މާލެ އާއި އަތޮޅު ތެރޭގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ އަގު އެއްހަމަ ކުރުމުން އެޗްއާރްސީއެމް އިން މަރުހަބާ ކިޔައިފި

މާލެ އާއި އަތޮޅުތެރޭގައި ކަރަންޓުގެ އަގު ފަރަގު ނައްތާލާ އެއްހަމަ ކުރުމުން ހިއުމަން ރައިޓް ކޮމިޝަނުން އެކަމަށް މަރުހަބާ ކިޔައިފިއެވެ. އެޗްއާރްސީއެމް އިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ރަށްރަށުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދާ އަގުތަކުގެ ފަރަޤު ދެނެގަތުމުގެ ގޮތުން ހުސްވިއަހަރުގެ ތެރޭ އެ ކޮމިޝަނުން ދިރާސާއެއް ކޮށްފައިވާ ކަމަށެވެ. އަދި އެ ހިދުމަތްތައް ފޯރުކޮށްދޭ އަގުތައް މާލެ އާއި އަޅާ ބަލާއިރު އެވްރެޖްކޮށް 43 ޕަސެންޓް އިތުރުކަން ފާހަގަ ކުރެވުނުު ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އެޗްއާރްސީއެމް އިން ބުނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި، ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި ޤަރާރުތަކުން ބާރުއަޅަނީ އިންސާނީ ޙައްޤުތައް ފޯރުކޮށްދިނުމުގައި ދައުލަތުގެ ކެރިފޯރުންތެރިކަން ހުރިމިންވަރަކުން ހަމަހަމަކަމާއެކު ހުރިހާ އެންމެނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް އެއްހަމައެއްގައި ފޯރުކޮށްދިނުމަށް ކަމަށެވެ. ފެނާއި ކަރަންޓުގެ އަގުތަކަށް މި ގެނެވުނު ހެޔޮ ބަދަލު އެހެން ކަންކަމުގައިވެސް ފެނިގެންދާނެކަމަށް އުއްމީދުކުރާ ކަމަށްވެސް އެޗްއާރްސީ އެމް އިން ވަނީ ބުނެފައެވެ. އަތޮޅުތެރޭގައި ފެނާއި ކަރަންޓުގެ ޚިދުމަތަށް ނަގާ އަގު މާލެއިންވެސް ނަގާ އަގާ އެއްހަމަކުރިކަން ހާމަކޮށްފައިވަނީ މިއަދުއެވެ. ކަރަންޓުގެ އަގަށް ގެނެވުނު ބަދަލުތައް ތަންފީޒު ކުރާނީ އަންނަ މާޗްމަހުން ފެށިގެންނެވެ. ފެނުގެ އަގަށް ގެނެވުނު ބަދަލުތައް މި މަހުގެ ބިލުންވެސް ފެންނާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރަރު މިއަދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ