ކެނެޑާގެ ކުރީގެ ޕައިލެޓަކު، ސައްހަ ލައިސަންސެއް ނެތި ގާތްގަނޑަކަށް 17 އަހަރު ވަންދެން ސަތޭކައަށް ވުރެ ގިނަ ފްލައިޓް އޮޕަރޭޓްކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.
އޮންޓޭރިއޯގެ ފުލުހުން އަންގާރަ ދުވަހު ބުނި ގޮތުގައި، ހަތަރު މަސް ދުވަހުގެ ތަހުގީގަކަށް ފަހު އެއާ ކެނެޑާގެ ކުރީގެ ކެޕްޓަން ޖެފްރީ ވޯލްގެ މައްޗަށް ވަނީ މަކަރާއި ހީލަތުގެ ދައުވާ އާއި އެހެނިހެން ދައުވާތައް އުފުލާފަ އެވެ.
އުމުރުން 59 އަހަރުގެ ވޯލް 2009 އިން 2025 އާ ދެމެދު އެތެރޭގެ އުދުހުންތަކާއި ބައިނަލްއަގުވާމީ 900 އަށް ވުރެ ގިނަ ފްލައިޓް ކޮމާންޑް ކޮށްފައިވަނީ އޮޅުވާލައިގެން ހަދާފައިވާ ޕައިލެޓް ލައިސަންސްތަކެއް ބޭނުންކޮށްގެން ކަމަށް ބެލެވެ އެވެ.
ފުލުހުން ބުނި ގޮތުގައި، 2025 ވަނަ އަހަރު ވޯލް ރިޓަޔާ ކުރުމުގެ ކުރިން، އޭނާ އޮޅުވާލައިގެން އުޅުނުކަމުގެ ހެކި ވަނީ ލިބިފަ އެވެ.
ވޯލްގެ އަތުގައި ސައްހަ ކޮމާޝަލް ޕައިލެޓް ލައިސަންސެއް އޮތް ނަމަވެސް، ވިޔަފާރި އުސޫލުން ދުއްވާ ބޮޑެތި ބޯޓުތަކުގެ ކެޕްޓަންކަން ކުރުމަށް ބޭނުންވާ އެންމެ މަތީ ފަންތީގެ ސެޓްފިކެޓް ކަމަށްވާ "އެއާލައިން ޓްރާންސްޕޯޓް ޕައިލެޓް ލައިސަންސް" ނެތެވެ.
ވޯލްގެ މައްޗަށް ވަނީ މަކަރާއި ހީލަތް ހެދުމުގެ އެއް ދައުވާ އާއި، ފޭކު ލިޔެކިޔުން ބޭނުންކުރުމުގެ ދެ ދައުވާ އާއި، ވަގު ޓްރޭޑްމާކެއް ގެންގުޅުމުގެ ތިން ދައުވާގެ އިތުރުން އާންމުންނަށް އޮޅުވާލުމުގެ އެއް ދައުވާ އުފުލާފަ އެވެ.
އެއާ ކެނެޑާއިން ބުނީ ޕައިލެޓްގެ މައްޗަށް ކުރެވޭ ތުހުމަތުތައް އެ ކުންފުނިން ބަލަނީ "ނުހަނު ސީރިއަސްކަމެއްގެ" ގޮތުގައި ކަމަށެވެ. ނަމަވެސް، ކޮންމެ ހަ މަހަކުން އެއްފަހަރު ޕައިލެޓުންގެ ގާބިލްކަން ވަޒަންކުރުމަށް ހަދާ މަޖުބޫރު ތަމްރީނުތަކާއި، ސެޓްފިކެޓް ލިބިފައިވާ ޕައިލެޓަކާއެކު އަހަރަކު އެއްފަހަރު ހަދާ ފްލައިޓް ޗެކްތައް ފުރިހަމަކޮށްފައި ވާތީ، ފަސިންޖަރުންގެ ސަލާމަތަށް ބުރޫއަރާފައި ނުވާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.
އެ އެއާލައިނުން ބުނި ގޮތުގައި ވޯލް ވަނީ އޭނާގެ ތަމްރީނުތަކުން "ފާސްވެ ނުވަތަ އެއަށްވުރެ މަތީ ނަތީޖާ" ހޯދައި، ބޮޑެތި ބޯޓުތައް ރައްކާތެރިކަމާއެކު ދުއްވުމުގެ މަތީ ފަންތީގެ ގާބިލްކަން ސާބިތުކޮށްދީފަ އެވެ.
ކެނެޑާގެ ގައުމީ އެއާލައިނުން އިތުރަށް ބުނީ، އެ ކުންފުނީގެ ޕައިލެޓުންގެ އޮޑިޓެއް ހެދުމުން، ލައިސަންސްގެ ޝަރުތުތަކާ ހިލާފުވި އެހެން އެއްވެސް މައްސަލައެއް ފެނިފައި ނުވާ ކަމަށެވެ.
ލައިސަންސެއް ނެތި 17 އަހަރު ފްލައިޓް ދުއްވި ކެނެޑާ ޕައިލެޓެއް ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ