ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްލާމް ދީން ރައްކާތެރިކުރެވޭނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޑީއާރުޕީން އަޣުލަބިއްޔަތު ހޯދައިގެން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޑީއާރުޕީގެ ޒައީމް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ގިޔާސުއްދީން ސްކޫލުގައި ޑީއާރުޕީން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ މިނިވަންކަމާއި އިސްލާމް ދީނާއި ދިވެހިންގެ އެއްބައިވަންތަކަމަކީ ގައުމުގެ އެންމެ މުހިންމު މަސްލަހަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި އެ ކަންކަން ރައްކާތެރިކޮށް ދަމަހައްޓަންޖެހޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މިނިވަން ގައުމެއްގެ ގޮތުގައި އޮވެވޭނީ، އަޅުގަނޑު ދަންނަވާނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އަޅުގަނޑުމެންގެ ޕާޓީގެ މެންބަރުންގެ އަޣުލަބިއްޔަތެއް ކާމިޔާބު ކުރައްވައިގެންނޭ،" މައުމޫން ވިދާޅުވި އެވެ. "އެހެން މި ދެންނެވީ މިހާރު ކަންތައްތައް ހިނގަމުންދާ ގޮތަށް ބަލާއިރު އަޅުގަނޑުމެންގެ މިނިވަންކަމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަ ކުރިމަތިވޭ. ރާއްޖޭގެ ކަންކަމުގައި ބިދޭސީން މާ ބޮޑަށް ބައިވެރިވަމުން މިހާރު އެ ގެންދަނީ. އަޅުގަނޑުމެންގެ ސަރުކާރަށް ކަންތައްތައް ކިޔައިދިނުމުގައި އެ މީހުން ބޭނުންވާ ގޮތަށް ކަންތައްތައް ބައްޓަންވަމުން އެ ގެންދަނީ. ހުދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިނގިރޭސިން އެބަތިބި."
އެތައް އަހަރެއް ވަންދެން މިނިވަން ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އޮތުމަށް ފަހު އަނެއްކާ ވެސް އެނބުރި އިނގިރޭސިންގެ "ޖީބުގެ ތެރެއަށް" ރާއްޖެ ވަންނަމުންދާ ކަމަށް ވެސް ރޭގެ ޖަލްސާގައި މައުމޫން ވިދާޅުވި އެވެ.
ރައްޔިތުން އިސްލާމް ދީން ހިޔާރުކޮށްފައިވަނީ އެ މީހުންގެ އަމިއްލަ އިހްތިޔާރުން ކަމަށާއި އެ ދީނުގައި ދެމިހުރުމަކީ ވެސް އެ މީހުންގެ ހައްގެއްކަމަށް މައުމޫން ވިދާޅުވި އެވެ. އަދި ދިވެހިރާއްޖެ ފަދަ ކުޑަ އަދި އާބާދީ މަދު ގައުމެއްގައި އެހެން ދީނަކަށް ފުރުސަތު އޮވެއްޖެ ނަމަ ދީނީ ހިޔާލު ތަފާތުވުން އުފެދި ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ރާއްޖޭގައި މި އޮތް އެއްބައިވަންތަކަން ދެމެހެއްޓުމަކީ ވެސް އަޅުގަނޑުމެންގެ ގައުމީ މަސްލަހަތުތަކުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު މަސްލަހަތެއް. އެންމެން އެކަތިގަނޑަކަށްވެގެން މަސައްކަތްކުރުން. މިހާރު ވަމުންދަނީކީ އެހެނެއް ނޫން،" މައުމޫން ވިދާޅުވި އެވެ. "މިކަން އަޅުގަނޑުމެންނަށް ރައްކާތެރިކުރެވޭނީ ވެސް އަޅުގަނޑުމެންގެ ޕާޓީ އަށް އެކަށީގެންވާ އަޣުލަބިއްޔަތެއް ރައްޔިތުންގެ މަޖިލީހުގައި ލިބިގެން. ރާއްޖޭގެ އެންމެ މަތީ މަސްލަހަތުތައް ރައްކާތެރިކުރެވޭނީ އެގޮތުން."
ރައީސްކަމުގެ މަގާމުގައި އެ މަނިކުފާނު ހުންނެވި އިރު 2004 ވަނަ އަހަރު ފެއްޓެވި އިސްލާހީ ޕްރޮގްރާމް މިހާރު ކާމިޔާބުވެ އޭގެ ދަށުން އާ ގާނޫނު އަސާސީއެއް ހަދާފައިވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. ނަމަވެސް އެ ގާނޫނު އަސާސީގައި ބުނާ ގޮތަށް ކަންތައްތައް ހިނގަމުންނުދާ ކަމަށާއި އެހެންވެ ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ވެސް ވަރަށް ބޮޑު ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
ޑީއާރުޕީ ބައިބައިވެއްޖެ ކަމަށް މި ދުވަސްކޮޅު ވާހަކަ ދެކެވޭތީ އެއަށް ރައްދު ދެއްވަމުން އެ މަނިކުފާނު ވިދާޅުވީ ހިޔާލު ތަފާތުވުމަކީ މައްސަލައެއް ނޫން ކަމަށާއި ޑިމޮކްރެޓިކް ނިޒާމެއްގައި ކަންކަން ވާންޖެހޭނީ ވެސް އެހެން ކަމަށެވެ. ނަމަވެސް އެހެން މީހަކާ ހިޔާލު ތަފާތުވާ ކޮންމެ ފަހަރަކު ނުކުތުމަކީ ރަނގަޅުކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޕާޓީގެ ތެރޭގައި ވެސް އެއްވެސް ކަމަކާ ބެހޭ ގޮތުން ހިޔާލު ތަފާތުވެއްޖެއްޔާ ތިމާ އަމިއްލަ އަށް ތިމަންނަގެ ހިޔާލު ތަފާތުވެއޭ ބުނެފަ ނުކުންނަންވީއެއް ނޫން. ހަދަންވީ ގޮތަކީ ޕާޓީގެ ތެރޭގައި އެ ވާހަކަ ދައްކައިގެން، ޕާޓީގެ އަޣުލަބިއްޔަތު ބޭނުންވަނީ ކޮން ގޮތަކަށްތޯ ބަލައިގެން އެ ގޮތަކަށް އެކަން ގެންދިއުން،" މައުމޫން ވިދާޅުވި އެވެ.
މައުމޫންގެ އިތުރުން ރޭގެ ޖަލްސާގައި، މާފަންނު އުތުރު ދާއިރާ އަށް ކުރިމަތިލައްވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، އަހުމަދު ޒާހިރު (ސީނާ ޒާހިރު) އާއި މާފަންނު ދެކުނު ދާއިރާ އަށް ކުރިމަތިލައްވާ އަސްމާ ރަޝީދާއި މާފަންނު ހުޅަނގު ދާއިރާ އަށް ކުރިމަތިލައްވާ އަބްދުﷲ އަބްދުއްރަހީމް (އާމިރު) އާއި ވިލިމާފަންނު ދާއިރާ އަށް ކުރިމަތިލައްވާ އަހުމަދު ނިހާން ވެސް ވާހަކަ ދެއްކެވި އެވެ.
އަޅުގަނޑުމެންގެ މިނިވަންކަމާއި ދީން ރައްކާތެރިކުރެވޭނީ ޑީއާރުޕީ އަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބިގެން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ