އުއްތަމަ ފަނޑިޔާރަކަށް އަބްދުﷲ ސައީދު ހަމަޖައްސައި، ސުޕްރީމް ކޯޓު މުލީއާގޭގައި ގާއިމްކޮށްފި

އާ ގާނޫނު އަސާސީގެ ދަށުން އުފެއްދި އިންތިގާލީ މަރުހަލާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ސ. މީދޫ، އަލިވާގޭ އަލްއުސްތާޒް އަބްދުﷲ ސައީދު ހަމަޖައްސައި މުލީއާގޭގައި އެ ކޯޓް ހިންގާ ގޮތަށް ހަމަޖައްސައިފި އެވެ.
ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އިންތިގާލީ އުއްތަމަ ފަނޑިޔާރަކަށް އަބްދުﷲ ސައީދު ހޮވިވަޑައިގެންނެވީ އެ ކޯޓުގެ ފަސް ފަނޑިޔާރުންގެ މެދުގައި ނެގި ސިއްރު ވޯޓުގެ އިއްތިފާގުން ކަމަށެވެ.
އިންތިގާލީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް އަބްދުﷲ ސައީދު މިއަދު ވިދާޅުވީ ސުޕްރީމް ކޯޓް، ރައީސުލްޖުމްހޫރިއްޔާ ކުރިން އުޅުއްވި ރަސްމީ ގެކޮޅު، މުލީއާގޭގައި ވަގުތީ ގޮތުން ހިންގުމަށް ހަމަޖައްސައިފައިވާ ކަމަށާއި މާދަމާ އިން ފެށިގެން ކޯޓުގެ މަސައްކަތް ހިނގަމުންދާނެ ކަމަށެވެ.
"އާދީއްތަ ދުވަހު (މާދަމާ) އަޅުގަނޑުމެން މަސައްކަތް އެބަފަށައިގަންނަން. އެއާއެކު ސުޕްރީމް ކޯޓަށް މައްސަލަ ބަލައިގަތުން ވެސް މާދަމާއިން ފެށިގެން ކުރިއަށްދާނެ. ވަގުތީ ގޮތުން ސުޕްރީމް ކޯޓް ހިންގަނީ މުލީއާގޭގެ އެއްބައިގައި. މުލީއާގޭގައި ސުޕްރީމް ކޯޓު ހިންގުން އަދި ދާއިމީއެއްނުކުރޭ،" ކުރިން އެޓާނީ ޖެނެރަލްގެ ނައިބަކަށް ހުންނެވި އަބްދުﷲ ސައީދު ވިދާޅުވި އެވެ. ސުޕްރީމް ކޯޓު ހިންގުމަށްޓަކައި ދޫކޮށްފައި ވަނީ ފަޅަށް ހުންނަތާ އެތައް ޒަމާނެއް ވެފައިވާ މުލީއާގޭ އިރުމަތީ ފަރާތު ބައި ކަމަށް އޭނާ ވިދާޅުވި އެވެ.
އިންތިގާލީ މަރުހަލާގެ ސުޕްރީމް ކޯޓު ހިންގުމަށްޓަކައި މުލީއާގެ މި ހަމަޖެއްސީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވުމަށްޓަކައި އެގެ ހަމަޖެއްސެވުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމެޓީން ފާސްކޮށް، މަޖިލީހުގެ ރައީސަށް އެކަން ހުށަހަޅުއްވައިފައި ވަނިކޮށެވެ. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ޝިހާބު ވިދާޅުވެފައި ވަނީ އެކަމާ މެދު ގޮތެއް ނިންމަވާނީ މަޖިލީހުގެ ތަޅުމަށް އެ މައްސަލަ ހުށަހަޅުއްވައިގެން ކަމަށެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަންގެ މަޝްވަރާގެ މަތިން ސުޕްރީމް ކޯޓަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ފަސް ފަނޑިޔާރުންނަކީ އަބްދުﷲ ސައީދުގެ އިތުރުން އަލްއުސްތާޒް އަހުމަދު ފާއިޒު ހުސެއިނާއި ޝޭހު އަބްދުﷲ އަރީފާއި އަލްއުސްތާޒް މުޖުތާޒް ފަހުމީ އަދި ޝޭހު ޔޫސުފް ހުސެއިނެވެ. މި ފަސް ބޭފުޅުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ފަނޑިޔާރުކަމުގެ ހުވާކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ