މާލޭގެ ކުނިގޮނޑުގެ މައްސަލައަކީ ވަރަށް ބޮޑަށް އުނދަގޫވެފައިވާ މައްސަލައެއް ނަމަވެސް މިހާރު އެތަނުގެ މަތިން ރައްޔިތުން ހަނދާން ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ހުވަދުއަތޮޅު އުތުރުބުރީގެ ބައެއް ރަށްރަށަށާއި، ހުވަދުއަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގދ. މަޑަވެއްޔަށް ވަޑައިގެން އެރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، މާލޭގެ ކުނިގޮނޑުގެ މައްސަލައަކީ އެހެން ރަށްރަށުގެ ގޮނޑުތަކަށް ވުރެ އުނދަގޫވެފައިވާ މައްސަލައެއް ކަމަށެވެ. ސަބަބަކީ މާލޭއަކީ ތޮއްޖެހިފައިވާ ރަށެއް ކަމަށާއި އަދި ކުނިގޮނޑު ވަށައިގެން ސްކޫލުތަކާއި މީހުންގެ ގެދޮރު ހުރިތަނެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
"ކިތައް އަހަރުތޯ މިދިޔައީ މާލޭގެ ކުނިގޮނޑު ނުނެގިގެން މިދިޔައީ. ބޭރު ކުންފުނިތަކާއި ހަވާލު ކުރި އެތެރޭގެ ކުންފުނިތަކާއި ހަވާލުވީ ޕްރޮވިންސްތަކާއި ހަވާލުވި. މިހެންގޮސް ހަވާލު ނުކުރާ ބައެއް ނެތް. އެކަމަކު މިއަދު ހިޔާލަށް އާދެތޯ މާލޭގެ ކުނިގޮނޑެއް އޮތީ ކޮންތާކުތޯ. މާލޭގެ ކުނިގޮނޑު މަތިން މިހާރު މާލޭގެ ރައްޔިތުން ހަނދާނެއް ނެތޭ." ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމަށް އޭރު ކުރި މަސައްކަތުގެ ތެރެއިން ރައްޔިތުންނަށް ދަތިވެފައިހުރި ކަންކަމުގެ ވާހަކަ ދަންނަވާފައިވާނެ ކަމަށެވެ. އޭގެތެރޭގައި ކުންޏާއި ފެނާއި ނަރުދަމާ އަދިި މަގުހެދުމުގެ އިތުރުން ބޯހިޔާވަހިކަން ފަދަ ކަންކަން ހައްލުކޮށްދެއްވާނެ ކަމަށާއި އަދި އެކަންކަން ކުރަން ފެށުމުން އިވެނީ މަސައްކަތް ލަސްވެގެން އެކަމުގެ ޝަކުވާ ކުރާ އަޑު ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
"އެކަމު އަޅުގަނޑާއި ވާދަކުރައްވާ ބޭފުޅުން އަބަދުވެސް ދައްކަމުން އަންނަ ވާހަކައަކީ ކަމެއްކޮށްފަ އޮތިއްޔާ އޭގެ ފަހަތުން ވިދާޅުވާނެ އަދި މިވެނި ކަމެއް ނުކުރެއޭ. ކަމެއް ކުރަންޏާ ވިދާޅުވާނެ އެކަން ކުރެވޭލެއް މާލަހޭ. ލަސްވާނެ ދެއްތޯ. މިހާރު އެބޭފުޅުންގެ ފަސް އަހަރުގެ ތެރޭގަ އަޅުގަނޑުއެހެންތަނެއްގަ ވާހަކަ ދައްކަމުން ދެންނެވިން މިހިން ދަންނަވާ ބޮޑެތި މަޝްރޫއުގަ އެސެޓް ބިލްޑުކުރުމަށް ބަނދަރު ނަރުދަމާ ސްކޫލު ފަދަ ބޮޑެތި މަޝްރޫއުތަކަށް އެބޭފުޅުންގެ ފަސް އަހަރުގަ އެއް މަޝްރޫއު ހިންގަވާފިއްޔާ މިސަރުކާރުގަ އޭގަ ހަ މަޝްރޫއު ހިންގާނަމޭ. އެހެންވީ މަސައްކަތް ލަސްވަނީ." ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެފަދަ މަސައްކަތްތައް ލަސްވުމަށް ދިމާވާ އަނެއް ސަބަބަކީ އެފަދަ ހުރިހާ މަސައްކަތެއް ކުރަން ތިބީ ރާއްޖޭގެ ހުރި ބޮޑެތި ކުންފުނިތައް ކަމަށާއި ބޭރުގެ ކަރަކަރައިގެ ކުންފުނިތަކާއި ހަވާލުކުރުމުން ލިބޭ ނަތީޖާ ރަނގަޅު ނޫން ކަމަށެވެ. އެގޮތުން މަސައްކަތް ފެށުމަށްފަހު ނުނިންމާ ހިނގައިދާނެކަމަށާއި އޭރުން ޖެހޭނީ އެހެން ބަޔަކާއި އަލުން ހަވާލުކުރަން ކަމަށް ރައީސް ޔާމީން ވިދާޅުވެއެވެ.
މިއަދު ހެނދުނު ރައީސް ޔާމީން ފެއްޓެވި އެދަތުރުފުޅުގައި މަޑަވެލީގެ އިތުރުން ގދ.ފަރެސްމާތޮޑާ އާއި ގދ. ގައްދޫ އަދި ގއ. ކޮނޑޭ އާއި ގއ. ކޮލަމާފުށި އަދި ގއ. ވިލިނގިލީގެ އިތުރުން އެއަތޮޅު ކޫއްޑޫއަށް ވަޑައިތުމަށް ހަމަޖެހިފައިވެއެވެ. ރައީސް ޔާމީނާއެކު އެދަތުރުފުޅުގައި ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންފައިވެއެވެ.
މާލޭގެ ކުނިގޮނޑު މަތިން މިހާރު ރައްޔިތުން ހަނދާނެއް ނެތް: ރައީސް ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ