އިސްރާއީލް ޕާސްޕޯޓް މަނާކުރުމުން ބައިނަލްއަގުވާމީ ގޮތުން އުނދަގޫތަކެއްވި ނަމަވެސް ޓޫރިޒަމަށް ގެއްލުމެއް ނެތް: ޚަލީލް

އިސްރާއީލް ޕާސްޕޯޓް މަނާކުރުމުން ބައިނަލްއަގުވާމީ ގޮތުން އުނދަގޫތަކެއް ދިމާވި ނަމަވެސް, އެއީ ގައުމުތަކުން ބަލައިގަތް ނިންމުމެއް ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ފަލަސްތީނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތައް ހުއްޓާލަންދެން އިޒްރޭލް ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް އެތެރެވުން މަނާކުރާ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މިދިޔަ އޭޕްރިލް މަހުގެ 15ގައެވެ. ދައުލަތުގެ މީޑިއާއިން އިއްޔެ ދެއްކި އިންޓަވިއުއެއްގައި ޚަލީލް ވިދާޅުވީ ފަލަސްތީނުގެ މައްސަލައަކީ ދިވެހީންގެ ހިތްތަކާ ގުޅިލާމެހިފައި އޮތް މައްސަލައެއް ކަމާއި، އެ ގައުމުގެ ރައްޔިތުންނާ މެދު ދިވެހީންގެ ހިތްތަކުގައި އޮތީ ވަރަށް ގާތް އަޚުވަންތައް ގުޅުމެއްކަން ރައީސް ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދިވެހީންގެ ތެރެއިން އެތައް ބަޔަކު، އިސްރާއީލް ޕާސްޕޯޓް މަނާކުރުމަށް ގޮވާލުމުން ރައީސް އެ ގޮވާލުމަށް އިޖާބަ ދެއްވީ ކަމަށް އޭނާ ވިދާޅުވިއެވެ. "މިއީ ރާއްޖެ ކަހަލަ ކުޑަ ގައުމަކުން މީގެ ކުރިން ކޮށްފައި އޮތް ކަމެއް ނޫން، ބައެއް ގައުމުތަކުން ބައެއް ބޮޑެތި، އިގުތިސާދީ ގޮތުން ވަރުގަދަ ގައުމުތަކުން ކޮށްފައި އޮތް އެބަހުރި އެހެން ނަމަވެސް ރާއްޖެ ކަހަލަ ކުޑަ ގައުމަކުން މީގެ ކުރިން ކޮށްފައި އޮތް ކަމެއް ނޫން،" ޚަލީލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް އެފަދަ ކަމެއް ނިންމެވުމުން ދައްކުވައިދެނީ އިސްލާމީ އުއްމަތުގެ އެއްބައިވަންތަ ކަމަށް ޓަކައި އެ މަނިކުފާނުގެ އަޒުމު ވަރުގަދަކަން ކަމަށެވެ. ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް: އިސްރާއީލް ޕާސްޕޯޓް މަނާކުރުމުން ބައިނަލްއަގުވާމީ ގޮތުން އުނދަގޫތަކެއްވި، ނަމަވެސް ޓޫރިޒަމަށް ގެއްލުމެއް ނެތް ކަމަށް ވިދާޅުވި -- ފޮޓޯ/ ފޮރިން މިނިސްޓްރީ "އިސްރާއީލް ޕާސްޕޯޓް މަނާކުރުން އެއީ ހަގީގަތުގައި ބައިނަލްއަގުވާމީ މުޖުތަމައުގައި އަޅުގަނޑުމެންނަށް ކޮންމެވެސް ވަރަކަށް އުނދަގޫތަކެއް ކުރިމަތިވި މައްސަލައެއް." ޚަލީލް ވިދާޅުވިއެވެ. "އެހެންނަމަވެސް އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ މި ޚާރިޖީ ސިޔާސަތުގެ ތެރެއިން ދިވެހި ގައުމާއި ދިވެހި ރައްޔިތުންގެ މަސްލަހަތު އެއީ އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު އަސާސް ކަމަށް ބަލައިގެން އަޅުގަނޑުމެންނަށް ކުރެވުނު މަސައްކަތުގެ ނަތީޖާއަކީ ގާތްގަނޑަކަށް އަޅުގަނޑުމެންނަށް މަޝްވަރާ ކުރެވުނު ހުރިހާ ގައުމުތަކުން ވެސް އަޅުގަނޑުމެންގެ ސްޓޭންޑް ގަބޫލުކުރުން." އޭނާ ވިދާޅުވީ އިސްރާއީލް ޕާސްޕޯޓް މަނާކުރުމާ ގުޅިގެން ފަތުރުވެރިކަމަށް އަސަރު ކުރާނެ ކަމަށް ބައެއް މީހުން ބުނި ނަމަވެސް، ފަތުރުވެރިކަމަށް އެއްވެސް އަސަރެއް ނުކުރާ ކަމަށެވެ. އަދި އެ ދާއިރާ ކުރިއަރުވަން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން، ފަތުރުވެރިކަން މާ ބޮޑަށް ކުރިއަރާ މަންޒަރު ފެންނަ ކަމަށް ވެސް ޚަލީލް ވިދާޅުވިއެވެ. އެހެންވެ، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ތެރެއިން ކުރާ މަސައްކަތްތަކުން ނަތީޖާ ފެންނަކަމާއި އެއީ ހަރުދަނާ، އެހެން ގައުމުތަކުން ވެސް ބަލައިގަންނަ މަސައްކަތްތައްކަން ފާހަގަވާ އޭނާ ވިދާޅުވިއެވެ. އިޒްރޭލު ޕާސްޕޯޓު މަނާކުރަން ސަރުކާރުން ނިންމީ އެ ކަމަށް ގޮވާލައި ބައެއް ފަރާތްތަކުން މުޒާހަރާކުރަމުން ދަނިކޮށެވެ. މަޖިލީހުން އެ ބިލުގެ މަސައްކަތް ނިންމީ ސަރުކާރުން ޕާސްޕޯޓު މަނާކުރާކަން އިއުލާނުކުރިތާ 11 މަސް ފަހުންނެވެ. ވެރިކަންކުރާ ޕާޓީ ޕީއެންސީން މީގެ ކުރިން ވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރުން ލަސްވަނީ އެ ކަމަށްޓަކައި ފުޅާ ދާއިރާއެއްގައި ދިރާސާކުރާތީ ކަމަށް ވެސް ބުނެފައެވެ. https://sun.mv/204807 އެ ބިލް މަޖިލީހުން ފާސްކުރިއިރު، ބިލުގެ މަސައްކަތް ލަސްވާތީ ގިނަ ބަޔެއްގެ ފާޑުކިޔުން ވެސް އޮތީ އަމާޒުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ