ރާއްޖެ އަށް މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު، ކުރީ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު  13.9 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ލިބިފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ފެބްރުއަރީގައި  67،963 ޓޫރިސްޓުން އައިސްފައިވާއިރު، މިދިޔަ ފެބްރުއަރީ މަހު އައިސްފައި ވަނީ  58،520 ޓޫރިސްޓުންނެވެ. ފެބްރުއަރީ މަހަކީ އާންމުކޮށް ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ މަހެވެ. 
ޓޫރިޒަމް މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި މި އަހަރުގެ ޖެނުއަރީ ގައި  61،531 ޓޫރިސްޓުން އައިސްފައިވާއިރު، އެއީ ވެސް ކުރީ އަހަރުގެ ޖެނުއަރީގައި އައި ޓޫރިސްޓުންގެ އަދަދާ އަޅާބަލާއިރު  4.8 ޕަސެންޓް ދަށްވުމެކެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ދެ މަސް ދުވަހު އައި ޓޫރިސްޓުންގެ އަދަދު ވެސް ދަށްވުމާ އެކު، ޖެނުއަރީ އާއި ފެބްރުއަރީ ގައި ރާއްޖެ އައި ޖުމްލަ ޓޫރިސްޓުންގެ އަދަދު ވަނީ  9.5 ޕަސެންޓް ދަށްވެފަ އެވެ. ދެ މަސް ދުވަހުގެ ތެރޭގައި ރާއްޖެ އަށް އައިސްފައި ވަނީ  120،051 ޓޫރިސްޓުންނެވެ. 
ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ މުހިންމު މާކެޓަށް ބަލާއިރު، އިނގިރޭސި ވިލާތުން މިދިޔަ މަހު އައިސްފައި ވަނީ  8،573 ޓޫރިސްޓުންނެވެ. އެއީ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު  23.7 ޕަސެންޓް ދަށްވުމެކެވެ. އިޓަލީން  11،604 ޓޫރިސްޓުން އައިސްފައިވާއިރު ޖަރުމަނުން އައީ  5،319 ޓޫރިސްޓުންނެވެ. އެއީ  14.9 ޕަސެންޓާއި  14 ޕަސެންޓުގެ ދަށްވުމެކެވެ. ޖަޕާނުން  2،802 ޓޫރިސްޓުން އައިސްފައިވާއިރު، އެއީ  6.1 ޕަސެންޓްގެ ވެއްޓުމެކެވެ.
ރާއްޖޭގައި އަލަށް އުފެދެމުން އަންނަ މާކެޓްތަކަށް ބަލާއިރު، މިދިޔަ މަހު ޗައިނާ އިން އައި ޓޫރިސްޓުންގެ އަދަދު  52.4 ޕަސެންޓް އަދި ރަޝިޔާ އިން އައި ޓޫރިސްޓުންގެ އަދަދު  3.6 ޕަސެންޓް ވަނީ ދަށްވެފަ އެވެ. މިދިޔަ މަހު ޗައިނާ އިން އައީ  2،682 ޓޫރިސްޓުންނެވެ. ރަޝިޔާ އިން އައީ  3،220 ޓޫރިސްޓުންނެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދު ވަނީ  520،331 އިން  456،697 އަށް ދަށްވެފަ އެވެ. އެއީ  12.2 ޕަސެންޓް ދަށްވުމެކެވެ. ރާއްޖޭގެ ރިސޯޓުތަކުގެ އޮކިޔުޕަންސީ  101.8 އިން  89.5 ޕަސެންޓަށް ވަނީ ވެއްޓިފަ އެވެ. އެއީ  12.4 ޕަސެންޓްގެ ވެއްޓުމެކެވެ. އަދި ޖުމްލަ އޮކިޔުޕަންސީ  86.7 ޕަސެންޓުގައި ހުރިއިރު އެއީ  12.6 ޕަސެންޓް ދަށްވުމެކެވެ. 
ރާއްޖޭގެ ގައުމީ ތަފާސްހިސާބުތައް ދިރާސާކުރާ ފަރާތްތަކުން އަންދާޒާކޮށްފައިވާ ގޮތުގައި މި އަހަރު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވާނީ  0.4 ޕަސެންޓަށެވެ. މިދިޔަ އަހަރު އިތުރުވީ އެއް ޕަސެންޓެވެ. ޓޫރިޒަމް އިންޑަސްޓްރީގެ ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ތަނުގައި  25 ޕަސެންޓަށް ވުރެ ބޮޑަށް ރާއްޖޭގެ ޓޫރިޒަމް ދަށަށް ދާނެ އެވެ.
    
    ފެބްރުއަރީ މަހު އައި ޓޫރިސްޓުންގެ އަދަދު 13 ޕަސެންޓް ދަށަށް
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ