ކުރީގެ ރައީސް މައުމޫން ޝައިހުލް އަޒްހަރާ ބައްދަލުކުރައްވައިފި

ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް، ހޯމަ ދުވަހު މިސްރުގެ ޝައިހުލް އަޒްހަރު ފަޟީލަތުއް ޝައިހް އިމާމިލް އަކްބަރު، ޑރ. މުހައްމަދު ސައްޔިދު ތަންތާވީއާ ބައްދަލުކުރައްވައިފި އެވެ. އަދި މިސްރުގެ އައުގާފް މިނިސްޓަރު ޑރ. މަހުމޫދު ހަމްދީ ޒަގްޒޫގާއި، މިސްރުގެ މުފްތީ ޑރ. އަލީ ޖުމްއާއާ ވެސް ރައީސް މައުމޫން ބައްދަލުކުރެއްވި އެވެ.
މި ތިން ބޭފުޅުންނާ ވަކިވަކިން ބައްދަލުކުރައްވައި ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުގައި، އެ މަނިކުފާނުގެ ދައުރުގައި ތައުލީމީ ދާއިރާއިންނާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން، ރާއްޖޭގައި ސަރުކާރުން ކުރައްވާފައިވާ ކަންކަމުގައި އަޒުހަރުންނާއި އައުގާފުން ވެދެއްވާފައިވާ ގިނަގުނަ އެހީތަކަށް ޝުކުރު އަދާކުރެއްވި އެވެ. އަދި ޒަމާނުއްސުރެ ދެ ގައުމުގެ ދެމެދުގައި އޮންނަ އެކުވެރިކަމުގެ ގުޅުން ބަދަހިކުރެއްވުމާ ބެހޭ ގޮތުން ވާހަކަފުޅު ދެއްކެވި އެވެ.
ޝައިހުލް އަޒްހަރާއި، އައުގާފު މިނިސްޓްރާއި، މިސްރުގެ މުފްތީ ދެއްކެވި ވާހަކަފުޅުގައި ރައީސް މައުމޫންގެ ޒައާމަތުގައި ދިވެހިރާއްޖެ އަށް ސިޔާސީ ގޮތުންނާއި، އިގްތިސާދީ ގޮތުންނާއި، އިޖްތިމާއީ ގޮތުން އައިސްފައިވާ ކުރިއެރުމާއި ތަރައްގީ ފާހަގަކުރައްވައި އެ ކަމަށްޓަކައި ތަހުނިޔާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ