އަނެއްކާ ވެސް މައުމޫން!

ޖެނުއަރީ ،25 2010 ގައި ސިޔާސީ މައިދާނާ ދުރަށް ވަޑައިގެންނެވުމުގެ ގޮތުން މައުމޫން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި އެވެ؛ "އަޅުގަނޑު މިހާރު އާއިލާއާ އެކު ވަގުތު ހޭދަކުރަން ބޭނުންވަނީ. އަދި ސިޔާސީ މާހައުލުން ދުރަށް ޖެހިލައި ޒުވާން ޖީލުތަކަކަށް ފުރުސަތު ދޭން ބޭނުންވަނީ. އަޅުގަނޑު ދެކޭ ގޮތުގައި ޑީއާރުޕީގެ ކުރިއެރުން އޮތީ ޒުވާން ޖީލްތަކުގެ އަތް މަތީގައި. އެހެންވީމަ އެ ފުރުސަތު ދޭން އަޅުގަނޑު ބޭނުންވަނީ. ރީތިކޮށް ވަކިވާން އަޅުގަނޑު ބޭނުންވަނީ. އަދި އަޅުގަނޑު ބޭނުންވަނީ ޑިމޮކްރެޓިކް މިސާލެއް ދައްކަން."
އެހެން ނަމަވެސް، އަލަށް އުފައްދަވަން މަސައްކަތް ކުރައްވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ވަގުތީ ރައީސް ކަމަށް ރައީސް މައުމޫން ކުރިމަތި ލައްވައި 900 އަށް ވުރެ ގިނަ މީހުންގެ އިއްތިފާގުން ހޮވި ވަޑައިގަތުމާ އެކު އެމަނިކުފާނު އެ ވިދާޅުވި "އަގުހުރި" ބަސްފުޅު މިހާރުވަނީ އެކޮޅުކޮޅުން އެނބުރިފަ އެވެ. އާންމުންގެ ހީތައް ވެސް ވަނީ ޔަގީނާ ގާތަށް ބަދަލުވެފަ އެވެ. މައުމޫންގެ އެ ނިންމެވުން މިހާރު މާނަކުރެވެނީ އެނބުރި ސިޔާސީ މައިދާނަށް ވަރަށް ސާފުކޮށް ވަޑައިގަތުމާ އެވެ.
ޕީޕީއެމް އުފެއްދުމަށްޓަކައި ސިޔާސީ ޕާޓީގެ ގަވާއިދުގައިވާ ގޮތުގެ މަތިން ރޭ ދަރުބާރުގޭގައި ބޭއްވި ބައްދަލުވުމުގައި، އެ ޕާޓީގެ ވަގުތީ ރައީސަކަށް މައުމޫން ހޮވިވަޑައިގަތްއިރު އެމަނިކުފާނާ އެއްވެސް އެހެން ބޭފުޅަކު ވާދައެއް ނުކުރައްވަ އެވެ.
ރޭ 10 ޖެހިއިރުން ފެށިގެން ފަތިހު 30: 5 އާ ހަމައަށް ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ވަނީ ވަގުތީ ރައީސްގެ މަގާމުގެ އިތުރުން އިންތިގާލީ ކައުންސިލަށް ވެސް 16 މެމްބަރަކު އިންތިހާބުކޮށްފަ އެވެ. ސިއްރު ވޯޓުން އިންތިގާލީ ކައުންސިލަށް ހޮވުނީ އުމަރު ނަސީރާއި މުހައްމަދު ހުސެއިން ޝަރީފު (މުންދު) އާއި އައިޝަތު އާޒިމާ ޝަކޫރާއި މުހައްމަދު ވަހީދު އިބްރާހީމް (ވައްޑެ) އާއި އަހުމަދު ފާރިސް މައުމޫނާއި އަނީސާ އަހުމަދާއި މާޒް އަހުމަދު ސަލީމާއި އިބްރާހިމް ނާޒިމާއި ރާޝިދާ ޔޫސުފާއި ޑރ. އައިޝަތު ޝިހާމާއި އަހުމަދު ސިއްދީގާއި ޑރ. އަބްދުއް ސައްތާރު އަބްދުއް ސަމަދާއި މުހައްމަދު ނިމާލް އާއި އަސްމާ ރަޝީދާއި އިބްރާހިމް މުއާޒް އަލީ އަދި އަހުމަދު ނަސީމް އެވެ.
އިންތިގާލީ ކައުންސިލްގެ އިންތިހާބީ މަގާމުތަކަށް 26 މީހަކު ކުރިމަތިލާފައިވެ އެވެ. އިންތިގާލީ ކައުންސިލްގެ އިންތިހާބީ މަގާމުތަކުގެ އަދަދަކީ 16 ކަމަށް ވާއިރު ތިން މެމްބަރަކު އައްޔަން ކުރަންޖެހެނީ ޕީޕީއެމްގެ އަސާސީ ގަވާއިދު ބުނާގޮތުން ވަގުތީ ރައީސެވެ. އަދި 11 ބޭފުޅުންނަކީ ޕީޕީއެމްގެ ޕާލަމެންޓްރީ މެމްބަރުންނެވެ. ވަގުތީ ރައީސް އައްޔަންކުރަންޖެހޭ ތިން މަގާމަށް މައުމޫން އަދި ބޭފުޅުން ހަމަނުޖައްސަވަ އެވެ.
ޕާލަމެންޓްރީ ގުރޫޕުން އިންތިގާލީ ކައުންސިލަށް ހޮވުނީ މައުމޫންގެ ކޮއްކޯފުޅު މުލަކު ދާއިރާގެ އަބްދުﷲ ޔާމީނާއި ގަލޮޅު ދެކުނު ދާއިރާގެ އަހުމަދު މަހުލޫފާއި ވައިކަރަދޫ ދާއިރާގެ އަލީ އާރިފާއި ހަނިމާދޫ ދާއިރާގެ މުހައްމަދު މުޖުތާޒާއި ނިލަންދޫ ދާއިރާގެ އަބްދުލް މުހުސިން ހަމީދާއި ފޮނަދޫ ދާއިރާގެ އަބްދުއްރަހީމް އަބްދުﷲ އާއި އިނގުރައިދޫ ދާއިރާގެ ހަމްދޫން ހަމީދާއި ގެމަނަފުށީ ދާއިރާގެ އިލްހާމް އަހުމަދާއި އޭދަފުށީ ދާއިރާގެ އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި އުނގޫފާރު ދާއިރާގެ ޑރ. އަފްރާޝީމް އަލީ އެވެ. ޕާލަމެންޓްރީ ގުރޫޕުން ކައުންސިލަށް ހޮވާ ބޭފުޅުން ކަނޑައެޅުމަށް ފުރަތަމަ ނެގި ވޯޓުގައި ޑރ. އަފްރާޝީމާއި މާވަށު ދާއިރާގެ އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރަށް ލިބިވަޑައިގަތް ވޯޓުގެ އަދަދު އެއްވަރުވުމުން ދެވަނަ ފަހަރު ނެގި ވޯޓުން ހޮވިވަޑައިގަތީ ޑރ. އަފްރާޝީމެވެ.
ޕީޕީއެމްގެ ކުލައިގެ ގޮތުގައި ފާސްކޮށްފައި ވަނީ މެޖެންޓާ ނުވަތަ އަސުރުމާ ކުލަ އެވެ. އެ ކުލަ ފާސްވެފައި ވަނީ ހާޒިރުވި 971 މީހުންގެ ތެރެއިން 603 ވޯޓުންނެވެ. އަސުރުމާ ކުލައިގެ އިތުރުން ރަތްކުލަ އާއި ގުރާ ފެހިކުލަ އަކީ ވެސް ޕާޓީގެ ކުލަ ކަމަށް ހަމަޖެއްސުމަށް ވެސް ހުށަހެޅި އެވެ. މީގެ ތެރެއިން މައުމޫން ވޯޓު ދެއްވި ރަތްކުލަ އަށް ލިބުނީ 323 ވޯޓެވެ. އަސުރުމާ ކުލަ ފާސްވުމުން ގުރާ ފެއްސަކަށް ވޯޓަކަށް ނާހަ އެވެ.
ޕާޓީގެ ލޯގޯއެއްގެ ގޮތުގައި ފާސްކުރީ ރުކަކާއި ހަނދުފަޅި ހިމެނޭ ލޯގޯ އެކެވެ. ލަންކާގައި ގްރެފިކްސް ޑިޒައިނިން އިން މާސްޓާސް ހަދަމުންދާ ޒުވާނެއް ކަމަށްވާ ހުސެއިން މާޒިން އާއި ގަލޮޅު ދެކުނު ދާއިރާގެ އަހުމަދު މަހުލޫފު ޑިޒައިންކުރި މި ލޯގޯ ފާސްވީ 751 ވޯޓުންނެވެ. ލޯގޯ ފާސްކުރުމުގެ ވޯޓުގައި މައުމޫންގެ ދެކަނަބަލުން ބައިވެރިވެ ވަޑައެއް ނުގަންނަވަ އެވެ. މައުމޫން ވިދާޅުވީ ހުރިހާ ލޯގޯއެއް ވެސް އެ މަނިކުފާނުގެ ދެކަނބަލުންނަށް ރީތި ކަމަށެވެ.
ރޭގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ޕީޕީއެމް އަކީ "ވަކި މީހެއްގެ ޕާޓީއެއް ނޫން" ކަމަށާއި ވަކި ފަރާތަކަށް ނުވަތަ ވަކި ބަޔަކަށް، ވަކި ކަހަލަ ސިޔާސީ ފުރުސަތުތަކެއް ހޯދައިދިނުމަށް މަސައްކަތްކުރާނެ ޕާޓީއެއް ނޫން ކަމަށެވެ.
"ޕީޕީއެމް އަކީ މުޅި ދިވެހި ގައުމަށްޓަކައި އުފެދިގެންދާ ޕާޓީއެއް. މާތްވެގެންވާ އިސްލާމްދީނަށްޓަކައި އުފެދިގެންދާ ޕާޓީއެއް. މި ޕާޓީ އަބަދުވެސް މަސައްކަތްކުރާނީ މާތްވެގެންވާ އިސްލާމްދީނަށާއި ދިވެހި ގައުމަށް ހިދުމަތް ކުރުމުގައި،" މައުމޫން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އެ ޕާޓީ އަކީ ގައުމަށް ހެޔޮ އެދޭ އެންމެންގެ ޕާޓީއެއް ކަމަށެވެ. އަދި ވިދާޅުވީ އެއީ މުއްސަނދިނާއި ފަގީރުންގެ މެދުގައިވާ ތަފާތު ކުޑަކޮށް، އެންމެންގެ މުއްސަނދިކަން އިތުރުވުމަށް ލޯބި ކުރާ ކޮންމެ މީހެއްގެ ޕާޓީއެއް ކަމަށެވެ.
މައުމޫން އަދި ވިދާޅުވީ ރާއްޖޭގެ ސިޔާސީ ހަޔާތުގައި އެންމެ ހަލުއިކޮށް، އެންމެ ގިނަ މެމްބަރުން ހިމެނޭ ގޮތަށް އަދި ރައްޔިތުންގެ އެންމެ ބޮޑު ތާއީދާއެކު އުފެދުނު ޕާޓީއަކީ ވެސް ޕީޕީއެމް ކަމަށެވެ.
"ޕާޓީ އުފެއްދުމަށް ބޭނުންވާ 3،000 މެމްބަރުން ހަމަކުރުމުގައި ވެސް މި ޕާޓީ މިވަނީ ރެކޯޑެއް ގާއިމްކޮށްފައި. ވަރަށް ގިނަ ދަތިތަކާއި ކުރިމަތިވަމުންދާއިރު ވެސް މި ޕާޓީގެ މެމްބަރުން މިއަދު ވަނީ ވަރަށް ބޮޑުތަން އިތުރުވެފައި. މާލެ އާއި އެކި އަތޮޅުތަކުގައި މި ޕާޓީއަށް ސޮއިކުރައްވަން ވަޑައިގެންނެވި ބޭފުޅުން އަދި މިހާރު ވެސް އެކަން ކުރައްވަމުން ގެންދަވާ ބޭފުޅުންގެ އަދަދު ވަރަށް ގިނަ،" މައުމޫން ވިދާޅުވި އެވެ.
ޕީޕީއެމް އުފެއްދުމަށް ރޭ ބޭއްވި މި ޖަލްސާ ވަރަށް ބޮޑަށް ދިގުލައިގެން ގޮސް، ވޯޓު ގުނުމުގައި ވަރަށް ބޮޑަށް ލަސްވިކަން ފާހަގަ ކުރެވުނެވެ. އަދި ޖަލްސާ ފަށަން ނިންމާފައި އޮތީ 30: 8 ގައި ނަމަވެސް ޖަލްސާ ފެށޭވަރުވީ 10 ޖަހާކަންހާއިރު އެވެ. އެހާވަރަށް ލަސްވީ ޖަލްސާ އަށް ހާޒިރުވި މެމްބަރުންގެ މައުލޫމާތުތައް ޗެކް ކުރުމުގައި ދިމާވި ތަފާތު އުނދަގޫތަކާ ހެދި ކަމަށް ޕީޕީއެމްގެ އޮފިޝަލުން ވިދާޅުވެ އެވެ.
ރޭގެ ޖަލްސާގައި ބައިވެރިކޮށްފައި ވަނީ އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިވާ 3،019 މީހުންގެ ތެރޭގައި ހިމެނޭ މީހުންނެވެ. ސިޔާސީ ޕާޓީގެ ގަވާއިދު ބުނާ ގޮތުން ޕާޓީ އުފައްދާ ޖަލްސާގައި 300 މީހުން ބައިވެރިވާން ޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ