އަދާލަތުގެ ގިނަ މެންބަރުންނާއި ސަލަފް ޖަމިއްޔާ އިން ވެސް ތިބީ އަޅުގަނޑުމެނާ އެކީގައި: މައުމޫނު

ފުވައްމުލަކުން: މުރުޝިދު އަބްދުލް ހަކީމް
އަދާލަތު ޕާޓީގެ ގިނަ މެންބަރުންނާއި ސަލަފް ޖަމިއްޔާ އިން ތިބީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިނަށް ތާއިދުކޮށްގެން ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނު އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކުގައި ރޭ ޕީޕީއެމް އެމްޑީއޭ އިން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫނު ވިދާޅުވީ ޕީޕީއެމް އިން ކުރަމުން އަންނަ މަސައްކަތުގައި އެމްޑީއޭގެ އިތުރުން ވަރަށް ގިނަ ޕާޓީތަކާއި އާންމު ފަރާތްތަކުން މިހާރު ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އަދާލަތުގެ ގިނަ މެންބަރުން އެ ޕާޓީއާ އެކު ތިބިއިރު ދީނީ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ ސަލަފް ޖަމިއްޔާ އިން ވެސް އަބްދުﷲ ޔާމީނަށް ތާއިދުކޮށް އެ މަސައްކަތުގައި ބައިވެރިވުމަށް ތައްޔާރަށް ތިބިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އޭގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ތެރެއިން ގައުމީ ޕާޓީއާއި ގައުމީ އިއްތިހާދު ޕާޓީ އާއި އައިޑީޕީގެ އިތުރުން ޑީއާރުޕީގެ ގިނަ މެންބަރުން ވެސް ޕީޕީއެމްއާ އެކު މަސައްކަތް ކުރަމުން އަންނަ ކަމުގައި އެމަނިކުފާނު ފާހަގަ ކުރެއްވެވި އެވެ.
"ޑީއާރުޕީގެ ވެސް ވަރަށް ގިނަ ބޭފުޅުން އަޅުގަނޑުމެންނާ އެކު މި މަސައްކަތުގައި އެބަ އުޅުއްވާ ދެއްވާ. މީގެ އިތުރުން އަޅުގަނޑަށް އެނގިފައިވާ ގޮތުން ސަލަފް ޖަމާއަތުން ވެސް ތިއްބެވީ އަޅުގަނޑުމެންނާއި އެއްފިކުރުގައި، އަޅުގަނޑުމެންނާ އެކު މަސައްކަތްކޮށްދެއްވާ ގޮތަށް،" މައުމޫން ވިދާޅުވި އެވެ.
ހަމަ އެހެންމެ ވަކި ޕާޓީއަކަށް ނިސްބަތްނުވާ މީހުންގެ ގިނަ ބަޔަކު ވެސް ތިބީ ޔާމީނަށް ތާއިދުކުރެއްވުމަށް ކަމަށް ވިދާޅުވެ އެ ބޭފުޅުން އެ ކުރައްވާ ގައުމީ މަސައްކަތަށް ޓަކައި ޕާޓީއާ ގުޅިފައިވާ ހުރިހާ ފަރާތްތަކަށް މައުމޫނު ޝުކުރު އަދާކުރެއްވެވި އެވެ.
މިހާރު ޕީޕީއެމް މަސައްކަތްކުރަމުން އަންނަނީ އެ ޕާޓީގެ ވިސްނުމާ އެއްގޮތް ހުރިހާ ޕާޓީތަކަކާ އެކު ސަރުކާރެއް އުފެއްދުމަށް ކަމަށާއި އެ މަސައްކަތުގައި ޖުމްހޫރީ ޕާޓީން ވެސް މަސައްކަތްކުރާ ކަމަށް ވެސް މައުމޫނު ވިދާޅުވި އެވެ.
ވޯޓަކީ ޑިމޮކުރަސީގެ "އެންމެ ވަރުގަދަ ހަތިޔާރު" ކަމަށާއި އެ "ހަތިޔާރު" ބޭނުން ކުރަންވާނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާއި އިސްލާމްދީން ދެމެހެއްޓުމަށް ޓަކައި ކަމަށް ފާހަގަ ކުރައްވަމުން މައުމޫނު ވިދާޅުވީ ޔާމިނާއި ދެކޮޅަށް ނިކުންނަ ޕާޓީން އާންމުގެ ތާއިދުހޯދަމުން ދަނީ އޮޅުވާލުމުގެ ތެރެއިން ކަމަށެވެ.
ފުވައްމުލަކުގައި ރޭ ޕީޕީއެމް އެމްޑީއޭ އިން ބޭއްވި ޖަލްސާ އަށް ވަރަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ހާޒިރުވި އެވެ. އެ ހުރިހާ ފަރާތްތަކަށް ވެސް ރައީސް މައުމޫނު ރޭ ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ