ތަރައްގީގެ މަޝްރޫއުތަކަށްވުރެ ބޮޑަށް ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ބޭނުންވަނީ އަދުލުއިންސާފު ކަމަށް، އަދާލަތު ޕާޓީގެ ނާއިބްރައީސް އަލްއުސްތާޛް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ އިއްތިހާދުން ހައްދުންމަތީ ގަމުގައި މިހާރު ބާއްވަމުންދާ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ބޭނުންވަނީ އަދުލުއިންސާފާއި ހަމަހަމަކަން ކަމަށާއި، ތަރައްގީ ބޭނުންވަނީ އޭގެފަހުން ކަމަށް ވިދާޅުވިއެވެ.
ގުޅިފައިވާ އިއްތިހާދުގެ އެންމެ އިސް އަމާޒަކީ ރާއްޖޭގައި އަދުލުއިންސާފާއި ހަމަހަމަކަން ގާއިމްކުރުން ކަމަށްވެސް އަލީ ޒާހިރު ވިދާޅުވިއެވެ. އެހެންކަމުން، މިސެޕްޓެމްބަރުމަހުގެ 23 ގައި އަނިޔާވެރިކަން ނިމުމަކަށްގެނެސް ރައްޔިތުން އެދޭ ތަރައްގީ ގެނެސްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
އަލްއުސްތާޛް އަލީ ޒާހިރު ވިދާޅުވީ، ގުޅިފައިވާ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހަންމަދު ސޯލި (އިބޫ) އަކީ ރައްޔިތުންނަށް އަދުލުއިންފު ހޯއްދަވައި ދެއްވޭނެ، ރައްޔިތުންގެ މެދުގައި ސުލްހަމަސަލަސްކަން ގާއިމްކޮށްދެއްވޭނެ ކެންޑިޑޭޓެއް ކަމަށާއި، އިބޫއަކީ، ދޫކޮށްލެވޭނެ ވަރުގެ ކެންޑިޑޭޓެއް ނޫންކަމަށެވެ.
އެހެންކަމުން، ވޯޓްލާދުވަހު ވީހާވެސް ރައްޔިތުން ނުކުމެ ވޯޓުފޮށިތައް ފުރެންދެން ވޯޓްދެއްވުމަށާއި، ރައްޔިތުން އެދޭ މުސްތަގްބަލް ހާސިލްވެގެންދާނީ އޭރުން ކަމަށްވެސް އަދާލަތު ޕާޓީގެ ނާއިބްރައީސް ވިދާޅުވިއެވެ.
އަދި އިބްރާހިމް މުހަންމަދު ސޯލިހަށް ލ. ގަމުގެ ރައްޔިތުން ދެންނެވި ހޫނު މަރްހަބާއިން، ގަމުން ރައީސް ޔާމީނަށް ލިބޭނެ ވޯޓަށްވުރެ ގިނަ މާފަތި އިބޫއަށް ލިބިވަޑައިގެންނެވިކަން އަލީ ޒާހިރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
އަލީ ޒާހިރު ވިދާޅުވީ، ވޯޓް ގާތްވާވަރަކަށް ތަފާތު ގޮތްގޮތަށް މީހުންގެ ހިތްތަކާއި ސިކުނޑިތަކާ ކުޅުމަށް ވާދަވެރިން މަސައްކަތްކުރަމުން ގެންދާ ކަމަށާއި، ވޯޓު ހޯދުމުގެ ނަމުގައި މާއްދީ އެކިއެކި ހުށަހެޅުންތައް ހުށަހަޅަމުން ގެންދާ ކަމަށެވެ.
އެހެންނަމަވެސް، ތިމާމެންގެ މުސްތަގްބަލާއި، ދަރީންގެދަރީންގެ މުސްތަގްބަލަށްޓަކައި، އެގޮތަށް ދިއްކޮއްލާ ސިޓީއުރައެއްގެ ސަބަބުން، ނުވަތަ ލިބޭ ވަޒީފާއެއްގެ ސަބަބުން، ނުވަތަ ލިބޭ ވަގުތީ ފައިދާއަކަށް ޟަމީރު ގަބޫލުކުރާ ކަމެއް ނުކުރުމަށާއި، ޟަމީރު ވިއްކާ ނުލުމަށްވެސް އަލީ ޒާހިރު އެދިވަޑައިގެންނެވިއެވެ.
ތަރައްގީގެ މަޝްރޫއުތަކަށްވުރެ ބޮޑަށް ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ އަދުލުއިންސާފު: އަލީ ޒާހިރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ