ޤައުމީ ރޫޙުގައި ރައްޔިތުން ބުރިޖަށް!
ދިވެހިންނަކީ އެއް ދީނެއްގެ މަތީ ދެމިހުރި، އެއް ފޮތެއް ކިޔަވާ އެއް ނަސްލެއްގެ އެއްބައެއް ވަންތަ ބައެކެވެ. ދިވެހިންގެ އެކުވެރިކަމާއި އަޚުވަންތަކަމުގެ މިސާލުތަކަކީ ދިވެހި ތާރީޚީ ސަފުހާތައް ފުރާލެވިފައިވާ ކަންކަމެވެ. ނަމަވެސް ޒަމާން ބަދަލުވެ، ޑިމޮކްރަސީ ތަޢާރަފުވެ، ސިޔާސީ ހަމަނުޖެހުމާއި ބައިބައިވުންތައް އުފެދި ދިވެހިންގެ އަޚުވަންތަކަމަށް ވަނީ ބުރޫ އަރާފައެވެ. ފަހުގެ ތާރީޚުތަކުން، ދިވެހިންގެ ތެރެއިން ޤައުމީ ރޫޙުގައި ގިނަ ބަޔަކު އެއްތަނަކަށް ހާޒިރުވާ މަންޒަރުފެނިގެންދާ މިންވަރު ވަނީ މަދުވެފައެވެ.ރާއްޖޭގެ ތާރީޚު ބަދަލުކޮށްލި ބްރިޖު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، ދިވެހިންގެ އަޚުވަންތަކަމާއި ދިވެހިންގެ ޤައުމީ ރޫޙު އާލާކޮށް ދިވެހިންނަކީ އެއް ދީނެއް، އެއް ފޮތެއް ޤަބޫލުރާ އެއް ނަސްލެއްގެ އެއް ބައެއްގެ ގޮތުގައި ސިފަކުރައްވާ ދިވެހިން އަބަދުވެސް އެ ގޮތުގައި ތިބުމަށް ރައީސް ޔާމީން ގޮވާލެއްވުމާއި އެކު ދިވެހިން ވަނީ މުޅި ބްރިޖު ފުރާލާއި ދިވެހިންގެ އެއްބައިވަންތަކަން ދައްކައިދީފައެވެ. އަހަރުތަކަކަށް ފަހު، ސިޔާސީ ބައިބައިވުންތައް އެއްފަރާތް ކޮށް، ދިވެހިންނަށް ލިބުނު ތަރައްޤީގެ ކުރިއެރުން ފާހަގަކުރުމަށް އެތައް ހާސް ރައްޔިތުންނެއް ވަނީ ބްރިޖަށް ގޮސްފައެވެ.ރައްޔިތުންނަށް ބްރިޖު ދެއްކެމުގެ ފުރުސަތު ރައީސް ޔާމީންގެ ކެމްޕެއިން ޓީމުން ފަހިކޮށްދިނުމާއި އެކު ރައީސް ޔާމީންގެ ތަރައްޤީ ފޮނިމީރުކަން ހާސިލުކުރުމަށް އެ ސަރަހައްދަށް ވަނީ ގޮސްފައެވެ. ހަވީރު 4 އިން 6 އަށް ބްރިޖު ދައްކާލުމުގެ ފުރުސަތު ހުޅުވާލުމައި އެކު 3 ޖެހީއްސުރެ މުޅި ބްރިޖު ހިމެނޭ ސަރަހައްދު ފުރާލާ ކޮޅާކޮޅު ނުފެންނަ ސަފުތަކުގައި ފެއްޓި ހިނގާލުމުގައި ފެނިގެން ދިޔައީ ދިވެހިވަންތަ ރަޙަތަކެވެ. އާންމުކޮށް ޢީދުގައި ފެންނަ ފަދަ މާއްޔާއި ބޮޑު މަހުގެ ހަރަކާތްތައް ބްރިޖުމަތިން ފެނިގެން ދިޔަ އިރު ބައިވެރިން ބުނަމުން ދިޔައީ މިއީ ތަރައްޤީގެ ޢީދެއް ކަމަށެވެ. އަންހެންވެރިން ލަވައަށް ފައި ހަމަކޮށް މާފަތި އަނބުރާ ނަށަމުންދިޔައިރު، ދަނޑިޖެހުމާއި، ބޮޑުބެރާއި ބޮޑު ބެރު ނެށުން ވެސް ބްރިޖު މަތިން ފެނިގެން ދިޔައެވެ. ބްރިޖު ބަލާލުމަށް ޤައުމީ ރޫޙުގައި ދިޔަ ގިނަ އަދަދެއްގެ ދިވެހިން ދިޔާ ދިވެހިންގެ ދިވެހިވަންތަކަން ރަމްޒު ކޮށްދޭ ސަޤާފީ ހެދުމުގައެވެ.ރައީސް ޔާމީނަށް ތަޢުރީފުކުރުމާއި ދިވެހިންނަށް ލިބިފައިވާ ޤައުމީ ކުރިއެރުމުގެ އުފާ ފާޅުކުރުމުގައި ދިވެހިންގެ ކިބައިން ފެނިގެންދިޔައީ އިހުގައި ފޮތްފޮތުގައި ލިޔެފައިވާ ފަދަ އަޚުވަންތަކަމެވެ. ބްރިޖުމަތިން އިއްޔެ ފެނިގެން ދިޔަ މަންޒަރުތަކަކީ މި ޤައުމުގެ މުޖުތަމަޢު ދުޅަހެޔޮވަމުންދާ ކަމުގެ ކުލަވަރުތަކެވެ. އަހަރުތަކަކަށް ފަހު، ޑިމޮކްރަސީ ފައްކާވެ، ސިޔާސީ ޚިޔާލުތަފާތުވުންތަކާއި އެކު ވެސް ޤައުމަށް ލިބޭ ކުރިއެރުންތައް ފާހަގަ ކުރުމަށް ދިވެހިން ތައްޔާރަށް ތިބި ކަމުގެ ހެކިތަކެވެ. ދިވެހިންގެ ބުރިޖު ބެލުމަށް ދިވެހިންގެ ހެދުމުގައި، ދިވެހިންގެ ހަރަކާތްތަކުގައި ދިވެހިން ދިޔައީ ޤައުމީ ރޫޙުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ