ކަމެއް ކުރަން ނުވަތަ ބަހެއް ބުނަން ނޭންގެޔޭ ބުންޔަސް ދިވެހި ރައްޔިތުން އެވާހަކަތައް ގަބޫލެއް ނުކުރާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީން މިރޭ ވ. އަތޮޅު ފެލިދޫގައި ބޭއްވި ހާއްސަ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ އޭނާއަކީ މީހުންނަށް އަނިޔާވެރިވާ މީހެއް ނޫންކަމާއި އޭނާއަކީ ތަނަވަސްކަން ހުރި މީހެއްކަން ވެސް ރާއްޖޭގެ ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.
"އަޅުގަނޑަށް ކަންތައްތައް ކުރަން ނޭންގޭ ކަމަށް ހަދަން، އަދި ކިތަންމެ ވަރަކަށް މީހަކު އުޅުނަސް އަޅުގަނޑަކަށް ހިއެއް ނުވޭ ދިވެހި ރާއްޖޭގެ އެއްވެސް ލޮބުވެތި ރައްޔިތަކު ގަބޫލުކުރާނެ ހެނެއްހެން، އަޅުގަނޑަށް ކަމެއް ކުރަން ނޭންގޭ އަދި ބަހެއް ބުނަންނޭންގޭ ނޫނިއްޔާ އަޅުގަނޑަކީ އެއްވެސް ނަތީޖާއެއް ނެރެން ނޭންގޭ މީހެއް ކަމަށް ކޮންމެ މީހަކު އަދި ކިތަންމެ ބަޔަކު ބުންޏަސް އެވާހަކަ އަޑު އަހާނެ މީހަކު ހުރީއެއް ނޫން، އަޅުގަނޑަށް ކަށަވަރު އެވާހަކަ އަޑެއް ނާހާނެކަން." ގާސިމް ވިދާޅުވި އެވެ.
ވިލާ ގްރޫޕްގެ ޗެއާމަންކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ ބޭރު ފަރާތްތަކާއި ގުޅިގެން ދީނާއި މިނިވަންކަން ނަގާލަން އުޅުނުކަސް އެކަމެއް ނުކުރެވޭނެ ކަމަށާއި އެކަން ކުރަންޖެހޭނީ ލޭ އޮހޮރުވާފައި ކަމަށެވެ. އަދި "ސަކަރާތް ގަންނަން އުޅޭ ގްރޫޕް ގަނޑު" އުޅެނީ މޮޔަވެގެން ކަމަށާއި އެމީހުންނަށް އެކަން ކުރަން ޖާގަ ނުދޭނެ ކަމަށެވެ.
"މިގައުމުގެ އިސްތިގުލާލާއި މިނިވަންކަމަށް އަރައިގަންނާކަށް، މިގައުމުގެ މި ތަރިކަ އާއި އެއްޗެހި ވިއްކާލާކަށް، އަޅުގަނޑުމެންގެ ކާފައިން އަޅުގަނޑުމެންނަށް ދަސްކޮށްދީފައިހުރި ރީތި އުސޫލުތަކާއި ހަމަތަކާއި އިންތަކާއި މިންތައް އަޅުގަނޑުމެން ހިފަހައްޓާނަން، މިއީ އަޅުގަނޑުމެން މިއުޅޭ ކަމަކީ އެނގޭތޯ، " އުމުރުން 63 އަހަރުގެ ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑު ހިނގައިދާނެ މަރުވެގެން، މީހަކު އައިސް ބަޑިއެއް ޖަހާލާއިރަށް ނުވަތަ އެހެން ކަމެއްކޮށްގެން، އެއްވެސް ޖެހިލުމެއް ނުވޭ އެނގޭތޯ، އައިސް މަރާލަންޏާ މަރާލަންވީ، އެކަމަކު މިގައުމުގެ ހައްގުގައި އަޅުގަނޑު މަރުވެގެންދާނީ، ދެން މިއީ ކޮން ވާހަކައެއް ދައްކަންތޯ މިއުޅެނީ، ފާޑު ފާޑުގެ ވާހަކަދައްކަން ހަޅޭއްލަވަން އަޅުގަނޑުމެންނާއި މިއުޅެނީ، މިގައުމުގެ ހައްގުގައި މަރުވެގެންދާނީ، އައިސްބަލަ،" ގާސިމް އިތުރަށް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ދިވެހި ދައުލަތުގެ ބޮޑު ލާރިއެއްގައިވެސް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި މިގައުމަށް ކަންތައްކޮށްދެވޭނެ މީހަކު އޭނާ ނޫނީ ނެތް ކަމަށެވެ. އަދި ވެރިކަމަށް ވެސް އެފަދަ މީހަކު ކުރިމަތިލާފައިނުވާ ކަމަށާއި ކުރިއަށް އޮތް ތާންގައި އަންނަން ވެސް ނެތް ކަމަށް ގާސިމް ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު ދިވެހި ދައުލަތުގައި ފައިސާ ހުރި މިންވަރާއި އަދި ރައްޔިތުންގެ ފައިސާގެ ގޮތުގައި ރަށް ރަށުގެ އެކައުންޓް ތަކުގައި ފައިސާ ހުރި މިންވަރު އެނގޭ ކަމަށާއި ނަމަވެސް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވިފަހުން ވެރިކަމާއި ހަވާލުވި ސަރުކާރުން އެފައިސާއަށް ހިޔާނަތްތެރިވުމާއި ގުޅިގެން ރައްޔިތުންގެ އެކައުންޓް ތަކުގައި ހުރި ފައިސާއަށް ވީގޮތެއް އެއްގޮތަކަށްވެސް އެގިވަޑައިނުގަންނަވާ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
އެހެންކަމުން ރައްޔިތުންގެ ފައިސާއަށް ހިޔާނަތްތެރިވި މީހުންގެ އަތުން އެފައިސާ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ހޯއްދަވާނެ ކަމަށާއި، ރައްޔިތަކަށް ހިޔާނަތްތެރިވި މީހަކަށް މައާފުކޮށް އިތުބާރު ނުކުރައްވާނެ ކަމަށް ވެސް މިރޭ ގާސިމް އިބްރާހިމް ވައުދުވެވަޑައިގެންނެވި އެވެ.
ކަމެއް ކުރަން އަދިބަހެއް ބުނަން ނޭންގެޔޭ ބުންޔަސް ގަބޫލުނުކުރާނެ - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ