ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް އަރިހަށް ވަޑައިގެންނެވީ ވަރަށް ބޮޑެތި ކަންތައްތަކަކަށް ކަމަށް ބައެއް ފަރާތްތަކަށް ހީވި ނަމަވެސް ގާސިމް އަރިހަށް ވަޑައިގެންނެވީ ހިތާއި ޖާނު ގުރުބާންކޮށްގެން ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮތް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަދި ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.
އާޓިފިޝަލް ބީޗުގައި ޖުމްހޫރީ ޕާޓީން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ނައިބު ލީޑަރުކަން ކުރެއްވި އިލްހާމް ވިދާޅުވީ ކޮންމެ ވެރިޔަކު ވެސް ދިވެހި ރާއްޖޭގެ ރައީސްކަމަށް ގެނެވިދާނެ ކަމަށާއި ނަމަވެސް އެގެނެވޭ ވެރިޔެއްގެ ސަބަބުން ނިކަމެތިވާނީ ރައްޔިތުން ކަމަށެވެ. އަދި ކޯލިޝަން ހެދުމަށް ވެސް ގާސިމް ފަހަތަށް ބޭފުޅުން ވަޑައިގަންނަވާނެ ކަމަށާއި ކޯލިޝަނަކާއި ނުލާ ވެރިކަމެއް ނުލިބޭނެ ކަމަށެވެ.
އިލްހާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންތަކެއް ޖުމްހޫރީ ޕާޓީ އަށް ގެނައުމަށް މަސައްކަތްތަކެއް ކުރައްވާނެ ކަމަށާއި ކުރިއަށް އޮތް 10 ވަރަކަށް ދުވަސް ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ "ދެތިން ހަތަރު" މެންބަރެއް ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގަންނަވާތަން ފެނިގެންދާނެ ކަމުގެ އުފާވެރި ހަބަރު ދެއްވާ ކަމަށެވެ. ނަމަވެސް އެއީ ކޮން މެންބަރުންނެއް ކަމެއް އިލްހާމް މިރޭ ވިދާޅެއް ނުވެ އެވެ.
"ގާސިމް އިބްރާހިމް ބަލިކޮށް ނުލެވޭނެ، ގާސިމް އިބްރާހިމަކީ ގައުމުގެ ރައްޔިތުން ލޯބިވާ ބޭފުޅެއް ހަމަގައިމުވެސް އަޅުގަނޑު އެމަނިކުފާނު އަރިހަށް އައީ، ބައެއް ބޭފުޅުން ހިތަށް އަރާނެ ހާދަ ބޮޑު ކަންތައްތަކަކަށޭ، ގަބޫލުފުޅު ކުރައްވާ އަޅުގަނޑު އައީ ހިތާއި ޖާނު ގުރުބާންކޮށްގެން، " އިލްހާމް ވިދާޅުވި އެވެ.
އިލްހާމް ވިދާޅުވީ އޭނާ ހަމައެކަނި ލޯބިވާ ޕާޓީއަކަށް އާދެވުނީ ޖުމްހޫރީ ޕާޓީއަށް ކަމަށާއި ހިތުގެ ނަފްސުން އާދެވުނު ޕާޓީއަކީ ވެސް ޖުމްހޫރީ ޕާޓީ ކަމަށެވެ. އަދި "ބޭނުންވެގެން ސޮއިކުރި ޕާޓީއަކީ ވެސް ޖުމްހޫރީ ޕާޓީ" ކަމަށާއި މިއީ ސަމާސާ ވާހަކައެއް ނޫން ކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ.
"ދެން މި ޕޯޑިއަމް ބަދަލުކުރާނީ ގާސިމް އިބްރާހިމް ދާކޮޅަށް ނޫނީ، ގާސިމަކީ ގައުމާއި ރައްޔިތުން ދެކެ ލޯބިވާ ބޭފުޅެއް، ގައުމުގެ ރައްޔިތުންނަށް އަޅާލާ ބޭފުޅެއް، ގައުމުގެ ކަންކަން ކުރުމަށްޓަކައި ތާއަބަދު އަޅުގަނޑުމެންނަށް ފެންނަނީ ގާސިމް އިބްރާހިމް މަސައްކަތްޕުޅު ކުރައްވާތަން،" އިލްހާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް މައުމޫނުގެ ވެރިކަމުގައި އޭރު އޮތް ނޫކުލައިގެ ގާނޫނު އަސާސީ ބަދަލުކޮށް ފެހި ގާނޫނު އަސާސީ އުފެއްދެވުމަށް ކެރިވަޑައިގެން ވާހަކަދެއްކެވި ބޭފުޅަކީ ގާސިމް ކަމަށާއި ރައީސް ނަޝީދަށް ވެރިކަން ލިބިގެން ވެސް ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވުމަށްފަހު އެންމެ ފުރަތަމަ ވަކިވެވަޑައިގަންނަވަން ކެރިވަޑައިގަތީ ގާސިމް ކަމަށާއި ރައީސް ނަޝީދު ގާނޫނީ އިމުގެ ތެރެއިން ވެރިކަން ވައްޓާލުމުގެ ވާހަކަދައްކެވީ ވެސް ގާސިމް ކަމަށެވެ.
"އެހެންވީމަ މިދަންނަވަނީ ގާސިމް ވަރެއް ނެތޭ މިގައުމުގައި، އަޅުގަނޑުމެންގެ ވޯޓު މިފަހަރު ގާސިމަށް ދެއްވާށޭ." އިލްހާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕާޓީ އާއި އަމިއްލަ މަގާމަކަށް ވުރެ ގައުމާއި އިސްލާމްދީން މުހިންމު ވާނެ ކަމަށާއި "މުހިންމު ވާނީ ނިކަމެތިންނަށް ކަންކަމުން މިންޖުކުރެވޭނެ ފޯމިއުލާއެއް" ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވީ އެޕާޓީއަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ "ފޯމިއުލާ" އެއް އޮތް ޕާޓީއަކަށް ވާތީ ކަމަށެވެ.
މިރޭގެ ޖަލްސާގައި ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ކުރީގެ ވަޒީރު އަބްދުﷲ ކަމާލުއްދީން (އޭކޭ) ވިދާޅުވީ ގާސިމަކީ މިގައުމުގައި ތިއްބެވި އެންމެ ގާބިލު ބޭފުޅުންގެ ތެރެއިންވެސް އެންމެ ކުރީގައި ހުންނެވި ބޭފުޅާ ކަމަށާއި ގާސިމަށް އިންތިހާބުގައި ކާމިޔާބު ލިބޭ ގޮތަށް ހުރިހާ ފަރާތްތަކަކުންވެސް މަސައްކަތް ކުރަންވާނީ އެހެން މީހުންނަށް ފާޑު ކިއުމެއްނެތި ކަމަށެވެ.
ގާސިމް އަރިހަށް ވަޑައިގަތީ ހިތާއި ޖާނު ގުރުބާންކޮށްގެން - އިލްހާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ