ދުނިޔޭގެ އެންމެ ބިޒީ އެއާޕޯޓުގައި ކަރަންޓު ކެނޑި، އެތައް ހާސް ބަޔަކު ތާށިވެއްޖެ

އެޓްލާންޓާ (ޑިސެމްބަރު 18): އެމެރިކާގެ އެޓްލާންޓާގައި އޮންނަ ދުނިޔޭގެ އެންމެ ބިޒީ އެއާޕޯޓު ކަމަށްވާ ހާޓްސްފީލްޑް ޖެކްސަން އިންޓަނޭޝަނަލް އެއާޕޯޓުން ކަރަންޓު ކެނޑުމުގެ ސަބަބުން އެތައް ހާސް މީހުން އެއާޕޯޓުގައި ތާށިވެއްޖެ އެވެ. ދުވާލަކު 250،000 މީހުން ބޭނުން ކުރާ އަދި 2،500 ފްލައިޓު ދާ އެއެއާޕޯޓުން ކަރަންޓު ކެނޑުމުގެ ސަބަބުން ގިނަ ބަޔަކަށް ޖެހުނީ އަނދިރި ޓާމިނަލްތަކާއި ފްލައިޓު ތެރޭގައި މަޑު ކުރާށެވެ. އަދި އެއާޕޯޓަށް އަލުން ކަރަންޓު ފޯރުކޮށްދީފައިވީ ނަމަވެސް، 1000އަށް ވުރެ ގިނަ ފްލައިޓު ކެންސަލްކޮށްފައިވާ އިރު އެތައް ސަތޭކަ ފްލައިޓު ވަނީ މާދަމާއަށް ބަދަލުކޮށްފައެވެ. ހާޓްސްފީލްޑް ޖެކްސަން އެއާޕޯޓަށް ކަރަންޓު ފޯރުކޮށްދޭ ޖޯޖިއާ ޕަވާއިން ބުނި ގޮތުގައި ކަރަންޓު ކެނޑުނީ ބިމުއަޑީގައި ހުންނަ ކަރަންޓު ފެސިލިޓީއެއްގައި ރޯވުމުގެ ސަބަބުންނެވެ. ނަމަވެސް އެތަނުގައި އަލިފާން ރޯވާން މެދުވެރި ސަބަބު ޖޯޖިއާ ޕަވާއިން ޔަގީންކޮށްދީފައެއް ނުވެއެވެ. އަދި އެޓްލާންޓާގެ މޭޔަރު ވަނީ އެހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އެޓްލާންޓާ އޮންނަނީ އެމެރިކާގެ އާބާދީގެ 80 ޕަސެންޓަށް، ދެ ގަޑި އިރުގެ ފްލައިޓަކުން ދަތުރުކުރެވޭހާ ދުރުމިނުގައެވެ. އެހެންކަމުން ގައުމުގެ އެތެރޭގެ އުދުހުންތަކަށާއި ގައުމުން ބޭރަށް ކުރާ ދަތުރުތަކުގައި އެޓްލާންޓާއަށް ހުއްޓާ ފްލައިޓުތައް ގިނައެވެ. (ބީބީސީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ