ސައްހަ މެންބަރުން އެންމެ ގިނަ ޕާޓީއަކީ ޕީޕީއެމް - މައުމޫން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައި ތިބި 31،000 އަށް ވުރެން ގިނަ މެންބަރުންނަކީ ސައްހަ މެންބަރުން ކަމަށާއި ސައްހަ މެންބަރުން މިއަދު އެންމެ ގިނަ ޕާޓީއަކީ ޕީޕީއެމް ކަމަށް ކުރީގެ ރައީސް އަދި އެޕާޓީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީއަށްފަހު ފުރަތަމަ ފަހަރަށް ކާނިވަލުގައި އެޕާޓީން ބޭއްވި ޙާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ރޭ ވިދާޅުވީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވާ ފަދައިން ޕާޓީގެ މެންބަރުން އިތުރުނުކުރެވޭ ނަމަ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ފަސޭހަ ނުވާނެ ކަމަށެވެ.
"ބައެއް ބޭފުޅުން ވިދާޅުވޭ އަޅުގަނޑުމެންގެ ޕާޓީއަކީ ސައްހަ މެންބަރުން އެންމެ ގިނަ ޕާޓީއޭ، އެއީ އަޅުގަނޑުމެން ޕާޓީ މެންބަރުންގެ މައުލޫމާތު އެބޭފުޅެއްގެ ފޯމުގައި އޮންނާނެ، ފިންގަ ޕްރިންޓަށް ދަންދެން އޮންނާނެ، އެހެން ޕާޓީތަކުން ހުށަހަޅާފައިވާ ފޯމުތަކުގައި އެއެއް ނެތް، އެހެންވީމާ އަޅުގަނޑުމެން ޕާޓީގައި މިތިއްބެވި 31،000 މެންބަރުންނަށްވުރެން ގިނަ މެންބަރުންނަކީ ސައްހަ މެންބަރުން، ސައްހަ މެންބަރުން އެންމެ ގިނަ ޕާޓީއަކީ ޕީޕީއެމް." ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ރޭ ވަނީ ޕީޕީއެމްގެ ކޮންމެ މެންބަރަކު ވެސް ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި ޕީޕީއެމްއަށް އިތުރު ދެމެންބަރަކު ހޯއްދަވާދެއްވުމަށް އިލްތިމާސްކުރައްވާފައެވެ.
އަދި މެއި މަހުގެ ނިޔަލަށް ކޮންމެ މެންބަރަކު އިތުރު ދެމެންބަރަކު ޕީޕީއެމްއަށް ހޯދައިފިނަމަ ޕީޕީއެމްގެ މެންބަރުންގެ ގޮތުގައި 93،000 މެންބަރުން ތިބޭނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. މައުމޫން ވިދާޅުވީ އިތުރު ކުޑަ ކުޑަ ހިތްވަރެއް ލައިފިނަމަ ޕީޕީއެމް މެންބަރުންގެ އަދަދު އެއް ލައްކައަށް އަރާނެ ކަމަށެވެ.
"އެހެންވީމަ އަޅުގަނޑު އެދެނީ ޕާޓީގެ ހުރިހާ މެންބަރުންވެސް، އަޅުގަނޑު ކުރި އިލްތިމާސް އަމަލީ ގޮތުން އިޖާބަދެއްވުން، ކޮންމެ މެންބަރަކު ވެސް އަންނަ މެއި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ނުވަތަ އޭގެ ކުރިން އިތުރު ދެމެންބަރުން ޕީޕީއެމްއަށް ހޯއްދަވާދެއްވުން." ރައީސް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޕީޕީއެމްގެ މެންބަރުންގެ އަދަދު އެއް ލައްކައަށް އަރައިގެން ގޮސްފިނަމަ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ބޭނުންވާ އަދަދުގެ ވަރަށް ބޮޑު މިންވަރެއް ހާސިލްކުރެވިގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ