ޖޮކޮވިޗްގެ މައްޗަށް ކުރި ހޯދާ ފެޑެރާ ޝެންހާއީ އޯޕަންގެ ފައިނަލަށް ދަތުރުކޮށްފި

ދުނިޔޭގެ އެއް ނަމްބަރު ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި މިވަގުތު ހުރި ސާބިއާގެ ނޮވަކް ޖޮކޮވިޗްގެ މައްޗަށް ކުރި ހޯދާ ޝެންހާއީ އޯޕަންގެ ފައިނަލަށް ސްވިޒަލޭންޑްގެ ރޮޖާރ ފެޑެރާ ދަތުރުކޮށްފި އެވެ.
މި މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން ޖޮކޮވިޗްގެ މައްޗަށް ފެޑެރާ ކުރި ހޯދީ ސީދާ 2 ސެޓުންނެވެ. މި މެޗުގެ ސެޓުތަށް ފެޑެރާ ގެންދިޔައީ 4-6 އަދި 4-6 ގެ ނަތީޖާއަކުންނެވެ.
"ވަރަށް އުފާވެއްޖެ މި މެޗުން މޮޅުވީމަ. މިއީ މިއަހަރު އަހަންނަށް އެންމެ ރަނގަޅަށް ކުޅުނު އެއް މެޗު. މި މެޗުގައި ހުރިހާކަމެއް ވެސް ދިޔައީ ރަނގަޅަށް" 17 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ ފެޑެރާ މެޗަށްފަހު ބުންޏެވެ.
ފެޑެރާ މުބާރާތުގެ ފައިނަލްގައި ބައްދަލުކުރާނީ ފްރާންސްގެ ގިލްސް ސިމޯންއާ އެވެ. ގިލްސް ސިމޯން މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ފެލިސިއާނޯ ލޮޕޭޒްއާ ބައްދަލުކުރި މެޗު ސީދާ 2 ސެޓުން ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ ސެޓުތަށް ސިމޯން ގެންދިޔައީ 2-6 އަދި 6-7 ގެ ނަތީޖާއަކުންނެވެ.
ފެޑެރާ އާއި ސިމޯން ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ މާދަމާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ