12 މެންބަރުންގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން އަމުރު ނެރެފި

އިލެކްޝަންސް ކޮމިޝަނުން، ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ. ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުގައި ބުނެފައި ވަނީ މަޖިލީހުގެ މެންބަރުން އިންތިހާބުވި އިރު ހުރި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ގޮނޑިގެއްލޭ ގޮތަށް މީގެ ކުރިން ހުކުމް ކުރި ނަމަވެސް މިއަދާ ހަމައަށް ވެސް އެކަމާ ގުޅޭ ގާނޫނު ފާސްކުރެވިފައި ނުވާ ކަމަށެވެ. "އެހުކުމުގައިވާ ގޮތުގެ މަތިން ފާސްކުރަން ޖެހޭ ގާނޫނު ފާސްކުރުމަކާ ނުލައި ރައްޔިތުންގެ މަޖިލީހަށް އެކި ދާއިރާތަކުން ރައްޔިތުންގެ ސީދާ ވޯޓުން އިންތިހާބްކޮށްފައިވާ ގިނަ އަދަދެއްގެ ރައްޔިތުންގެ މަޖިލީހުގެ މަންބަރުން އިލެކްޝަންސް ކޮމިޝަނުން ވަކިކޮށް އެކަން އިއުލާންކޮށްފައިވާ ކަމާއި،" "އަދި އެ މެންބަރުން މަޖިލިސްގެ މެންބަރުކަމުން ވަކިވެފައިވާ ކަމަށް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައި ނުވާތީ، އެ ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ހައްގު ގާނޫނު އަސާސީ އާއި ގާނޫނުތަކުން ލިބިގެންވާ ކަމަށް ދެކިގެން މަޖިލީހުގެ އިދާރާއަށް ވަންނަން އުޅުނު އުޅުމަކީ ޖިނާއީ ކުށެއްކަމުގައި ބެލެވި ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުންގެ މައްޗަށް ދައުލަތުގެ ފަރާތުން ޖިނާއީ ދައުވާ އުފުލާފައިވާކަން ފާހަގަކުރެވިފައި،" ސުޕްރީމް ކޯޓުގެ ބަޔާނުގައިވެ އެވެ. އިލެކްޝަން ކޮމިޝަނުން މެންބަރުންގެ ގޮނޑިގެއްލިއްޖެ ކަމަށް ނިންމައި އެ މެންބަރުންނަށް މަޖިލީހަށް ނުވަދެވޭ ގޮތަށް ހެދުމުގެ ސަބަބުން ގައުމުގެ މަސްލަހަތު ގެއްލިގެންދާ ކަމަށް ވެސް ސުޕްރީމް ކޯޓުގެ ބަޔާނުގައިވެ އެވެ. އެހެންކަމުން ސުޕްރީމް ކޯޓުން މީގެ ކުރިން ކޮށްފައިވާ ހުކުމް ބާތިލުވެއްޖެ ކަމަށް މިރޭ އެ ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. ސުޕްރީމް ކޯޓުން މީގެ ކުރިން ނެރެފައިވާ އަމުރުގައި ބުނެފައި ވަނީ އަމުރުގައިވާ ގޮތުން ޕާޓީން ވަކި ވެގެން ނުވަތަ ޕާޓީން ވަކިކޮށްގެން ނުވަތު ޕާޓީ ބަދަލުކޮށްގެން ގޮނޑި ގެއްލޭނީ 13 ޖުލައި 2017ގެ ފަހުން އޭން އެއްވެސް ކަމެއް ހިނގާފައިވާ ނަމަ އެވެ. އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލުން ކަމެއް ނުވަތަ ނުގެއްލޭ ކަމެއްވެސް ސުޕްރީމް ކޯޓުގެ ނިންމުމުގައި މީގެ ކުރިން ކަނޑައެޅިގެން ބަޔާންކޮށްފައެއް ނުވެ އެވެ. ނިންމުމުގައި ބުނެފައި ވަނީ އެ މައްސަލައަކީ ގާނޫނީ ގޮތުން ހައްލު ދެއްވިފައިވާ މައްސަލައެއް ކަމުން އެ މައުޟޫއާ ގުޅިގެން އިތުރު ހުކުމެއް ކުރަން ނުޖެހޭނެ ކަމަށެވެ. ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވާ މެންބަރުން؛ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނު ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދު ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ