝަކުވާތައް ހުރި ކަމަށް އެ މީހުން ބުނެ އެވެ.
އެއް ރިސޯޓެއްގެ ރެޕަކު ބުނީ ޕްރައިވެޓް ޖެޓެއްގައި ދަތުރުކުރާ ބަޔަކު މެންދުރު ފަހު 3:00 ގައި އެއާޕޯޓަށް ގެންދިއުމުން ފުރުނީ ރޭގަނޑު އަށެއް ވެސް ޖެހި ފަހުން ކަމަށެވެ.
"އެކަމާ ބައެއް ގެސްޓުން ވީއައިޕީ ލޯންޖުގައި ވެސް ހިތްހަމަނުޖެހިގެން އަޑުގަދަ ވެސް ކުރި،" އޭނާ ބުންޏެވެ.
އިއްޔެއަކީ ވަރަށް މޫސުން ގޯސް ދުވަހަކަށް ވުމުން ޓީއެމްއޭގެ އެތެރޭގެ ދަތުރުފަތުރަށް ވަރަށް ބޮޑު ބުރުލެއް އެރި އެވެ. އަދި އިރު އޮއްސުނު އިރު ރިސޯޓްތަކަށް ދެވޭ ގޮތް ނުވި އެތައް ޓޫރިސްޓުންނެއް ރޭ ހޭދަކުރަން ޖެހުނީ މާލެ އާއި ހުޅުމާލޭގަ އެވެ.
ރިސޯޓްތަކުގެ އިސް މެނޭޖްމަންޓްގެ ބައެއް މީހުން ބުނާ ގޮތުގައި ޓީއެމްއޭގެ އޮޕަރޭޝަންތައް ވެސް މިހާރު އެހާ ރަނގަޅެއް ނޫނެވެ. ކޮވިޑާ ގުޅިގެން ދަތުރުފަތުރު ހުއްޓުމުން، ރާއްޖޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ވަނީ އެތައް ސަތޭކަ ބަޔަކު ވަޒީފާއިން ވަކިކޮށްފަ އެވެ. އެހެންކަމުން ކޮވިޑްގެ ކުރީގެ އެންމެ ބިޒީ ދުވަސްތަކާ ގާތްގަނޑަކަށް އެއްވަރުގެ އަދަދެއްގެ ޓޫރިސްޓުން އައުމުން ފްލައިޓްތައް އުދުއްސާލުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް ވެސް، ބައެއް ރިސޯޓްތަކުގެ އިސް ވެރިން ބުނެ އެވެ.
ވީއައިއޭގައި ޓޫރިސްޓުންގެ ބަޔަކު މަޑުކޮށްލައިގެން: އިއްޔެ 5،500 އަށް ވުރެ ގިނަ ޓޫރިސްޓުން އައި
އެކަމަކު ޓީއެމްއޭ އިން އެ ވާހަކަ ދޮގުކުރެ އެވެ.
ޓީއެމްއޭގެ ބިޒްނަސް ޑިވެލޮޕްމެންޓްގެ ޑެޕިއުޓީ މެނޭޖަރު ޝާހިދު އިބްރާހިމް ވިދާޅުވީ އިއްޔެ ހަތަރު ގަޑިއިރަށް ފްލައިޓްތައް ލަސްވީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.
"އަޅުގަނޑުމެން ކޮވިޑްގެ ހާލަތުގައި ވެސް ދިޔައީ އެއާކްރާފްޓްތައް މެއިންޓެނަންސް ކުރަމުން. މިހާރު ޓޫރިސްޓުން އިތުރުވެ އަޅުގަނޑުމެންގެ ފުލް ފްލީޓް އޮޕަރޭޝަނަލްގައި އޮތީ،" ޓީއެމްއޭގެ ދަތުރުތަކަށް މޫސުންގެ ހުރަސް ނޫން އެހެން ދައްޗެއް ކުރިމަތިވިޔަނުދޭކަން ދައްކަވަން، ޝާހިދު ވިދާޅުވި އެވެ.
ޓީއެމްއޭއިން މިވަގުތު 57 ސީ ޕްލޭން ދުއްވަ އެވެ. ރާއްޖޭގެ ޓޫރިޒަމް ކުއްލިއަކަށް ދިރި، އަންނަ މީހުން ގިނަވުމުން ޓީއެމްއޭ އިން ވަނީ ކުރިން އެތަނުން ވަކިކުރި ގިނަ މުވައްޒަފުންތަކެއް އަލުން ވަޒީފާއަށް ނަގަން ވެސް ފަށައިފަ އެވެ.
އިއްޔެގެ ތަޖުރިބާއަކީ، ކޮންމެ ދުވަހަކު ވެސް ޓޫރިސްޓުންނާ މުއާމަލާތްކުރާ ބައެއް ރެޕުން ބުނާ ގޮތުގައި، ރަންވޭ ބިޒީވުމާއި އަންނަ އަދި ފުރާ ޓޫރިސްޓުންގެ އަދަދަށް ބަލާއިރު ޓާމިނަލް ވެސް ކުޑަވުމުން ކުރިން ވެސް ކުރަމުން އައި ތަޖުރިބާ އެވެ.
އެއާޕޯޓްގައި ޓޫރިސްޓުން ބަލާ ގޮސް ތިބި ރެޕުން: އިއްޔެ އަކީ ކޮވިޑްގެ ކުރީގެ ހާލަތުގެ ދުވަހެއް
"މިއީ ހަމަ ކޮވިޑްގެ ކުރިން ވެސް ބިޒީ ދުވަސްވަރެއްގައި މި އެއާޕޯޓުގެ ހާލަތު،" ނަން ނުޖަހާ ގޮތަށް ވާހަކަދެއްކި ރެޕަކު ބުންޏެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އާ ރަންވޭއެއް ހަދާފައި ވިޔަސް އެތަން ބޭނުންކުރާކަށް އަދި ނުފަށަ އެވެ.
ކުރީ ސަރުކާރުން މުޅި އެއާޕޯޓް ތަރައްގީކުރަން ފެށި މަޝްރޫއުގައި، އަހަރަކު ފަސް މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދެވޭވަރުގެ އާ ޓާމިނަލްގެ މަސައްކަތް ވެސް ކުރިއަށް އެބަދެ އެވެ. އެތަން ބޭނުންކުރެވޭވަރުވާނީ 2022 ގައި ކަމަށް، ލަފާކުރެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ