ފައިރޫޝް ރިޓަޔާ ކުރެއްވި މައްސަލަ 241 ކޮމިޓީއަށް ރައީސް ނަޝީދު ހުށަހަޅުއްވައިފި

ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި ޑރ.ޢަބްދުﷲ ފައިރޫޝް މަޤާމުން ރިޓަޔާ ކުރެއްވުމާ ގުޅިގެން އެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ހުށަހަޅުއްވައިފިއެވެ.
ރައީސް ނަޝީދު މި މައްސަލަ ހުށަހަޅުއްވާފައިވަނީ ފުލުހުންގެ ޚިދުމަތުގެ ޤާނޫނު ފާސްކޮށް އެ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވާފައިވަނިކޮށް އެ ޤާނޫނުގައިވާ ގޮތުގެ މަތިން ނޫނީ ފުލުހުންގެ އޮފިސަރަކަށް ރިޓަޔާ ނުކުރެއްވޭނެ ކަމުގައި ދެކެވަޑައިގެންނެވެ. އެމަނިކުފާނު ޤަބޫލުކުރައްވާ ގޮތުގައި އެ ޤާނޫނު ވުޖޫދުވުމަށްފަހު ރިޓަޔާކުރަންޖެހޭނީ އެ ޤާނޫނުގައި ބުނާ ގޮތުގެ މަތިންނެވެ.
އެ ޤާނޫނުގެ 112 ވަނަ މާއްދާގައި ބުނެފައިވަނީ ފުލުހެއްގެ މަޤާމުގައި ހުރެ ކުރި ކަމެއްގެ ސަބަބުން އެޅިދާނެ ތައުދީބީ ފިޔަވަޅަކުން ސަލާމަތްވުމަށްޓަކައި ފުލުހުންގެ ޚިދުމަތުން ވަކިވާ މީހާ ފިޔަވައި ފުލުހުްނގެ ވަޒީފާއިން އަމިއްލަ އިޚުތިޔާރުގައި އެއްވެސް ތައުދީބީ މައްސަލައެއް އުފުލާފައި ނެތް ޙާލަތުގައި ނުވަތަ އެފަދަ މައްސަލައެއް ހުށަހެޅިދާނެ ޙާލަތެއް އުފެދިފައި ނެތީސް ވަކިވާ މީހުންނަކީ ޝަރަފުވެރިކަމާއެކު ފުލުހުންގެ ވަޒީފާއިން ވަކީވާ މީހުން ކަމަށެވެ.
މީގެ 6 މަސްކުރިން ފުލުހުންގެ ވަޒީފާއިން ރިޓަޔާކުރެއްވުމަށް ފައިރޫޝް ހުށަހަޅުއްވާފައިވެއެވެ. ފުލުހުންގެ ޚިދުމަތުގައި 20 އަހަރު ހޭދަކުރެއްވުމަށްފަހު މަޤާމުން ރިޓަޔާކުރައްވައި ފައިރޫޝްވަނީ އޮސްޓްރޭލިއާއަށް ވަޑައިގެން އެ ޤައުމުގެ ޔުނިވާސީޓީއެއްގައި ކިޔަވައިދެއްވަން ފައްޓަވާފައެވެ.
ފައިރޫޝް ރިޓަޔާކުރެއްވުމުން އެމްޑީޕީގެ ބައެއް މެންބަރުން ނުރުހުން ފާޅުކުރި ނަމަވެސް ކޮމިޝަނާ އޮފް ޕޮލިސްވަނީ ފައިރޫޝުގެ އަގުވަޒަންކުރައްވައި އޭނާއަށް ޝުކުރު އަދާކުރައްވާފައެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުވެސް ފައިރޫޝަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ފުލުހުންގެ ޚިދުމަތުގައި ދެމިހުންނެވުމަށް އޭނާ ކިބައިން އެދިވަޑައިގެންނަވާފައިވެއެވެ.
ފައިރޫޝަކީ ލޯ އެންފޯސްމަންޓް އިންޓެލިޖެންސްގެ ދާއިރާއިން ޕީއެޗްޑީ ޙާޞިލުކުރައްވާފައިވާ ޢިލްމީ ބޭފުޅެކެވެ. އެންމެ ފަހުން ހުންނެވީ ފުލުހުންގެ ރިސޯސް މެނޭޖުމެންޓުގެ އެންމެ އިސްވެރިޔާގެ މަޤާމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ