އެމްޑީޕީ ކެންޑިޑޭޓުންނާއެކު އައްޑޫ މުޅި ދުނިޔެއަށް ހުޅުވޭނެ: ނަޝީދު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު އައްޑޫ ސިޓީ މުޅީ ދުނިޔެއަށް ހުޅުވިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ އައްޑޫ ސިޓީގެ މޭޔަރަކަށް އިންތިހާބު ވެއްޖެނަމަ މިހާރު އިމާރާތް ކުރަމުން އަންނަ ޕޮލިސް އެކެޑެމީ ހޮޓަލަކަށް ބަދަލުކުރައްވާނެ ކަމަށް އައްޑޫގެ މޭޔަރު ކަމަށް އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓު މުހައްމަދު ލަތީފު ވިދާޅުވުމާ ގުޅިގެންނެވެ.
އެކަމާއި ގުޅިގެން ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އައްޑޫ ޕޮލިސް އެކެޑެމީ އިމާރާތް ކޮށްފައިވަނީ ބިން ބޭނުން ކުރުމުގައި ނުވިސްނާ ކަމަށާއި މިހާރު އެތަނަކީ މަތީ ތައުލީމުގެ އިންސްޓިޓިއުޓެއް ކަމަށެވެ. އަދި ޕީޕީއެމްގެ ޒައާމަތުގައި އައްޑޫގައި މަތީ ތައުލީމަށް ފުރުސަތު ނެތީތޯ ނަޝީދު ސުވާލުކުރެއްވިއެވެ.
"އެމްޑީޕީ މޭޔަރު ކެންޑިޑޭޓާއި ކައުންސިލު ކެންޑިޑޭޓުންނާއެކު އައްޑޫ ސިޓީ ދާނީ މުޅި ދުނިޔެއަށް ހުޅުވިގެން" ނަޝީދު ވިދާޅުވިއެވެ.
ރޭ "ޗެނަލް 13" ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ލަތީފް ވިދާޅުވީ، ޕޮލިސް އެކެޑެމީ އަޅަމުން އަންނަނީ، އައްޑޫގެ ފަތުރުވެރިކަމުގެ އެންމެ މުހިންމު އެއް މަންޒިލްގައި ކަމަށާއި އޭނާއަށް މޭޔަރުކަން ލިބިއްޖެނަމަ އެތަން ޓޫރިސްޓު ހޮޓަލަކަށް ބަދަލުކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ