އުމަރު ނަސީރު ފަސްލައްކަ ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައެއް ފެންމަތިވެއްޖެ

ޕީޕީއެމް ޕްރައިމަރީގައި ވާދަކުރައްވާ އެޕާޓީގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު 500،000 (ފަސްލައްކަ) ރުފިޔާއަށް ހިޔާނާތްތެރިވިކަމަށް ބުނާ މައްސަލައެއް ފެންމަތިވެ އެމައްސަލަ ޕާޓީގެ ސުލޫކީ ކޮމިޓީއަށް ހުށަހަޅައިފި އެވެ.
އުމަރު ނަސީރުގެ އެމައްސަލަ ސުލޫކީ ކޮމިޓީއަށް ހުށަހެޅުނީ ގާތް ގަނޑަކަށް ދެހަފްތާ ކުރިން ކަމުގެ މައުލޫމާތު މުއުތަބަރު ގޮތެއްގައި އެމްވީޔޫތަށް ލިބިފައިވެ އެވެ.
މަސްލަހަތަށްޓަކައި ނަން ހާމަކުރައްވަން ބޭނުންނުވާ ޕީޕީއެމްގެ އިސް އޮފިޝަލަކު އެމްވީޔޫތަށް މައުލޫމާތުދެމުން ވިދާޅުވީ ސުލޫކީ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައަކީ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް އައްޑޫއަށް ކުރެއްވުމަށް ހަމަޖެހުނު ދަތުރުފުޅަކަށް ހަރަދުކުރެއްވުމަށް ޕާޓީއަށް ހެޔޮ އެދިވަޑައިގަންނަވާ މެންބަރަކު ހަދިޔާ ކުރެއްވި ފައިސާ ޕާޓީ އާއި މިއަދާއި ހަމައަށް ވެސް އުމަރު ނަސީރު ހަވާލުކޮށްފައިނުވާތީ ހުށަހެޅިފައިވާ މައްސަލައެއް ކަމަށެވެ.
އަދި އެމައްސަލަ ހުށަހެޅި ފަރާތުން އެ ފައިސާ އުމަރު ނަސީރުގެ ކެމްޕެއިނަށް ހަރަދުކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕާޓީ ގެ ރައީސް އައްޑުއަށް ކުރެއްވެވި ދަތުރަކަށް ހަރަދު ކުރުމަށް ޕާޓީއަށް ހެޔޮ އެދޭ އާންމު މެންބަރަކު ހަދިޔާކުރެއްވި 500،00 ރުފިޔާ އުމަރާއި ހަވާލުކުރެއްވީ، އެ ފައިސާ މިއަދާއި ހަމައަށް ވެސް ޕާޓީ އާޢި ހަވާލުކޮށްފައިނުވާތީ އެމައްސަލަ މިއުޅެނީ." ޕީޕީއެމްގެ އޮފިޝަލް ވިދާޅުވި އެވެ.
މިކަމާއި ގުޅިގެން އުމަރު ނަސީރު އާއި ސުލޫކީ ކޮމިޓީގެ ބަހެއް ހޯދުމަށްކުރި މަސައްކަތް މިހާތަނަށް ކާމިޔާބުވެފައެއް ނުވެ އެވެ. އުމަރު ނަސީރާއި ސުލޫކީ ކޮމިޓީގެ މެންބަރުން ފޯނަށް ޖަވާބުދެއްވާފައިނުވާއިރު އެސްއެމްއެސްތަކަށް ވެސް އަދި ޖަވާބެއް ދެއްވާފައެއް ނުވެ އެވެ.
ނަމަވެސް އުމަރު ނަސީރުގެ ތަރުޖަމާނު އަބްދުﷲ ސިނާން ވިދާޅުވީ އެފައިސާ އާއި ގުޅޭ އެއްވެސް މައުލޫމާތެއް އެބޭފުޅާއަށް ލިބިފައިނުވާ ކަމަށެވެ.
އުމަރު ނަސީރުގެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ އެޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް އިބްރާހިމް ނާޒިމް ވަނީ އުމަރު ނަސީރު ފަސް ލައްކަ ރުފިޔާއަށް ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލަ ދޮގުކުރައްވާފައެވެ.
ނާޒިމް ވިދާޅުވީ ފައިސާގެ ވާހަކަތަކަކީ އިންތިހާބު ކައިރިވުމުން ވާދަވެރި ބަޔަކު ދައްކާ މަޖާ ވާހަކައެއް ކަމަށާއި އެކަމުގައި އެއްވެސް ކަހަލަ ހަގީގަތެއް އެކުލެވޭ ކަމަށް ގަބޫލނުކުރެއްވޭ ކަމަށެވެ.
"އުމަރު ނަސީރު ފަސް ލައްކަ ރުފިޔާގައި ޖެހުނު ވާހަކަ ބުނީ އަޅުގަނޑަށް ވަރަށް ޖޯކް ވާހަކައެއް ތިއީ، އަޅުގަނޑުމެން ބޭއްވި ކޮންމެ މުޒާހަރާއަކަށް ވެސް 50،000 ހަރަދުވި، މުޒާހަރާތަކަށް ހަރަދުކުރީ އުމަރު ނަސީރު އަމިއްލައަށް." ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އުމަރު ނަސީރު ހިޔާނާތްތެރިވެވަޑާއިގެންނެވީ ފަސް މިލިއަން ރުފިޔާއަށް ކަމަށް ބުނި ނަމަ ގަބޫލުކުރަން ތަންކޮޅެއް ފަސޭހަވީސް ކަމަށެވެ.
ޕީޕީއެމްގެ ފައިސާގެ ކަންތައް ބަލަހައްޓަވާ އަހުމަދު ޒަމީރު އެމްވީޔޫތު އޮންލައިންއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އެއްވެސް ފަރާތަކުން ހަދިޔާ ކުރި 500,000 ރުފިޔާއެއް މިހާތަނަށް ޕީޕީއެމްއަށް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް ޒަމީރު އިތުރު އެއްވެސް މައުލޫމާތެއް ދެއްވާފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ