ތާރީހީ ވޯޓުގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވަމުން އެބަދޭ

ހެނދުނު މާލެ އިން ފެނުނު މަންޒަރުތަކަށް ބަލާއިރު، ހީވަނީ މި ދުވަސް ނައިސްގެން އެތައް ބަޔަކު އިންތިޒާރު ކުރަމުންހެންނެވެ. ހެނދުނު 30: 8 އިން ފެށިގެން ވޯޓު ލާ މަރުކަޒުތައް ކައިރި އަށް މީހުން ޖަމާވަމުން ދިޔަ އެވެ. ހެނދުނު 00: 9 ގައި ވޯޓު އަޅާ ހުސް ފޮށި ދައްކާލި އިރު، މާލޭގައި ވޯޓު ލާ ގިނަ ގިނަ މަރުކަޒުތަކުގެ ގޮނޑިތައް ވަނީ ފުރިފަ އެވެ.
"އަހަރެން 30: 8 އިން ފެށިގެން މި ހުރީ ކިޔޫގައި،" މާލޭގައި ދިރިއުޅޭ ބ. އަތޮޅު ރައްޔިތުން ވޯޓުލުމަށް ޓަކައި، ޣިޔާސުއްދީން ސްކޫލުގައި ބަހައްޓާފައިވާ ފޮއްޓެއް ކައިރީގައި ކިޔޫގައި އިން މީހަކު ބުންޏެވެ. ވޯޓު ލާން ފެށިއިރު، އެ މަރުކަޒުގެ ހުރިހާ ވޯޓު ފޮއްޓެއް ކައިރީގައި ހުރި ގޮނޑިތައް ފުރި ބައެއް މީހުން ކިޔޫގައި ކޮޅަށް ތިބި ތަން ވެސް ފެނިގެން ދިޔަ އެވެ.
"ހެނދުނު ހައެއް ޖެހިއިރު ހޭލިގޮތަށް މި އުޅެނީ. އަވަހަށް ނިންމާލީމަ މިކަން ނިމުނީނު،" އެ ފޮށި ކައިރީގައި ކިޔޫގައި ހުރި މީހަކު ބުންޏެވެ.
މާލޭ ރަށްވެހިން ވޯޓުލުމަށް ޓަކައި އަމީނިއްޔާ ސްކޫލުގައި ބަހައްޓާފައި ހުރި ފޮއްޓެއް ކައިރީގައި ހުރި މީހަކު ބުނީ، މިއީ ވޭތުވެދިޔަ ތިން ހަފުތާއެއްހާ ދުވަހު ކުރި އިންތިޒާރީގެ ނިމުން ކަމަށެވެ. އޭނާ ބުނީ، އެހާ ހެނދުނާ ވޯޓުލާން ނުކުތީ، އޭނާ މެންދުރު ފަހު ރާއްޖެ އިން ބޭރަށް ފުރަން ޖެހޭތީ ކަމަށެވެ.
"ވޯޓަށް ޓަކައި ކޮންމެހެން މިއަދު މާލޭގައި މި މަޑު ވެސް ކުރީ،" އޭނާ ބުންޏެވެ.
ވޯޓު ލާ ބައެއް މަރުކަޒުތަކުން ހެނދުނު ފެނުނު އެންމެ ފާހަގަ ކުރެވުނު އެއް ކަމަކީ ގިނަ އަދަދަކަށް ފުލުހުންނާއި ސިފައިން ވޯޓު ލާން ގޮސް ތިބި ކަމެވެ. ވޯޓު ލާން ގޮސް ހުރި ފުލުހުންގެ އިސް މީހަކު ބުނީ، ގިނަ ފުލުހުންތަކެއް މި ވަގުތު ވޯޓު ލާން ނުކުމެ އުޅޭ މައިގަނޑު އެއް ސަބަބަކީ، މެންދުރު ފަހު ދިމާވެދާނެ ކަމަކަށް ޓަކައި ވޯޓު ނުލެވިދާނެ ކަމުގެ ބިރު އޮތުމެވެ.
"އަހަރެމެން މި ތިބީ ޑިއުޓީ އަށް ނުކުމެ. އެހެންވެ، މި ގަޑީގައި ވޯޓުލުން ނިންމާލީމަ މިއަދު ދެން ވަރަށް ފަސޭހަވާނެ. ކަމެއް ޖެހިއްޖިއްޔާ ވޯޓު ލާން ނާދެވިދާނެ،" އޭނާ ބުންޏެވެ.
މާލޭގައި ވޯޓު ލާން ގޮސް ތިބި މީހުންގެ ތެރޭގައި ޒުވާނުން ގިނަ ކަން ވެސް ފާހަގަ ކުރެވެ އެވެ. މީގެ ކުރީގެ އިންތިހާބުތަކުގައި ޒުވާނުން މެންދުރު ފަހު ވޯޓު ލާން ނުކުތް ނަމަވެސް، މިއަދު ގިނަ އަދަދެއްގެ ޒުވާނުން ތިބިތަން ފެނުނެވެ.
މާލޭގައި ވޯޓު ލުމުގެ ކަންތައްތައް ހެނދުނު ދިޔައީ ވަރަށް އޮމާންކަމާ އެކު އެވެ. އެއްވެސް މައްސަލައެއް ނެތެވެ. މީސް މީހުން ހޫނުވެގެން އުޅޭ ތަނެއް ނުފެނެ އެވެ. އެހެން ނަމަވެސް، ބައެއް ސަރަހައްދުތަކުގައި ވޯޓުގެ ރަޖިސްޓްރީގައި މައްސަލަތަކެއް ހުރި ކަމަށް ވަނީ އެނގިފަ އެވެ. އޭގެ ތެރޭގައި ބައެއް ރަށްރަށާއި ބައެއް ރިސޯޓުތައް ހިމެނެ އެވެ. އޭގެ ތަފުސީލުތަކެއް އަދި ނުލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ