ގާސިމް އިބްރާހިމްގެ ރިޔާސީ ކެމްޕޭން ސްލޯގަން އިއުލާންކުރައްވައިފި

އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އެމަނިކުފާނުގެ ރިޔާސީ ކެމްޕޭން ސްލޯގަން އިއުލާން ކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގާސިމް އިބްރާހިމް، އެމަނިކުފާނުގެ ރިޔާސީ ކެމްޕޭން ސްލޯގަން އިއުލާން ކުރެއްވީ ރިޔާސީ ކެމްޕޭންގެ އޮނިގަނޑު އެކުލަވައިލަން ސިލްސިލާ ގޮތެއްގައި ކުރިޔަށްގެންދާ ބައްދަލުވުންތަކުގެ ތެރެއިން ރޭ ޕެރަޑައިސް ރިސޯޓްގައި ބޭއްވި ބައްދަލުވުމުގެ ތެރޭގައި އެމަނިކުފާނުގެ ޓްވިޓާ ޕޭޖް މެދުވެރިކޮށް ކުރެއްވި ޓްވީޓެއްގަ އެވެ.
ގާސިމްގެ ޓްވީޓްގައި ވިދާޅުވެފައި ވަނީ "އަޅުގަނޑުގެ 2013 ވަނަ އަހަރުގެ ކެމްޕޭން ސްލޯގަން އަކީ ތަރައްގީ ގައިމު" ކަމަށެވެ.
ނަމަވެސް އެ ސްލޯގަންއާ ބެހޭ އިތުރު ތަފުސީލެއް ގާސިމް ދެއްވާފައެއް ނުވެއެވެ.
ޖުމްހޫރީޕާޓީގެ ޓެކްނިކަލް ޓީމުން ޑްރާފްޓް ކޮށްފައިވާ ޖޭޕީގެ 2013 ވަނަ އަހަރުގެ މެނިފެސްޓޯ އާއި ބެހޭގޮތުން މަޝްވަރާ ކުރުމަށްޓަކައި ވަރަށް ޚާއްޞަ ބައްދަލުވުންތަކެއް މިހާރު ޕެރެޑައިސްގައި ކުރިއަށްދާކަން ފާހަގަކޮށްލެވެ އެވެ.
މި މަސައްކަތު ބައްދަލުވުމުގައި ޖޭޕީގެ ބައެއް ކައުންސިލް މެމްބަރުންނާއި، ޕޮލިޓިކަލް ސްލޮޓްތަކުގައި ތިއްބެވި ބައެއް ބޭބޭފުޅުންނާއި، ޖޭޕީގެ ބައެއް ޢާއްމު މެމްބަރުންގެ އިތުރުން ވިލާ ގްރޫޕްގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރެއިން ތަޢުލީމީގޮތުން ޤާބިލް، އަދި ތަޖުރިބާކާރު ބޭބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ