އިސްލާހަށް މަސައްކަތްކުރުމަކީ ގޯސްކަމެއް ނޫންކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އެމަނިކުފާނު މިއަދު ކުރައްވާފައިވާ ޓްވީޓެއްގަ އެވެ.
ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައިވަނީ އިސްލާހަށް މަސައްކަތްކުރުމަކީ ގޯސްކަމެއް ނޫން ކަމަށެވެ. އަދި އިސްލާހަށް މަސައްކަތް ކުރުމަކީ ކުރިއެރުމަށް އޮތް އެންމެ ބާރުގަދަ ހަތިޔާރު ކަމަށްވެސް ރައީސް މައުމޫން ވަނީ ވިދާޅުވެފަ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިވާއިރު، އެމަނިކްފާނު ވަނީ ޕީޕީއެމްގެ ތެރޭގައި އުސޫލުން ބޭރުން ގިނަ ކަންތައްތަކެއް ހިނގަމުންދާކަން ފާހަގަކުރައްވާ އިސްލާހީ އެޖެންޑާއެއް އިއުލާންކުރައްވާފަ އެވެ. އަދި ސަރުކާރުން ކުރާ ގާނޫނާއި ހިލާފު ކަންކަން ހުއްޓުވުމަށް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުންވެސް ވަނީ އިސްލާހަށް މަސައްކަތް ކުރުމަށް އިދިކޮޅު އިއްތިހާދެއް އުފައްދާފަ އެވެ.
ރައީސް މައުމޫންގެ އިސްލާހީ އެޖެންޑާއާއި ދެކޮޅަށް ޕީޕީއެމްގެ އިސް ބޭފުޅުން ވާހަކަފުޅު ދައްކަވާފައިވާއިރު، އެޖެންޑާ ބާތިލްކުރުމަށް ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ބައެއް މެންބަރުން ވަނީ ކޯޓަށް މައްސަލަވެސް ހުށައަޅާފައެވެ. އަދި ރައީސް މައުމޫނަށް އަމާޒުކޮށް ޕާޓީގެ ތެރެއިން ގިނަ މެންބަރުން ގެންދަވަނީ ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ފާޑު ވިދާޅުވަމުންނެވެ.
ރައީސް މައުމޫންގެ އިސްލާހީ އެޖެންޑާ ފަސް ފިޔަވައްސަކަށް ބަހާލާފައިވާއިރު ވަކި ތާރީހު ތަކެއްގައި ބައެއް ކަންކަން ނިންމަން ވަނީ ކަނޑައަޅުއްވާފަ އެވެ.
ރައީސް މައުމޫންގެ އިސްލާހީ އެޖެންޑާގެ ފުރަތަމަ ފިޔަވަހި ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ މި ހިނގާ ޖުލައި މަހުގެ ތިންވަނަ ދުވަހުން ފެށިގެން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. އިސްލާހީ އެޖެންޑާގައިވާ ގޮތުން މި ފިޔަވަހީގެ މައިގަނޑު މަގުސަދަކީ ޕާޓީގެ އެތެރޭގެ ނިޒާމުތައް އިސްލާހުކުރުމެވެ.
އިސްލާހީ އެޖެންޑާގެ ދެވަނަ ފިޔަވަހި ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިއަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ފިޔަވަހީގެ މައިގަނޑު މަގުސަދަކީ ޕާޓީގެ މައިގަނޑު އުސޫލުތަކަށް ރުޖޫއުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ.
މައުމޫންގެ އިސްލާހީ އެޖެންޑާގެ ތިންވަނަ ފިޔަވަހި ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ފިޔަވަހީގެ މައިގަނޑު މަގުސަދަކީ ޕާޓީގެ އިންތިހާބީ މަގާމުތަކުގައި ތިބޭ ފަރާތްތައް އާންމު މެންބަރުންނަށް ޖަވާބުދާރީ ކުރުވުމެވެ.
އިސްލާހީ އެޖެންޑާގެ ހަތަރުވަނަ ފިޔަވަހި ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ފިޔަވަހީގެ މައިގަނޑު މަގުސަދަކީ ޕީޕީއެމްގެ ޓިކެޓް އިންތިހާބުވެފައިވާ ފަރާތްތަކުން، އެފަރާތްތަކުގެ ގައުމީ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުން ކަށަވަރުކުރުމެވެ.
ރައީސް މައުމޫންގެ އިސްލާހީ އެޖެންޑާގެ ފަސްވަނަ ފިޔަވަހި ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ފިޔަވަހީގެ މައިގަނޑު މަގުސަދަކީ ޕީޕީއެމްގެ ގައުމީ ޖަލްސާގައި ދެފުށް ފެންނަ ގޮތަށް ޕާޓީގެ ސައްހަ ގޮފިތައް ތަމްސީލް ކުރާ އާންމު މެންބަރުންގެ އަޑުއުފުލޭ ޖަލްސާއަކަށް ހެދުމަށް މަސައްކަތް ކުރުމެވެ.
އިސްލާހަށް މަސައްކަތްކުރުމަކީ ގޯހެއް ނޫން: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ