ސުޕްރީމް ކޯޓުގެ މަސައްކަތް ފެށުން: މި ތަނުގެ ސަބަބުން ގާނޫނު އަސާސީގެ ރޫހާ އެއްގޮތަށް އަދުލު އިންސާފު ގާއިމްކުރުމަށް މަގު ފަހިވެގެންދާނ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމްކުރި ސުޕްރީމް ކޯޓުގެ މަސައްކަތް މިއަދު ފެށުމުން ގާނޫނު އަސާސީގެ ރޫހާ އެއްގޮތަށް އަދުލު އިންސާފު ގާއިމްކުރުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ ކަމަށާއި އެއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އިންތިގާލީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް އަބްދުﷲ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މަޝްވަރާގެ މަތިން ހައިކޯޓަށާއި މަދަނީ ކޯޓަށް އައްޔަންކުރި ފަނޑިޔާރުން ހުވާކުރުމަށްޓަކައި މިއަދު ހެނދުނު ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓު ހިންގާނީ ބައިނަލްއަގްވާމީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
"މިއަދުން ފެށިގެން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު މި ވަނީ ހުޅުވިފައި. އަޅުގަނޑުމެން މައްސަލަތައް ބަލައިގަންނަމުންދާނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ހުށަހަޅާ މައްސަލަތައްތޯ ބަލައި ދިރާސާކުރުމަށް ފަހު. ސުޕްރީމް ކޯޓު އުފެދިގެން އައުމަކީ އަދުލު އިންސާފުގެ ނިޒާމަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް،" ކުރިން އެޓާނީ ޖެނެރަލްގެ ނާއިބުގެ މަގާމު ފުރުއްވި އަބްދުﷲ ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުލީއާގޭގެ އިރުއުތުރު ފަރާތުގައި ގާއިމްކޮށްފައިވާ ސުޕްރީމް ކޯޓުގެ އެކި މަގާމުތަކަށް ޝަރުއީ ދާއިރާގެ ތަޖުރިބާ ލިބިފައިވާ ފަރާތްތައް އިސްކުރުމަށް ވަރަށް ބޮޑަށް އިސްކަންދެއްވާނެ ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމަލީ މަސައްކަތްތައް މިއަދު ފެށިއިރު މައްސަލަ ހުށަހެޅުމަށްޓަކައި ފޯމެއް ގެންގޮސްފައިވާ ކަމަށާއި އެހެން ނަމަވެސް މައްސަލައެއް ހުށަހަޅައިފައި ނެތް ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމަލީ މަސައްކަތްތައް މިއަދު ފެށުމާ އެކު އުއްތަމަ ފަނޑިޔާރުގެ ކުރިމަތީގައި ފުރަތަމަ ފަހަރަށް ތިން ފަނޑިޔާރަކު ހުވާކުރެއްވި އެވެ. އެއީ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އަހުމަދު ޝަރީފު އަލީ އާއި މަދަނީ ކޯޓުގެ ފަނޑިޔާރު ކަމަށް މުހައްމަދު ހިލްމީ އާއި މުހުތާޒު މުހުސިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ