ބަޖެޓު ކަމުނުދަނީ މި ވެރިކަން ވައްޓާނުލެވިގެން އުޅޭ މީހުންނަށް: ގާސިމް

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓު ކަމުނުގޮސްގެން އުޅެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ވައްޓާނުލެވިގެން އުޅޭ މީހުންކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ޖޭޕީގެ ސްލޮޓުގައި ސިޔާސީ މަގާމުގައި ތިއްބަވާ ބޭފުޅުން ހިމެނޭ ގްރޫޕަށް ގާސިމް ފޮނުއްވި މެސެޖުގައި ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓު ވަރަށް ރަނގަޅު ކަމަށެވެ. މީގެ ކުރިން ވެސް ބަޖެޓު ފާސްކުރަނީ ދަރަނިކޮށް ކަމަށް ވިދާޅުވި އެވެ.
މިދިޔަ ހޯމަ ދުވަހު ހުށަހެޅި ބަޖެޓާ މެދު ގިނަ މެމްބަރުންގެ ކަންބޮޑުވުން އޮތީ ދަރަނި ބޮޑުވުމުންނެވެ.
މި އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި ހުންނާނީ 70.3 ބިލިއަން ރުފިޔާގައި ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ. އަދި އަންނަ އަހަރު ނިމޭއިރު މި އަދަދު 82.8 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާ ކޮށްފައިވާއިރު މީގެ ތެރެއިން ބޭރުގެ ދަރަނި ހުންނާނީ 37.5 ބިލިއަން ރުފިޔާގައި ކަމަށް ފިނޭންސުން ވަނީ ލަފާކޮށްފަ އެވެ.
ބަޖެޓު ކަމުނުގޮސްގެން އުޅެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ވައްޓާނުލެވިގެން އުޅޭ މީހުންކަމަށް، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ލީޑަރު ވިދާޅުވިއިރު، އެ ބަޖެޓަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅަކީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
މި ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު ނަޝީދު ދެއްވި ސްޕީޗެއްގައި ވިދާޅުވީ މިހާރު މަޖިލީހަށް ހުހަޅާފައިވާ ބަޖެޓު ކިތައްމެހާ ވެސް ހުތުރު ކަމަށެވެ. ނަމަވެސް އެ ހަޑި ހުތުރުކަމަކީ މި ސަރުކާރުން ގެނައި އެއްޗެއް ނޫން ކަމަށް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެތެރޭގެ ދަރަނި ކުޑަކުރުމަށް ކުރަންވީ ކަމަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނަގާފައި ހުރި ހުރިހާ ދަރަނި މައާފުކުރުމެވެ. އެއީ، މި ދެ އަހަރު ތެރޭގައި ވެފައިވާ ދަރަންޏަށް ނުވާތީ ކަމަށް ވިދާޅުވި އެވެ.
"އެއީ 2005 އިން ފެށިގެން އަރަމުން އަންނަ ދަރަނިކަމުން އެ ރައިޓް އޯފް ކުރުމަކުން މިހާރު ދެން އަންނާނީ އިތުރު ނުބައެއް ނެތީމާ ވެސް. އަދި މި ގޮތަށް ދަރަނިކޮށް ފާސްކުރިޔަސް އެ ފައިސާ ލިބިގެން ނޫނީ ހަރަދު ނުކުރެވޭތާ ދޯ؟،" ގާސިމްގެ މެސެޖުގައިވެ އެވެ.
އިގުތިސޯދީގޮތުން ގައުމު ތާށިވެފައިވެފައިވާއިރު މަޖިލީހުން އެގޮތަށް ތާށިކުރުމުން ރައްޔިތުން ޖެހޭނީ ބަނޑަށް ކަމަށް ވެސް ވިދާޅުވި އެވެ.
"އެހެން ހަދައިގެން ނުވާނެ. ދެން ކުރަންވީ ކަމަކީ ބޭރުން ނަގާފައިވާ ދަރަނި ދަށް ކުރުމަށް އިތުރު މުއްދަތު ހޯދައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް މަޖިލީހުން ފުރިހަމައަށް އެހީތެރިވާންވީ. އެހެނީ، އެކަން ނުވެގެން ލިބޭ ގެއްލުން ތަހައްމަލްކުރުމުގައި މުޅި ރައްޔިތުން އުފުލަންޖެހޭނެ،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވަކި ގައުމަކާ ޖެހިނުގަނެ ހުރިހާ ބަޔަކާ ވެސް ވަރުގަދަ ގުޅުމެއް ބާއްވަން ޖެހޭނެ ކަމަށެވެ. ވަކި ބައެއްގެ އަތްދަށު ނުވެ ކުރިއަށް ދާންވީ ކާބަފައިން ދެއްކި މަގުން ހިނގުމަށް ކަން ފާހަގަކުރެއްވި އެވެ.
އެ ގޮތަށް ބަލާއިރު މިހާރު ހުށަހަޅާފައިވާ ބަޖެޓު އަދި ވެސް ކުޑަ ކަމަށާއި ވެވުނު ގޮތަކަށް ރައްޔިތުންނަށް އެހީވާންވީ ކަމަށް ވިދާޅުވި އެވެ.
"މިކަން ނުކޮށް ސަރުކާރާ ދިމާކުރުމުން ތިޔަ ގެންދަނީ މުޅި ގައުމުގެ ހަލާކު. މުޅި ރައްޔިތުންގެ ހަލާކު. ވީމާ، ބަޖެޓު ފާސްކޮށްދެއްވައި ކުރިން ދެންނެވި ގޮތަށް ސަރުކާރަށް ހެޔޮ ހިތުން އެހީތެރިވާންވީ،" ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ