ހަތް މަސް ފާއިތުވިއިރު ވެސް މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަންގެ ދަރިވަރުންނަށް އިނާޔަތުގެ ފައިސާ ނުލިބިގެން ބައެއް ކުދިން އެޑިއުކޭޝަން މިނިސްޓްރީ އަށް ގޮސް މިއަދު ނުރުހުން ފާޅުކޮށްފި އެވެ.
ފެކަލްޓީ އޮފް އެޑިއުކޭޝަންގައި ބެޗެލާސް އޮފް ޓީޗިން (ސެކަންޑަރީ) ހަދަމުންދާ ކުދިންގެ ތެރެއިން ސާޅީހަކަށް ދަރިވަރުން މިއަދު ހެނދުނު 10 ޖަހާކަންހާއިރު އެޑިއުކޭޝަން މިނިސްޓްރީ އަށް ގޮސް އެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތައް ވަނީ އެ މިނިސްޓްރީގެ ކަމާ ބެހޭ ބޭފުޅުންނަށް ކިޔައިދީފަ އެވެ. އެ ދަރިވަރުންނާ އެޑިއުކޭޝަން މިނިސްޓްރީން ބައްދަލުކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރު އިމާދު ސޯލިހެވެ.
އެޑިއުކޭޝަން މިނިސްޓްރީ އަށް ދިޔަ ބައެއް ކުދިން ބުނިގޮތުގައި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބެން ޖެހޭނެ ކަމަށް ބުނާ 2،170ރ. ހޯދުމަށްޓަކައި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް އެކި ގޮތްގޮތުން ދަންނަވަމުންދާތާ އެތައް ދުވަހެއް ވަނީ ވެފަ އެވެ.
"ކޮންމެ ފަހަރަކު ވިދާޅުވަނީ ހަމަޖެހޭނެއޭ. އެކަން ހަމަޖެހޭނެ ދުވަހެއް ދުވަހަކު ވެސް ނޭނގުނު. މިއަދު ވެސް އިމާދު ސޯލިހު ވިދާޅުވީ ފެހި ސިގްނަލެއް އެބައޮތޭ،" އެޑިއުކޭޝަން މިނިސްޓްރީއަށް ދިޔަ ދަރިވަރުންގެ ތެރޭގައި ހިމެނޭ ދަރިވަރަކު ބުންޏެވެ.
ކޮލެޖުގެ ބައެއް ދަރިވަރުން ބުނީ ކޯސްތައް ހަދާ ދަރިވަރުންނަށް އެލަވަންސް ލިބެންޖެހޭކަން ވެސް އެނގުނީ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވުމުން ކަމަށެވެ.
"އެ ކަންތައް (އެލަވަންސް) އޮންނަ ގޮތް ވެސް ސާފުވީ އިމާދު ސޯލިހު އަޅުގަނޑުމެންނަށް ދެއްވި މައުލޫމާތުތަކާ ގުޅިގެން. އޭނާ ވިދާޅުވީ ފައިސާގެ އިނާޔަތް އެއީ ހަމަޖެހިފައި އޮންނަ އެއްޗެކޭ. މިސް ކޮމިއުނިކޭޝަންގެ ސަބަބުން އެ ފައިސާ ދޭންޖެހޭނެކަން ކޮލެޖަށް ވެސް އޮތީ ނޭނގިފައޭ. އެއީ ރައީސް އޮފީހުން ހަމަޖައްސާފައި އޮންނަ އެއްޗެކޭ އިމާދު ސޯލިހު ވިދާޅުވި. އެ ހިސާބުން އަޅުގަނޑުމެންނަށް ވެސް އެނގުނީ އެލަވަންސަކީ ލިބެންޖެހޭނެ އެއްޗެއްކަން. އެޑިއުކޭޝަނުން އެއްޗެއް ލިބެންޖެހޭކަން އެނގިގެން މީގެ ހަތް މަސްކުރިން ދެ އަހަރުގެ ބޮންޑަކާއެކު އިގުރާރެއްގައި ސޮއިކޮށްފައި އަޅުގަނޑުމެން ހުށަހަޅައިފިން. އެކަމަކު އެ ފައިސާ ލިބޭ ތަނެއް ނާދޭ،" ބެޗެލާސް އޮފް ޓީޗިން ސެކަންޑަރީ ހަދާ ދަރިވަރަކު ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓްރީއަށް މިއަދު ދިޔަ ކޮލެޖުގެ ދަރިވަރުންނާ ބައްދަލު ކުރެއްވި އިމާދު ސޯލިހު ވިދާޅުވީ އޯލެވެލް އިމްތިހާނުން ރަނގަޅު ނަތީޖާ ހޯދާ ކުދިން، އެކި ކޯސްތަކުގައި ކިޔެވުމަށް ހިތްވަރު ދެއްވުމުގެ ގޮތުން ކޮންމެ މަހަކު ފައިސާގެ އިނާޔަތެއް ދެއްވަން މީގެ އަހަރުތަކެއް ކުރިން ރައީސް އޮފީހުން ހަމަޖައްސަވާފައި އޮންނަ ކަމަށެވެ.
"ކޯސްތަކުގައި އުޅޭ ކުދިންގެ ތެރެއިން ވަޒީފާއެއްގައި ނޫޅޭ ކުދިންނަށް ފައިސާގެ އިނާޔަތެއް ދިނުމަށް ރައީސް އޮފީހުން އޮންނަނީ އުސޫލެއްގެ ގޮތުން ހަމަޖައްސާފައި. އެ ފައިސާގެ އުސޫލު ހަމަޖެހިފައި އޮންނަ ގޮތް މީގެ ހައެއްކަ މަސް ކުރިން ކޮލެޖުގެ ނޯޓިސް ބޯޑުގައި އަޅުގަނޑުމެން ޖެހީމަ ކުދިންތަކެއް އެލަވަންސް ހޯދަން ހުށަހެޅީ. އުސޫލެއްގެ ގޮތުން އޮންނަނީ ކޯސްތަކާ ގުޅޭ ދާއިރާއަކުން ކުދިންނަށް އެލަވަންސް ދޭން ރައީސް އޮފީހަށް ހުށަހެޅުމުން އެލަވަންސް ދޭ ގޮތަށް. ފައިސާގެ އިނާޔަތް ހޯދަން ކުދިންތައް ހުށަހެޅުމާ ގުޅިގެން އަޅުގަނޑުމެން ރައީސް އޮފީހަށް ހުށަހެޅިން. އެކަމަކު ފާއިތުވީ ދެ އަހަރު ވެސް މި ފައިސާ ދެވިފައި ނުވުމާއެކު، މިކަން ކޮންމެވެސް ހަރުދަނާ އުސޫލެއްގެ ގޮތުން ކުރުމުގެ ގޮތުން ލަސްވެގެން އުޅެނީ،" އިމާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފައިސާގެ އިނާޔަތް ބޭނުންވާ ކުދިންގެ އޯލެވެލް ސެޓްފިކެޓް ހުށަހެޅުމަށް ރައީސް އޮފީހުން މިހާރު އެދިވަޑައިގެންފައިވާ ކަމަށާއި އެ ސެޓްފިކެޓްތައް ހުށަހެޅުމުން ފައިސާގެ އިނާޔަތް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ބެޗެލާސް އޮފް ޓީޗިން ސެކަންޑަރީގައި ކިޔަވާ ދަރިވަރުން މިއަދު ބުނީ ފާއިތުވީ ދެ އަހަރު ވެސް ފައިސާގެ އިނާޔަތް ނުުލިބޭ ކަމަށެވެ.
އެ ފައިސާގެ ނުދެއްވާ އޮތީ ކީއްވެތޯ ދެންނެވުމުން އިމާދު ވަކި ކޮމެންޓެއް ނުދެއްވި އެވެ.
"އެހާ ޓްރާންސްޕޭރެންޓް ނޫނީ. އެކަމަކު މިހާރު ދަރިވަރުންނަށް އެނގޭނެ ފައިސާގެ އިނާޔަތް އެއީ ލިބެންޖެހޭ އެއްޗެއްކަން. އުސޫލެއްގެ ކުދިން ފައިސާގެ އިނާޔަތަށް ހުށަހެޅުމުން އަޅުގަނޑުމެން އެ ފައިސާ ދެނީ. އެކަން ހަމަޖެހިފައި އޮންނަ އުސޫލު ކުދިންނަށް ނޭނގިފައި އޮތީ،" އިމާދު ވިދާޅުވި އެވެ.
ރައީސް އޮފީހުން މިއަދު ވިދާޅުވީ ކޮލެޖުގެ ބައެއް ދަރިވަރުންނަށް ފައިސާގެ އެހީ ނުލިބިގެން، އެ އޮފީހުގެ ޕަބްލިކް ސާވިސް ޑިވިޝަނުގެ ބައެއް ބޭފުޅުންނާ ބައެއް ދަރިވަރުން މިއަދު ބައްދަލުކޮށްފައިވާ ކަމަށެވެ.
"ވަރަށް ހާއްސަ ސަމާލުކަމެއް ދީގެން އެ މައްސަލަ ބަލަމުން އެބަދޭ. ވަރަށް އަވަހަށް ކޮންމެވެސް ގޮތެއް ހަމަޖެހިގެންދާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ،" ރައީސް އޮފީހުގެ އިސް ބޭފުޅަކު ފޯނުން ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީ އަށް ދިޔަ ދަރިވަރުން މިއަދު ރައީސް އޮފީސް ކައިރިއަށް ވެސް ދިޔަ އެވެ. އެ ކުދިން ރައީސް އޮފީސް ކައިރިއަށް ދިޔައީ އެ އޮފީހުގެ އިސް ވެރިއަކާ އެޕޮއިންޓްމަންޓެއް ހޯދުމުގެ ބޭނުމުގައި ކަމަށް ވެ އެވެ.
ހަތް މަހުގެ އިނާޔަތު ފައިސާ ނުލިބިގެން ކޮލެޖުގެ ބައެއް ދަރިވަރުން އެޑިއުކޭޝަނަށް ގޮސް ނުރުހުން ފާޅުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ